އެމްއެމްއޭގެ މާލީ ހޭލުންތެރިކަމުގެ ޕްރޮގްރާމް ހއ. ގެ ހަ ރަށެއްގައި ކުރިއަށް ގެންގޮސްފި
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފިންލިޓް ފެސްޓް ރަށްރަށަށް ޕްރޮގްރާމްގެ ދަށުން ފުރަތަމަ ފަހަރަށް ހއ. އަތޮޅުގެ ހަ ރަށެއްގައި މާލީ ހޭލުންތެރިކަމުގެ ހަރަކާތްތައް ކުރިއަށް ގެންގޮސް ނިންމައިފިއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފިންލިޓް ފެސްޓް ރަށްރަށަށް ޕްރޮގްރާމްގެ ދަށުން ފުރަތަމަ ފަހަރަށް ހއ. އަތޮޅުގެ ހަ ރަށެއްގައި މާލީ ހޭލުންތެރިކަމުގެ ހަރަކާތްތައް ކުރިއަށް ގެންގޮސް ނިންމައިފިއެވެ.
ދިއްދޫ، ވަށަފަރު، ފިއްލަދޫ، އުތީމު، މުރައިދޫ އަދި ކެލާގައި ކުރިއަށް ގެންދިޔަ މި ހަރަކާތްތަކުގައި ޢާންމު ރައްޔިތުންނަށާއި ސްކޫލް ދަރިވަރުންނަށް މާލީ ދާއިރާއާ ގުޅޭ ތަފާތު މައުލޫމާތު ފޯރުކޮށްދީފައިވެއެވެ. މި ދަތުރުގައި އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރާއި ޑެޕިއުޓީ ގަވަރުނަރު ޢާއިޝަތު އަސްނާ ޙަމްދީ އަދި ފައިނޭންޝަލް ލިޓްރަސީ އެޑްވޮކޭޓް އަޙްމަދު ރިޒާ ބައިވެރިވެވަޑައިގެންނެވިއެވެ.
ދިއްދޫގައި ކުޑަކުދިންނަށް ޚާއްޞަ ހަވީރެއް ބާއްވައި، ރާއްޖޭގެ ފައިސާގެ ތާރީޚު ދައްކައިދޭ ސްޓޯލަކާއި މާލީ މެސެޖުތައް ލިބޭ ގޭމުތައް ކުރިއަށް ގެންދިޔައެވެ. އެ ހަވީރު ކުރިއަށް ގެންގޮސްފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ބައިވެރިވުމާ އެކުގައެވެ. ދިއްދޫ އަދި ވަށަފަރުގައި ވެސް އަންހެނުންގެ މާލީ ބައިވެރިވުން އިތުރުކުރުމުގައި ހުރި ގޮންޖެހުންތަކާ ގުޅޭ ގޮތުން ފޯކަސް ގްރޫޕް ޑިސްކަޝަންތައް ބޭއްވިއެވެ. އެ ސެޝަންތައް ކުރިއަށް ގެންދެވީ ޑެޕިއުޓީ ގަވަރުނަރު ޢާއިޝަތު އަސްނާ ޙަމްދީއެވެ.
ފިއްލަދޫ، އުތީމު، މުރައިދޫ އަދި ކެލާގައި ސްކޫލް ދަރިވަރުންނަށް ޚާއްޞަ ސެޝަންތައް ބާއްވައި، ޒިންމާދާރުކަމާ އެކު ފައިސާ ޚަރަދުކުރުމާއި ރާއްޖޭގެ އިޤުތިޞާދާއި ބޭންކިން ދާއިރާގެ ވަޒީފާގެ ފުރުޞަތުތަކާ ގުޅޭ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. ޕޭމަންޓް މޯލްޑިވްސްގެ ފަރާތުން ފަވަރަ އާއި ޑިޖިޓަލް ޕޭމަންޓުގެ ކުރިމަގާ ބެހޭ ގޮތުން ވެސް ބައިވެރިންނަށް މައުލޫމާތު ދީފައިވެއެވެ.
އެމްއެމްއޭއިން ބުނީ މިއީ ރަށްރަށުގައި މި ގޮތަށް ހަރަކާތް ހިންގުމުގެ ފުރަތަމަ ބުރު ކަމަށާއި ކުރިއަށް އޮތް ތަނުގައި ކޮންމެ އަހަރަކު ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ ސެޝަންތައް ކުރިއަށް ގެންދާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް