ނަފްސާނީ އެހީ ހޯދުމަށް ފަސްނުޖެހުމަށް ސާޖިދާ ޒުވާނުންނަށް ގޮވާލައްވައިފި
ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ގޮތުން މިއަދު ޔޫތު ހަބްގައި ބޭއްވި ނޭޝަނަލް ޔޫތު މެންޓަލް ހެލްތު ކޮންފަރެންސް 2026 ގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ނަފްސާނީ ދަތިތަކުގައި އެހީ ހޯދުމަށް ފަސްނުޖެހުމަށް ޒުވާނުންނަށް އިލ
ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ގޮތުން މިއަދު ޔޫތު ހަބްގައި ބޭއްވި ނޭޝަނަލް ޔޫތު މެންޓަލް ހެލްތު ކޮންފަރެންސް 2026 ގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ނަފްސާނީ ދަތިތަކުގައި އެހީ ހޯދުމަށް ފަސްނުޖެހުމަށް ޒުވާނުންނަށް އިލްތިމާސް ކުރައްވައިފިއެވެ.
އެކަމަނާ ވިދާޅުވީ ޒުވާނުންނާއި ކިޔަވާ ކުދިންގެ ނަފްސާނީ މައްސަލަތަކަކީ އަޅައިނުލައި ދޫކޮށްލެވޭ ވަރަށް ވުރެ ސީރިއަސް ކަންކަން ކަމަށެވެ. ދިރިއުޅުމުގައި ކޮންމެ މީހަކަށް ވެސް ނުތަނަވަސްކަމާއި އުނދަގޫތައް ކުރިމަތިވާނެ ކަމަށާއި، އެހެންކަމުން ނަފުސާއި ފުރާނައަށް ރައްކާތެރިވުމުގެ މުހިންމުކަން ނާއުންމީދުވާ ޒުވާނުންނަށް ހަނދާންކޮށްދޭން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.
ރާއްޖެ ފަދަ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގައި ނަފްސާނީ ދުޅަހެޔޮކަމަކީ ޞިއްޙީ ގޮތުންނާއި ދީނީ ގޮތުން ވެސް ބަލަން ޖެހޭ ކަމެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ. މާތް ﷲ ގެ ޙަޟްރަތުގައި މާޔޫސްވުމެއް ނެތް ކަމަށާއި، ހިތްވަރާ އެކު މަސައްކަތްކޮށް މާތް ﷲ އަށް ވަކީލުކުރުމަކީ ކާމިޔާބީގެ ތަޅުދަނޑި ކަމުގައި ވެސް ފާހަގަކުރެއްވިއެވެ. ނަފްސާނީ މައްސަލައެއް ދިމާވެއްޖެ ނަމަ ޑޮކްޓަރުންނާއި ޓީޗަރުންނާއި ކައުންސެލަރުން އަދި ބެލެނިވެރިން ފަދަ ފަރާތްތަކާ ޙިއްސާކޮށް އަވަހަށް ފަރުވާ ހޯދުމަށް އެކަމަނާ ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.
ޖިސްމާނީ އަދި ޖިންސީ އަނިޔާއާ ކުރިމަތިލާން ޖެހޭ ކުދިންގެ ރައްކާތެރިކަމަށް ވެސް އެކަމަނާ އަލިއަޅުއްވާލެއްވިއެވެ. އެ ފަދަ ޙާލަތްތަކުގައި ތިބޭ ކުދިންނަށް ރައްކާތެރިކަމާއި އިންސާފު ހޯދައިދިނުމަކީ މުޅި މުޖުތަމަޢުގެ ޒިންމާއެއް ކަމަށް ވިދާޅުވެ، މި ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުން މި ކަންކަން ހަމައެކަނި ވަޒީފާގެ މަސްއޫލިއްޔަތެއްގެ ގޮތުގައި ނުދެކި، އިންސާނީ އަދި އިޖުތިމާޢީ ޒިންމާއެއްގެ ގޮތުގައި ބެލުމަށް ވެސް އިލްތިމާސްކުރެއްވިއެވެ.
އެކަމަނާ ވިދާޅުވީ އެތައް ފަހަރަކު އަނިޔާގެ ޝިކާރައަކަށް ވެފައިވާ ޒުވާނަކު ވެސް ހިތްވަރު ލިބިގެން އެހީއަށް އެދޭ ހިނދު، އެ ކުއްޖަކަށް ޙިމާޔަތާއި ރައްކާތެރިކަން ދީ އިންސާފު ޔަޤީންކޮށްދޭން ޖެހޭ ކަމަށެވެ. ޒުވާނުންނަކީ ޤައުމުގެ މާދަމާގެ ބަޠަލުންކަން ފާހަގަކުރައްވައި، ގަދަ ހިތްވަރާއި އީޖާދީ ވިސްނުމާ އެކު ޤައުމަށާއި ދީނަށް އަގުހުރި ދަރިންތަކަކަށް ވުމަށް ޢަޒުމް ކަނޑައެޅުމަށް ވެސް އެކަމަނާ ބާރުއެޅުއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް