ސޯޝަލް ހައުސިން ފްލެޓްތަކުގެ 50 އިންސައްތަ މީހުން ކުލި ނުދައްކާ ކަމަށް އެޗްޑީސީން ބުނެފި
ހުޅުމާލެއިން ސޯޝަލް ހައުސިން ސްކީމްގެ ދަށުން ދޫކޮށްފައިވާ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި ފަރާތްތަކުން ކުލި ނުދައްކައި ދިރިއުޅެމުންދާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ޢަލީ ޒުހައިރު ވިދާޅުވެއްޖެއެވެ.
އަހުމަދު އާހިލް ސައީދު
ހުޅުމާލެއިން ސޯޝަލް ހައުސިން ސްކީމްގެ ދަށުން ދޫކޮށްފައިވާ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި ފަރާތްތަކުން ކުލި ނުދައްކައި ދިރިއުޅެމުންދާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ޢަލީ ޒުހައިރު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ އެ ކޯޕަރޭޝަނުގެ ބެލުމުގެ ދަށުގައި 12،000 އަށް ވުރެ ގިނަ ފްލެޓު އޮތް ކަމަށެވެ. އޭގެ ތެރެއިން ދެބައިކުޅަ އެއްބައި ފަރާތުން ކުލި ނުދައްކާ ކަމަށާއި، އެކަމުގެ މައިގަނޑު ސަބަބަކީ މާލީ ދަތިކަން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ކުލި ނުދައްކާ ފަރާތްތަކުގެ ތެރޭގައި ފްލެޓަށް ވަން ފަހުން އެއްވެސް ވަރަކަށް ފައިސާ ނުދައްކާ މީހުންނާއި ގަވާއިދުން ކުލި ނުދައްކާ މީހުން ވެސް ހިމެނެއެވެ.
"އަޅުގަނޑުމެންނަކީ ބާރަ ހާހަށް ވުރެ ގިނަ ފްލެޓު ބަލަހައްޓަމުންދާ ބައެއް. ކުލި ނުލިބޭ ފަސެންޓޭޖަށް ބަލާކަމަށްވަންޏާމުން 50 ޕަސެންޓަކީ އެކި ކަހަލަ ކަންތައްތައް ދިމާވެގެން، އެ މީހުންނަށް މާލީ ހާލަތު ދިމާވެގެން ކުލި ނުދައްކާ އުޅޭ 50 ޕަސެންޓް،" ޒުހައިރު ވިދާޅުވިއެވެ.
މީގެ އިތުރުން ފްލެޓުތައް ތިންވަނަ ފަރާތްތަކަށް ކުއްޔަށް ދީފައި ހުރިތޯ ބެލުމުގެ މަސައްކަތް ވެސް އެޗްޑީސީން ކުރަމުން އަންނަ ކަމަށް ޒުހައިރު ވިދާޅުވިއެވެ. ހިޔާ ފްލެޓުތައް މިހާރު އެއްކޮށް ބަލައި ނިންމާފައިވާ ކަމަށާއި، ފުރަތަމަ ފިޔަވަޅެއްގެ ގޮތުން ފްލެޓުތަކުގައި ދިރިއުޅޭ ބިދޭސީން ނެރުމަށް ވެރިފަރާތްތަކަށް އެންގުމަށް އިސްކަން ދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެފަދަ ކަމެއް ފާހަގަވެއްޖެ ނަމަ ވެރިފަރާތަށް ސިޓީ މެދުވެރިކޮށް އެކަން އަންގަމުންދާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން މިދިޔަ އަހަރުގެ މެއި މަހު އެޗްޑީސީން ހާމަކުރި ގޮތުގައި، ކުލީގެ ގޮތުގައި ނުލިބި ހުރި ފައިސާގެ ޖުމްލަ 700 މިލިއަން ރުފިޔާއަށް ވުރެ އިތުރުވެފައިވެއެވެ. ކުލި ދެއްކުމަށް ބާރު އެޅުމުގެ ގޮތުން ކޮންމެ ތިން މަހަކުން ނޯޓިސް ފޮނުވުމުގެ މަސައްކަތް ވެސް އެ ކޯޕަރޭޝަނުން ވަނީ ފަށައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް