މައިގަނޑު ބަޔަށް ދާން

ހަބަރު

ޖަލު ޙުކުމެއް ކުރެވޭނެ ޤާނޫނީ ބިންގަލެއް ނޯންނާނެ: ޔާމީން

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން މިރޭ އައްޑޫ ސިޓީ ހިތަދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، އެމަނިކުފާނު ޖަލަށް ލެވޭނެ އެއްވެސް ސަބަބެއް ނެތް ކަމަށް ވިދާޅުވެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

އަހުމަދު އާހިލް ސައީދު

ޖަލު ޙުކުމެއް ކުރެވޭނެ ޤާނޫނީ ބިންގަލެއް ނޯންނާނެ: ޔާމީން

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން މިރޭ އައްޑޫ ސިޓީ ހިތަދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، އެމަނިކުފާނު ޖަލަށް ލެވޭނެ އެއްވެސް ސަބަބެއް ނެތް ކަމަށް ވިދާޅުވެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާހުގައި އެމަނިކުފާނުގެ ނަން އޮންނާނެތޯ އާއި ބަންދުކުރެވިދާނެތޯ އައްޑޫ ރައްޔިތުން ސުވާލު ކުރައްވާ ކަމަށް ޔާމީން ވިދާޅުވިއެވެ. ޖަވާބުގައި ޔާމީން ވިދާޅުވީ ހުރިހާ ކަމެއް ތަވައްކުލް ކުރައްވަނީ މާތް ﷲ އަށް ކަމަށާއި، ކިތަންމެ ގިނަ މައްސަލަތަކެއް ޝަރީޢަތަށް ހުށަހެޅި ނަމަވެސް ޖަލު ޙުކުމެއް އިއްވޭ ވަރުގެ ޤާނޫނީ ބިންގަލެއް ނޯންނާނެ ކަމަށެވެ.

"އަޅުގަނޑު ޖަލައްލެވޭނެ ސަބަބެއް ނެތް. އަޅުގަނޑުގެ މައްސަލަތައް ފޮނުވިދާނެ. ޝަރީއަތަށް ފޮނުވައިގެން ތަޙުގީގުވެސް ކޮށްފާނެ." ޔާމީން ވިދާޅުވިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރާ މެދު ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ ރައްޔިތުން ބިކަވަމުންދާއިރު ސަރުކާރާ ގާތް ފަރާތްތައް މުއްސަނދިވަމުންދާ ކަމަށާއި، ދިވެހި ތާރީޚުގައި ވެސް ނުދެކޭ ފަދަ އިޤުތިޞާދީ ތަދުމަޑުކަމެއް ކުރިމަތިވެފައިވާ ކަމަށެވެ. ތަކެތީގެ އަގު ބޮޑުވުމާއި ޑޮލަރު ލިބުމުގެ ދަތިކަމުގެ ސަބަބުން ކުދި ވިޔަފާރިތަކާއި ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ބޮޑެތި އުނދަގޫތައް ކުރިމަތިވެފައިވާ ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ. މީގެ އިތުރުން، ރައީސް މުޢިއްޒުގެ ނިންމެވުންތަކާ މެދު ބަހެއް ބުނެލެވޭ ވަރުގެ މިނިސްޓަރަކު ކެބިނެޓުގައި ނެތް ކަމަށާއި ކޮފީ މޭޒުތަކުގައި ސަމާސާ ވާހަކައެއް ދެއްކެވި މިނިސްޓަރުން ވެސް މަޤާމުން ދުރުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

އައްޑޫގެ ޒުވާނުން އެންމެ ބޮޑަށް ބޭނުންވަނީ ބޯހިޔާވަހިކަމާއި ވަޒީފާގެ ފުރުޞަތު ކަމަށް ފާހަގަކުރައްވައި ޔާމީން ވިދާޅުވީ ވަކިވަކި ފަރުދުންނަށް ސިޔާސީ މަންފާ ހޯދައިދިނުމުގެ ބަދަލުގައި މުޅި މުޖުތަމަޢުގެ ތަރައްޤީއަށް ސަރުކާރުން އިސްކަންދޭންޖެހޭ ކަމަށެވެ. ހަމައެހެންމެ ފުލުހުންނާއި ދައުލަތުގެ ބާރުތައް ނަހަމަ ގޮތުގައި ބޭނުންކޮށްގެން ދެވަނަ ދައުރެއް ހޯދުމުގެ ވިސްނުން ދޫކޮށްލެއްވުމަށް ސަރުކާރަށް ގޮވާލައްވައި، ވާދަވެރި ފަރާތްތަކަށް ވެސް ރައްޔިތުންގެ ގާތަށް ވަޑައިގެން ވާދަކުރެއްވުމަށް ދަޢުވަތު ދެއްވައިފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.