ހަސީނާ ނަޞްރުގެ ދުވަހު ބަންގުލަދޭޝަށް ވަޑައިގަތުމުގެ ހުއްދައަށް އެދިއްޖެ
ބަންގުލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ، ޑިސެމްބަރު 16 ވަނަ ދުވަހު އެ ޤައުމަށް އެނބުރި ވަޑައިގެންނެވުމުގެ ހުއްދައަށް އެދިވަޑައިގެންފިއެވެ.
ބަންގުލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ، ޑިސެމްބަރު 16 ވަނަ ދުވަހު އެ ޤައުމަށް އެނބުރި ވަޑައިގެންނެވުމުގެ ހުއްދައަށް އެދިވަޑައިގެންފިއެވެ.
2024 ވަނަ އަހަރުގެ އޮގަސްޓް މަހު ދަރިވަރުންގެ އިންޤިލާބާ ގުޅިގެން ވެރިކަން ގެއްލިވަޑައިގެން އިންޑިއާއަށް ވަޑައިގެންނެވި ފަހުން، އެނބުރި ވަޑައިގަތުމަށް ވަކި ތާރީޚެއް ކަނޑައެޅުއްވި މިއީ ފުރަތަމަ ފަހަރެވެ. ޑިސެމްބަރު 16 އަކީ ބަންގުލަދޭޝްގެ ނަޞްރުގެ ދުވަހެވެ. ހަސީނާގެ ތަރުޖަމާނު ސައްޔިދު މުޒައްމިލް ޢަލީ މެދުވެރިކޮށް ނެރުއްވި ބަޔާނުގައި، ބީމާން ބަންގުލަދޭޝް އެއާލައިންސްގެ ފްލައިޓެއްގައި އެނބުރި ވަޑައިގެންނެވޭނެ ގޮތް ހަމަޖައްސައިދެއްވުމަށް ސަރުކާރަށް ގޮވާލައްވާފައިވެއެވެ.
އެހެން ނަމަވެސް ތާރިޤް ރަހުމާން އިސްވެ ހުންނެވި ބީއެންޕީ ސަރުކާރުން ވަނީ ހަސީނާ ޤައުމަށް ވަޑައިގެންފި ނަމަ ހައްޔަރުކުރާނެ ކަމުގެ އިންޒާރު ދީފައެވެ. ޚާރިޖީ ދާއިރާގެ ސްޓޭޓް މިނިސްޓަރު ޝާމާ އޮބައިދު ބުނީ "ހަސީނާ ޖަލަށް ގެންދެވޭނެ" ކަމަށާއި ޤާނޫނީ ގޮތުން ފިޔަވަޅު އެޅޭނެ ކަމަށެވެ.
ބަންގުލަދޭޝްގެ ހަނގުރާމައިގެ ޖަރީމާތަކާ ބެހޭ ޓްރައިބިއުނަލުން 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހު ވަނީ ދަރިވަރުންގެ އިންޤިލާބު ހުއްޓުވުމަށް ހިންގި ހަރުކަށި ފިޔަވަޅުތަކާ ގުޅިގެން، އިންސާނިއްޔަތާ ދެކޮޅު ޖަރީމާތައް ސާބިތުވެ ހަސީނާއަށް ޣައިރު ހާޒިރުގައި މަރުގެ ހުކުމް އިއްވާފައެވެ. ހަސީނާ ވަނީ އެ ހުކުމަކީ ސިޔާސީ މަޤްޞަދެއް އޮވެގެން ނެރުނު ހުކުމެއް ކަމަށް ސިފަކުރައްވައި، ބޮލާލައި ޖައްސަވާފައެވެ. އދ. ގެ ލަފާކުރުންތައް ދައްކާ ގޮތުން އެ ހަމަނުޖެހުންތަކުގައި 1,400 އެއްހާ މީހުން މަރުވެފައިވެއެވެ.
މީގެ އިތުރުން ހަސީނާ މި މަހު ކުރީކޮޅު ޕާސްޕޯޓާއި ވެރިކަން ނިމުމަށް ފަހު ބާޠިލުކޮށްފައިވާ ލިޔެކިޔުންތައް އާ ކޮށްދެއްވުމަށް ހުށަހެޅުއްވި ނަމަވެސް ސަރުކާރުން ވަނީ އެ ހުށަހެޅުއްވުން ބޭރުކޮށްލާފައެވެ. މުޙައްމަދު ޔޫނުސް އިސްވެ ހުންނެވި ވަގުތީ ސަރުކާރުން މަނާކޮށްފައިވާ އަވާމީ ލީގުން ވަނީ ހަސީނާ އެނބުރި ގެންނަން ގޮވާލައި މުޅި ޤައުމުގައި އިހުތިޖާޖުކުރުމަށް ގޮވާލާފައެވެ. ހަސީނާ ހަވާލުކޮށްދިނުމަށް ބަންގުލަދޭޝް ސަރުކާރުން ހުށަހެޅި އެކްސްޓްރެޑިޝަން އެދުމާ މެދު ގޮތެއް ނިންމުން އަދިވެސް އޮތީ އިންޑިއާ ސަރުކާރުގެ ދިރާސާގެ މަރުޙަލާގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް