30 ހަމަލާ ފޮނުވައިވެސް އާސެނަލަށް ޑޯޓްމުންޑް ބަލިނުކުރެވުނު
ޗެމްޕިއަންސް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ބޮރޫޝިއާ ޑޯޓްމުންޑާ ދެކޮޅަށް 30 ހަމަލާ އުފައްދައިވެސް ލީޑު ދެމެހެއްޓޭ ގޮތް ނުވެ، އާސެނަލް 1-1 އިން އެއްވަރުވެއްޖެއެވެ.
ޗެމްޕިއަންސް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ބޮރޫޝިއާ ޑޯޓްމުންޑާ ދެކޮޅަށް 30 ހަމަލާ އުފައްދައިވެސް ލީޑު ދެމެހެއްޓޭ ގޮތް ނުވެ، އާސެނަލް 1-1 އިން އެއްވަރުވެއްޖެއެވެ.
މެޗުގެ ކުރީކޮޅު އާސެނަލްގެ ވިކްޓާ ގިޔޮކެރޭސް ރީތި ގޯލެއް ޖަހައި ޓީމަށް ކުރި ހޯދައިދިނެވެ. ފުރަތަމަ ހާފުގައި އާސެނަލުން މެޗު ކޮންޓްރޯލްކޮށް ޑޯޓްމުންޑްގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލި ނަމަވެސް ލީޑު ފުޅާކުރެވޭ ގޮތެއް ނުވީ، ހޮނިހިރު ދުވަހު ނިއުކާސަލާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ކުރިމަތިވި ފަދައިން ފުރުސަތުތައް ނިންމައިނުލެވިގެންނެވެ.
ދެވަނަ ހާފުގައި ޑޯޓްމުންޑުގެ ޑިފެންޑަރު ޖޮއާން ގަޑޫ އުފެއްދި ހަމަލާއަކުން މެކްސިމިލިއަން ބެޔާ ނަތީޖާ ހަމަހަމަކުރިއެވެ. އާސެނަލްގެ ގޯލު ރޭ ބެލެހެއްޓީ އަނިޔާގައި ހުރި ޑޭވިޑް ރާޔާގެ ބަދަލުގައި ކެޕާ އަރިޒަބަލާގާއެވެ. ފޮނުވާލި 30 ހަމަލާގެ ތެރެއިން ގޯލާ އަމާޒުވީ އެންމެ ހަތަރު ހަމަލާއެވެ. މެޗު ނިމެން ކައިރިވެފައި ވަނިކޮށް ޔޫރިއަން ޓިމްބާ އާއި ޑެކްލަން ރައިސް ފޮނުވާލި ބޯޅަތައް ގޯލުގެ ދަނޑިއަށް އަމާޒުވީއެވެ. ގިޔޮކެރޭސްއަށް ވެސް ލިބުނު ރަނގަޅު ފުރުސަތުތައް ބޭކާރުވިއެވެ. ފާއިތުވި ދެ ސީޒަނުގައި ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން 30 ހަމަލާ ފޮނުވާލާފައެއް ނުވެއެވެ.
މެޗަށް ފަހު އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނީ "ޓީމުގެ ކުޅުމާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ" ކަމަށާއި "ދެއްކި ކުޅުމަށް ބަލާއިރު މިއަށްވުރެ ރަނގަޅު ނަތީޖާއެއް ޓީމަށް ހައްގު" ކަމަށެވެ.
މި ނަތީޖާއާ އެކު އާސެނަލް ޗެމްޕިއަންސް ލީގު ތާވަލުގެ ފަސް ވަނައަށް ވެއްޓުނުއިރު، ދެން އެ ޓީމު ނިކުންނާނީ އަންނަ އާދީއްތަ ދުވަހު ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް