ސޯސަންމަގު އެކްސިޑެންޓުގައި ލައިސަންސް ނެތި ދުއްވި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި
މާލޭ ސޯސަންމަގުގައި ދެ ސައިކަލު ޖެހިގެން ހިނގި އެކްސިޑެންޓެއްގައި އަނިޔާވެ 26 އަހަރުގެ އަންހެނަކު ނިޔާވި މައްސަލައިގައި، ލައިސަންސް ނެތި ސައިކަލު ދުއްވި 21 އަހަރުގެ ފިރިހެނަކު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.
އަހުމަދު އާހިލް ސައީދު
މާލޭ ސޯސަންމަގުގައި ދެ ސައިކަލު ޖެހިގެން ހިނގި އެކްސިޑެންޓެއްގައި އަނިޔާވެ 26 އަހަރުގެ އަންހެނަކު ނިޔާވި މައްސަލައިގައި، ލައިސަންސް ނެތި ސައިކަލު ދުއްވި 21 އަހަރުގެ ފިރިހެނަކު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.
ފުލުހުން ބުނީ އެ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ދެވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ނިންމާފައިވާ ކަމަށެވެ.
މި އެކްސިޑެންޓް ހިނގީ ސެޕްޓެމްބަރު 21 ވަނަ ދުވަހުގެ ދަންވަރު 01:12 ހާއިރު ސޯސަންމަގުގައެވެ. އެ ހާދިސާގައި ތިން މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ އިރު، އޭގެ ތެރޭގައި ހިމެނެނީ 21 އަހަރާއި 22 އަހަރުގެ ދެ ފިރިހެނުންނާއި 26 އަހަރުގެ އަންހެނެކެވެ. ނިޔާވި 26 އަހަރުގެ އަންހެން މީހާ މަރުވީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. މާތް ﷲ އެ ކަނބުލޭގެއަށް ރަޙްމަތް ލައްވާށިއެވެ.
މި މައްސަލައާ ގުޅިގެން ސެޕްޓެމްބަރު 22 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ އެކްސިޑެންޓުވި ދެ ސައިކަލުގެ ތެރެއިން އެއް ސައިކަލު ދުއްވި 21 އަހަރުގެ ފިރިހެނެކެވެ. ކޯޓު ބަންދު އަމުރުން އެނގޭ ގޮތުގައި، އޭނާ ބަންދުކުރީ ދޫކޮށްލައިފި ނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބެލެވޭތީއެވެ. އެ އަމުރުގައި ފާހަގަކޮށްފައިވާ ގޮތުން، އޭނާ ލައިސަންސް ނެތި ބާރު ސްޕީޑުގައި ޒިގްޒެގްކޮށް، ޢާންމުންގެ ފުރާނައަށް ނުރައްކާވާ ފަދައިން ސައިކަލު ދުއްވާފައިވެއެވެ.
ބަންދު އަމުރުން އިތުރަށް އެނގޭ ގޮތުގައި، ހައްޔަރުކުރި ޒުވާނާ އަކީ މި އަހަރުގެ ތެރޭގައި ވެސް ލައިސަންސް ނެތި އެއްގަމު އުޅަނދު ދުއްވައިގެން ހަތަރު ފަހަރެއްގެ މަތިން ފުލުހުން ހިފަހައްޓައި ޖޫރިމަނާކޮށްފައިވާ މީހެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް