އެމްއެންޔޫ-އެޖް 2026 ކޮންފަރެންސް ފަށައި، ޓީޗިންގ އިނޮވޭޝަން ގްރާންޓެއް އިޢުލާނުކޮށްފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އުނގަންނައިދިނުމުގެ ފެންވަރު ރަނގަޅުކުރުމަށް ޚާއްޞަ ކޮންފަރެންސެއް މިއަދު ފަށައި، އެކަޑަމިކް މުވައްޒަފުންނަށް އަމާޒުކޮށް ޓީޗިންގ އިނޮވޭޝަން ގްރާންޓެއް ތަޢާރަފުކުރާނެކަން އެ ޔުނިވަރސިޓީން އިޢުލާނުކޮށްފިއެވެ.
އަހުމަދު އާހިލް ސައީދު
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އުނގަންނައިދިނުމުގެ ފެންވަރު ރަނގަޅުކުރުމަށް ޚާއްޞަ ކޮންފަރެންސެއް މިއަދު ފަށައި، އެކަޑަމިކް މުވައްޒަފުންނަށް އަމާޒުކޮށް ޓީޗިންގ އިނޮވޭޝަން ގްރާންޓެއް ތަޢާރަފުކުރާނެކަން އެ ޔުނިވަރސިޓީން އިޢުލާނުކޮށްފިއެވެ.
"އެމްއެންޔޫ-އެޖް 2026" ގެ ނަމުގައި ބާއްވާ މި ކޮންފަރެންސް ހުޅުވައިދެއްވީ އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމެވެ. "ދަރިވަރުންނަށް ދަސްވާކަން އަޅުގަނޑުމެންނަށް އެނގެނީ ކިހިނެއް؟" މި ޝިޢާރުގެ ދަށުން ވާހަކަދައްކަވަމުން ޑރ. ޝެހެނާޒް ވިދާޅުވީ، ހަމައެކަނި ކިޔަވައިދޭ މައުޟޫއަށް ބެލުމުގެ ބަދަލުގައި ދަރިވަރުންނަށް ޙަޤީޤަތުގައި ދަސްވާ ކަންކަމަށް ސަމާލުކަން ދޭންޖެހޭ ކަމަށެވެ. ދަރިވަރުންގެ މަސައްކަތްތަކާއި އެސެސްމަންޓްތަކާއި ކްލާހުގެ ބައިވެރިވުމާއި ފީޑްބެކް އަދި ދިރާސާތަކުން ލިބޭ ހެކީގެ މައްޗަށް ބިނާކޮށް ކިޔަވައިދިނުން ބައްޓަންކުރުން މުހިންމުކަމަށް އެކަމަނާ ވިދާޅުވިއެވެ. ހެކީގެ މައްޗަށް ބިނާކޮށް ކިޔަވައިދިނުމަކީ ހަމައެކަނި ދިރާސާތަކަށް ބަރޯސާވުން ނޫން ކަމަށާއި، ޕްރޮފެޝަނަލް ވިސްނުމާއި ދާއިރާގެ ތަޖުރިބާއާއި ދަރިވަރުންގެ ޙާލަތަށް ރިޢާޔަތްކުރުން އޭގެ ތެރޭގައި ހިމެނޭ ކަމަށް ވެސް ފާހަގަކުރެއްވިއެވެ.
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ސަބަބުން މަތީ ތަޢުލީމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ވައިސް ޗާންސެލަރ ވިދާޅުވީ، އޭއައި މަނާކުރުމާ ނުވަތަ ބަލައިގަތުމާ ދެ ގޮތުން ކުރެ ގޮތެއް ނެގުމުގެ ބަދަލުގައި، ދަރިވަރުން ދަސްކުރާ ކަންކަމާއި އެސެސްމަންޓްތަކުގެ އިތުބާރު އަލުން ވަޒަންކުރަން ޖެހޭ ކަމަށެވެ. އައު ޓެކްނޮލޮޖީއެއް ނުވަތަ ގޮތެއް ބޭނުންކުރުމަކީ އޭގެ ޒާތުގައި ކިޔެވުން ރަނގަޅުވާނެ ކަމެއް ނޫން ކަމަށާއި، ކޮންމެ އައު އީޖާދެއް ގެންނަންވާނީ ވަކި މަޤުޞަދެއް އޮވެގެން ކަމަށް ވެސް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި އިޢުލާނުކުރެއްވި ޓީޗިންގ އިނޮވޭޝަން ގްރާންޓަކީ އުނގަންނައިދިނުމުގައި ކުރިމަތިވާ ގޮންޖެހުންތައް ދިރާސާކޮށް، އީޖާދީ ގޮތްތައް ތަޢާރަފުކޮށް، އޭގެ ނަތީޖާ ވަޒަންކުރުމަށް ދެވޭ އެހީއެކެވެ. މި ފުރުޞަތު ވަރަށް އަވަހަށް ހުޅުވައިލެވޭނެ ކަމަށް ވައިސް ޗާންސެލަރ ވިދާޅުވިއެވެ.
ތަޤުރީރު ނިންމަވައިލައްވަމުން ޑރ. ޝެހެނާޒް ވަނީ ކޮންމެ ލެކްޗަރަރަކު ވެސް ތިން ސުވާލެއް އަބަދުވެސް ހިތުގައި ބެހެއްޓުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" މި ސުވާލުތަކެވެ.
އެމްއެންޔޫ-އެޖް ކޮންފަރެންސަކީ އދ. ގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ ތެރެއިން ފެންވަރު ރަނގަޅު ތަޢުލީމު ކަށަވަރުކުރުން (އެސްޑީޖީ 4)، އީޖާދުތައް ކުރިއެރުވުން (އެސްޑީޖީ 9)، އަދި ގުޅުންތައް ބަދަހިކުރުން (އެސްޑީޖީ 17) ޙާޞިލުކުރުމަށް އެޅޭ ފިޔަވަޅެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް