އަބުޗާގެ ޕެރޯލް ބާޠިލުކޮށް ބޯޑުގެ ނުވަ މެންބަރުން މަޤާމުން ވަކިކޮށްފި
މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެފައިވާ އަބްދުﷲ އިބްރާހީމް (އަބުޗާ) އަށް ޤާނޫނާ ޚިލާފަށް ދީފައި އޮތް ޕެރޯލް ބާޠިލުކޮށް، އެ ނިންމުން ނިންމި ޕެރޯލް ބޯޑުގެ ނުވަ މެންބަރުން މަޤާމުން ވަކިކޮށްފައިވާ ކަމަށް ހޯމް މިނިސްޓަރު ޢަލީ އިޙުސާން މިއަދު ވިދާޅުވެއްޖެއެވެ.
އަހުމަދު އާހިލް ސައީދު
މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެފައިވާ އަބްދުﷲ އިބްރާހީމް (އަބުޗާ) އަށް ޤާނޫނާ ޚިލާފަށް ދީފައި އޮތް ޕެރޯލް ބާޠިލުކޮށް، އެ ނިންމުން ނިންމި ޕެރޯލް ބޯޑުގެ ނުވަ މެންބަރުން މަޤާމުން ވަކިކޮށްފައިވާ ކަމަށް ހޯމް މިނިސްޓަރު ޢަލީ އިޙުސާން މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ އަބުޗާ އަލުން ޖަލަށް ބަދަލުކޮށްފައިވާ ކަމަށެވެ. އެކި މުއައްސަސާތައް ތަމްސީލުކުރާ ނުވަ ބޭފުޅުން ހިމެނޭ ބޯޑުގެ އެންމެހައި މެންބަރުން މިހާރު ވަނީ ވަކިކޮށްފައެވެ. ނަމަވެސް އެ މެންބަރުންގެ ނަންތައް ހާމަކުރެއްވުމަށް މިނިސްޓަރު ވަނީ ދެކޮޅު ހައްދަވައިފައެވެ.
މިނިސްޓަރު ހާމަކުރެއްވި ގޮތުގައި އަބުޗާގެ މައްޗަށް އިއްވާފައިވާ ތިން ހުކުމުގެ ޖުމުލަ މުއްދަތަކީ 12 އަހަރާއި ހަ މަހެވެ. އެހެންކަމުން ޕެރޯލަށް ޝަރުޠު ހަމަވާނީ ހަ އަހަރާއި ތިން މަސް ތަންފީޒުކުރުމުންނެވެ. ޝަރީޢަތް ހިނގި ދުވަސްވަރު ބަންދުގައި ހޭދަވި ގާތްގަނޑަކަށް ހަތަރު އަހަރު ހުކުމުން އުނިކޮށްފައިވާތީ، ބޯޑުން ޕެރޯލުގެ މުއްދަތު ހިސާބުކުރީ ބާކީ އޮތް އަށް އަހަރަށް ރިޢާޔަތްކޮށް ކަމަށާއި، މި ގޮތް ޤާނޫނީ އުޞޫލުތަކާ ފުށުއަރާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މުޅި މައްސަލައިގައި ޖަލުގައި ހޭދަވީ ފަސް އަހަރާއި 11 މަހެވެ.
މަސްތުވާތަކެތި ޓްރެފިކް ކުރާ ފަރާތްތަކަށް ޕެރޯލް ދިނުމަކީ ސަރުކާރުގެ ސިޔާސަތާ ވެސް ފުށުއަރާ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންނަމަވެސް ބޯޑު މެންބަރުން ގޯސް ނިޔަތެއްގައި ގަސްދުގައި ނިންމި ނިންމުމެއް ކަމަށް ޤަބޫލުނުކުރައްވާ ކަމަށާއި، އެ ބޭފުޅުން ވަކިކުރީ ކުށްވެރިވެގެން ނޫން ކަމަށް ވެސް ވިދާޅުވިއެވެ.
ޕެރޯލް ބޯޑު އެކުލެވިގެންވަނީ ތަޢުލީމީ ވުޒާރާ، ޞިއްޙީ ވުޒާރާ، ބަންޑާރަ ނައިބުގެ އޮފީސް، ފުލުހުންގެ ޚިދުމަތް، ކަރެކްޝަނަލް ސާވިސް، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ، ޖަމްޢިއްޔާ ޖަމާޢަތްތައް އަދި ނަފްސާނީ ފަރުވާގެ ދާއިރާ ތަމްސީލުކުރާ ނުވަ މެންބަރުންގެ މައްޗަށެވެ.
މި މަހުގެ އެއްވަނަ ދުވަހު އަބުޗާ މިނިވަންކުރި ވާހަކަ ސޯޝަލް މީޑިއާގައި ފެތުރި، އެ ޚަބަރު މީޑިއާއިން ރިޕޯޓުކުރުމާ އެކު ސަރުކާރަށް ޢާންމުންގެ ވަރުގަދަ ފާޑުކިޔުން އަމާޒުވިއެވެ. އަބުޗާގެ މައްޗަށް ދެ ދައުވާއެއްގައި 25 އަހަރުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ އަހަރުގެ މެއި މަހުގައެވެ. ކުށުގެ ތުހުމަތުގައި އެންމެ ފުރަތަމަ ހައްޔަރުކުރީ 2020 ވަނަ އަހަރުގެ އޮކްޓޫބަރުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް