ނަޑެއްލާ އެމްބިއުލާންސާ ގުޅޭ ދޮގު ވާހަކަ ފެތުރުން އެ ރަށު ކައުންސިލުން ކުށްވެރިކޮށްފި
ގދ. ނަޑެއްލާއަށް އައު އެމްބިއުލާންސެއް ގެނައުމާ ގުޅިގެން ހަޤީޤަތް އޮޅޭ ގޮތަށް އެކި ފަރާތްތައް ބަދުނާމުކޮށް ދޮގު ވާހަކަ ފަތުރަމުންދާތީ އެކަން ހަރުކަށި އިބާރާތުން އެ ރަށު ކައުންސިލުން ކުށްވެރިކޮށްފިއެވެ.
އަހުމަދު އާހިލް ސައީދު
ގދ. ނަޑެއްލާއަށް އައު އެމްބިއުލާންސެއް ގެނައުމާ ގުޅިގެން ހަޤީޤަތް އޮޅޭ ގޮތަށް އެކި ފަރާތްތައް ބަދުނާމުކޮށް ދޮގު ވާހަކަ ފަތުރަމުންދާތީ އެކަން ހަރުކަށި އިބާރާތުން އެ ރަށު ކައުންސިލުން ކުށްވެރިކޮށްފިއެވެ.
ނަޑެއްލާ ކައުންސިލުން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވާ ގޮތުގައި، ކުރިން އެ ރަށުގައި ބޭނުންކުރި އެމްބިއުލާންސަކީ ރަށުގެ ހަނި މަގުތަކުގައި ދުއްވުމަށް އެކަށީގެންވާ ވަރަށްވުރެ ބޮޑު އުޅަނދެކެވެ. އެކަމުގެ ސަބަބުން ކުއްލި ޙާލަތްތަކުގައި ބަލިމީހުން އުފުލުމަށާއި މަގުތަކުގައި ދަތުރުކުރުމަށް ބޮޑެތި ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.
އެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދިނުމުގެ ގޮތުން، ހެލްތު މިނިސްޓްރީގެ އެހީތެރިކަމާ އެކު ޑރ. ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ބެލުމުގެ ދަށުން ރަށުގެ މަގުތަކާ ގުޅޭ އައު އެމްބިއުލާންސެއް ނަޑެއްލާއަށް ގެނެސް، ކުރީގެ ބޮޑު އެމްބިއުލާންސް ތިނަދުއަށް ބަދަލުކޮށްފައިވާ ކަމަށް ކައުންސިލުން ބުނެފައިވެއެވެ. މިއީ ރައްޔިތުންނަށް ދެވޭ ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ކުއްލި ޙާލަތްތަކުގައި ލަސްނުވެ ޚިދުމަތް ދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ކައުންސިލުން ސިފަކުރެއެވެ.
ނަމަވެސް މި ބަދަލާ ގުޅިގެން ކަން ހިނގި ގޮތް ނުބަލައި، ރައްޔިތުންގެ މެދުގައި ކައުންސިލާއި ހެލްތު ސެންޓަރާ މެދު ނަފުރަތާއި ފިތުނަ އުފެއްދުމަށް ބައެއް ފަރާތްތަކުން މަސައްކަތްކުރަމުންދާ ކަމަށް ކައުންސިލުން ބުނެފައިވެއެވެ. އެ ގޮތުން ސިޔާސީ ގޮތުން ނާޖާއިޒު ފައިދާ ހޯދުމަށް ނަޑެއްލާ އެމްޑީޕީއަށް ނިސްބަތްވާ އެކްޓިވިސްޓުން ސޯޝަލް މީޑިއާ މެދުވެރިކޮށް ހިންގަމުންދާ ޢަމަލުތައް ކައުންސިލުން ވަނީ ކުށްވެރިކޮށްފައެވެ.
ކައުންސިލުން އިތުރަށް ބުނެފައިވަނީ، ރައްޔިތުންނަށް ފައިދާ ލިބޭ ކަންކަމުގައި ހަމައެކަނި ސިޔާސީ މަންފާ ހާސިލުކުރުމަށް ހަޤީޤަތް އޮޅުވައިލުމަކީ ބައެއް ފަރާތްތަކުގެ ފަލްސަފާއެއް ކަމަށެވެ. ރައްޔިތުންގެ ލާބައަށް ސަރުކާރާއި ކަމާ ބެހޭ މުއައްސަސާތަކުން އަޅަމުންދާ ފިޔަވަޅުތަކަށް ހުރަސް ނޭޅުމަށާއި ފިތުނަ އުފެއްދުން ހުއްޓައިލުމަށް ވެސް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް