ޕާސްޕޯޓު ބުކްލެޓުގެ އައު ސްޓޮކެއް ލިބި އަންނަ ހަފުތާގައި ޚިދުމަތް އާންމު ހާލަތަށް ގެންނާނެ
ޕާސްޕޯޓު ބުކްލެޓުގެ އައު ސްޓޮކެއް އަންނަ ހަފުތާގައި ލިބޭނެ ކަމަށާއި އެއާ އެކު ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް އާންމު ހާލަތަށް ރުޖޫޢަ ކުރާނެ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.
އަހުމަދު އާހިލް ސައީދު
ޕާސްޕޯޓު ބުކްލެޓުގެ އައު ސްޓޮކެއް އަންނަ ހަފުތާގައި ލިބޭނެ ކަމަށާއި އެއާ އެކު ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް އާންމު ހާލަތަށް ރުޖޫޢަ ކުރާނެ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.
ޖަރުމަންވިލާތުގެ ކުންފުނީގެ ޕްރިންޓިން މެޝިންތަކަށް ދިމާވި މައްސަލައެއް ސަބަބުން ބުކްލެޓް ސްޓޮކް ލިބުން ލަސްވެ، މިދިޔަ އޮގަސްޓް މަހުގެ 28 ވަނަ ދުވަހުން ފެށިގެން އެ އިދާރާއިން ޕާސްޕޯޓު ދޫކުރަމުން ގެންދިޔައީ ހަމައެކަނި އިމަޖެންސީ ހާލަތްތަކުގައެވެ. އޮގަސްޓު މަހު އިމިގްރޭޝަނުން ހާމަކުރީ ގާތްގަނޑަކަށް މަހެއްހާ ދުވަހުގެ ތެރޭގައި ސްޓޮކް ލިބޭނެ ކަމަށެވެ. ނަމަވެސް އެ މުއްދަތު ފާއިތުވެ ދިޔައިރު ވެސް ސްޓޮކް ލިބިފައެއް ނުވެއެވެ.
ޕާސްޕޯޓު ދޫކުރުމުގެ އުސޫލަށް ގެނައި ވަގުތީ ބަދަލުތަކުގެ ތެރޭގައި، ރާއްޖޭގައި ތިބެގެން މުއްދަތު ހަމަވެފައިވާ ޕާސްޕޯޓު އައުކުރަން ހުށަހަޅާ ފަރާތްތަކުގެ ކުރީގެ ޕާސްޕޯޓުގެ މުއްދަތު 2027 ޖޫން 30 ގެ ނިޔަލަށް ހިލޭ އިތުރުކޮށްދިނުން ހިމެނެއެވެ. އޭގެ އިތުރުން، އަލަށް ޕާސްޕޯޓު ހައްދާ ފަރާތްތަކުގެ ތެރެއިން އިންޑިއާ އާއި ސްރީލަންކާ ފަދަ ޤައުމުތަކަށް ކުރު މުއްދަތަށް ދަތުރުކުރާ ފަރާތްތަކަށް އެއް އަހަރު ދުވަހުގެ މުއްދަތުގެ އަށް ޞަފުހާގެ އިމަޖެންސީ ޕާސްޕޯޓެއް ހިލޭ ދޫކުރުމަށް ވެސް އިމިގްރޭޝަނުން ނިންމިއެވެ. އެ ޕާސްޕޯޓަކީ ބައިނަލްއަޤުވާމީ މަދަނީ ވައިގެ ދަތުރުފަތުރާ ބެހޭ ޖަމިއްޔާ (އައިކާއޯ) ގެ މިންގަނޑުތަކާ އެއްގޮތް މެޝިން ރީޑަބަލް ޕާސްޕޯޓެކެވެ.
އިމިގްރޭޝަނުން މިހާރު އިޢުލާނުކޮށްފައިވާ ގޮތުގައި، އަންނަ ހަފުތާގައި ސްޓޮކް ލިބުމާ އެކު ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ފުރިހަމައަށް އިޢާދަވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް