ސަރުކާރުގެ އިދާރާތަކަށް ރޭވިގެން ހިންގާ ސައިބާ ހަމަލާތަކެއް ފާހަގަކުރެވިގެން ސަމާލުވުމަށް އެދިއްޖެ
ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތަކަށް އޮޅުވާލައިގެން ނުރައްކާތެރި އީމެއިލްތަކެއް ފޮނުވަމުންދާކަން ފާހަގަކުރެވި، އެކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު އިލްތިމާސްކޮށްފިއެވެ.
އަހުމަދު އާހިލް ސައީދު
ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތަކަށް އޮޅުވާލައިގެން ނުރައްކާތެރި އީމެއިލްތަކެއް ފޮނުވަމުންދާކަން ފާހަގަކުރެވި، އެކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު އިލްތިމާސްކޮށްފިއެވެ.
ފުލުހުންގެ ސައިބާ ސެކިއުރިޓީ އޮޕަރޭޝަންސް ސެންޓަރު (ސީސޮކް) އިން ކުރަމުންދާ މޮނިޓަރިންގެ ތެރެއިން މިކަން ދެނެގަނެފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. ފޮނުވަމުންދާ އީމެއިލްތައް ތައްޔާރުކޮށްފައި ހުންނަނީ އިތުބާރުކުރެވޭ ރަސްމީ އިދާރާތަކުން ނުވަތަ ދަންނަ ފަރާތްތަކުން ފޮނުވާ ސައްޙަ މެއިލްތަކެއް ކަމަށް ހީވާ ފަދަ ގޮތަކަށް ކަމަށް ފުލުހުން ބުނެފައިވެއެވެ. އެ އީމެއިލްތަކުގައި ނުރައްކާތެރި ލިންކުތަކާއި ފައިލްތައް ހިމަނާފައި ހުންނަނީ ރަސްމީ ދައުވަތެއް، ލިޔެކިޔުންތަކެއް ނުވަތަ ފައިލް ޝެއާ ކުރާ ލިންކުތަކެއްގެ ސިފައިގައ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
މި ލިންކުތަކަށް ވަދެ ނުވަތަ ފައިލްތައް ހުޅުވައިފި ނަމަ ޔޫޒާނޭމް އާއި ޕާސްވޯޑް ފަދަ ހައްސާސް މަޢުލޫމާތު ހެކަރުންގެ އަތްމައްޗަށް ދިއުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ. އެއާ އެކު އިދާރާތަކުގެ ކޮމްޕިއުޓާ ސިސްޓަމްތަކަށާއި ނެޓްވޯކަށް ހުއްދަ ނެތި ވަދެ، ސިސްޓަމްތައް ކޮމްޕްރޮމައިޒް ކުރެވޭނެ މަގު ހުޅުވިގެންދާނެ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
ބޭނުންކޮށްފައިވާ އުކުޅުތަކާއި ވަސީލަތްތަކަށް ބެލުމަށް ފަހު، ސީސޮކުން ލަފާކުރާ ގޮތުގައި މިއީ ވަކި އަމާޒެއް ކަނޑައަޅައިގެން ރާވައިގެން ހިންގާ ކެމްޕެއިނެއްގެ ބައެއް ކަމަށް ފުލުހުން ބުނެފައިވެއެވެ. ސީސޮކުން މި ހަރަކާތްތައް ގާތުން މޮނިޓާ ކުރަމުންދާ ކަމަށާއި، ކަމާ ބެހޭ އިދާރާތަކާ ގުޅިގެން ނުރައްކާތެރި ވެބްސައިޓްތަކާއި ނެޓްވޯކްތައް ބްލޮކް ކުރުމުގެ ފިޔަވަޅުތައް އަޅަމުންދާ ކަމަށް ވެސް ފުލުހުން ހާމަކޮށްފައިވެއެވެ.
ރައްކާތެރިވުމުގެ ގޮތުން ފުލުހުން ދީފައިވާ އިރުޝާދުތަކުގެ ތެރޭގައި، އީމެއިލާ އެކު އަންނަ ލިންކުތަކާއި އެޓޭޗްމެންޓްތައް ރައްކާތެރިކަން ޔަގީން ނުވެ ނުހުޅުވުމާއި، ދަންނަ ފަރާތަކުން ފޮނުވި އީމެއިލެއް ނަމަވެސް އާދަޔާ ޚިލާފު ކަމަކަށް އެދިފައި ވާ ނަމަ ފޯނު ފަދަ އެހެން ވަސީލަތަކުން ސައްޙަކަން ކަށަވަރު ކުރުން ހިމެނެއެވެ. އީމެއިލްގައިވާ ލިންކަކުން ހުޅުވޭ ޞަފުޙާއެއްގައި ޔޫޒާނޭމް އާއި ޕާސްވޯޑް ނުޖެހުމާއި، ރަސްމީ އެކައުންޓުތަކުގައި މަލްޓި ފެކްޓާ އޮތެންޓިކޭޝަން (އެމްއެފްއޭ) ބޭނުންކުރުމާއި، ކޮމްޕިއުޓާ ސިސްޓަމާއި އެޕްލިކޭޝަންތައް އަޕްޑޭޓްކޮށް ބެހެއްޓުމަށް ވެސް ފުލުހުން އިރުޝާދު ދީފައިވެއެވެ. ޝައްކުކުރެވޭ އީމެއިލެއް ލިބިއްޖެ ނަމަ ލަސް ނުކޮށް އޮފީހުގެ އައިޓީ ޓީމަށް ރިޕޯޓު ކުރުމަށާއި، ޝައްކުކުރެވޭ ފައިލެއް ނުވަތަ ލިންކެއް ހުޅުވިއްޖެ ނަމަ ވަގުތުން ކޮމްޕިއުޓާ ނެޓްވޯކުން ވަކިކޮށް އައިޓީ ޓީމުގެ އެހީ ހޯދުމަށް ވެސް ފުލުހުން އެދިފައިވެއެވެ.
މި ބާވަތުގެ ހަމަލާތަކުން ދިފާއުވުމުގެ އެންމެ ފުރަތަމަ ފިޔަވަޅަކީ ޢާންމުންގެ ހޭލުންތެރިކަން ކަމަށާއި، އިތުރު ޓެކްނިކަލް ތަފުސީލު ސައިބާ ޕޯޓަލް މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް