އެމްއެންޔޫން ބައިނަލްއަޤުވާމީ ހަތަރު ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކޮށް ނިންމައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން ބޭރުގެ މުއައްސަސާތަކާ ގުޅިގެން ހިންގި ހަތަރު ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމެއްގެ ކާމިޔާބީ ފާހަގަކުރުމުގެ ޚާއްޞަ ރަސްމިއްޔާތެއް މިއަދު ބާއްވައިފިއެވެ.
އަހުމަދު އާހިލް ސައީދު
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން ބޭރުގެ މުއައްސަސާތަކާ ގުޅިގެން ހިންގި ހަތަރު ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމެއްގެ ކާމިޔާބީ ފާހަގަކުރުމުގެ ޚާއްޞަ ރަސްމިއްޔާތެއް މިއަދު ބާއްވައިފިއެވެ.
އެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނުންގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު އިޝިގާމީ ރޫމިކޯ އާއި އޮސްޓްރޭލިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހައި ކޮމިޝަނާ ޑޭވިޑް ޖެސަޕެވެ.
ނިންމައިލެވުނު ޕްރޮގްރާމްތަކުގެ ތެރެއިން ފުރަތަމަ ޕްރޮގްރާމަކީ ޖަޕާން ފައުންޑޭޝަނާ ގުޅިގެން ކަސްޓަމްސް އޮފިސަރުންނަށް 2026 ވަނަ އަހަރުގެ އޮގަސްޓް 10 އިން ސެޕްޓެމްބަރު 21 އަށް ހިންގި 30 ގަޑިއިރުގެ ޖަޕާނު ބަހުގެ ކޯހެކެވެ. ފަތުރުވެރިކަމުގެ ދާއިރާއާ ޖަޕާނާ ދެމެދު އޮތް ގާތް ގުޅުމުގެ ސަބަބުން އެ ކޯހުން ބަހުގެ ހުނަރާއި ފަންނީ ޢިލްމު ތަރައްޤީކުރުމުގެ ފުރުޞަތު ލިބިފައިވާ ކަމަށް އެ ޔުނިވާސިޓީން ފާހަގަކޮށްފައިވެއެވެ. ދެވަނަ ޕްރޮގްރާމެއްގެ ގޮތުގައި މެލޭޝިއާގެ ޔުނިވާސިޓީ ސައިންސް އިސްލާމް މެލޭޝިއާ (ޔޫއެސްއައިއެމް) އާ ގުޅިގެން ސެޕްޓެމްބަރު ހައެއް އިން ނުވައެއްގެ ނިޔަލަށް އެމްއެންޔޫގެ ޢަރަބި ބަހުގެ ޑިޕާޓްމަންޓުގެ ލެކްޗަރާއިންނަށް ދިރާސާ މުޤައްރަރު ތައްޔާރުކުރުމާއި ސަޤާފީ ބައްދަލުވުންތައް ހިމެނޭ ޕްރޮގްރާމެއް ބާއްވާފައިވެއެވެ. ތިންވަނަ ޕްރޮގްރާމެއްގެ ގޮތުގައި އޮސްޓްރޭލިއާގެ ކާޓިން ޔުނިވާސިޓީއާ ގުޅިގެން ފެކަލްޓީ އޮފް އާޓްސްގެ މުވައްޒަފުންނަށް ޕާތުގައި ފެކަލްޓީ ޑިވެލޮޕްމަންޓް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައިވާ އިރު، ހަތަރުވަނައަށް މޯލްޑިވްސް ލައިބްރަރީ އެސޯސިއޭޝަނާއި ކާޓިން ޔުނިވާސިޓީ ގުޅިގެން ސެޕްޓެމްބަރު ނުވައެއް އިން 19 އަށް ޕާތުގައި ލައިބްރަރީ އެންޑް އިންފޮމޭޝަން ޚިދުމަތްތަކާ ބެހޭ ވޯކްޝޮޕެއް ހިންގާފައިވެއެވެ.
ފެކަލްޓީ އޮފް އާޓްސްގެ ޑީން ޑރ. އާމިނަތު ރިޔާޒް ވިދާޅުވީ "ޕްރޮފެޝަނަލް ޑިވެލޮޕްމަންޓަކީ ހަމައެކަނި ސެޓްފިކެޓް ހާސިލުކުރުމަށް ވުރެ މާ ފުޅާ ދާއިރާއެއް" ކަމަށާއި އާ ނަޒަރިއްޔާތައް ދެނެގަނެ ޢަމަލީ ހުނަރު ތަރައްޤީކޮށް އެ ޚިޔާލުތައް މުޖުތަމަޢާއި ފަންނީ ދާއިރާތަކަށް ގެނެސްދިނުމުގެ ފުރުޞަތު އެކަމުން ފަހިވާ ކަމަށެވެ.
މި ހަތަރު ޕްރޮގްރާމް ކާމިޔާބުކަމާ އެކު ހިންގުމުގައި ކާޓިން ޔުނިވާސިޓީ، އޮސްޓްރޭލިއާގެ ހައި ކޮމިޝަން، ޖަޕާން ފައުންޑޭޝަން، ޖަޕާން އެމްބަސީ، ޔޫއެސްއައިއެމް، މޯލްޑިވްސް ލައިބްރަރީ އެސޯސިއޭޝަން އަދި ބައިވެރިވި ހުރިހާ މުވައްޒަފުންގެ އެއްބާރުލުން ލިބިފައިވާ ކަމަށް އެ ޔުނިވާސިޓީން ފާހަގަކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް