މަންދު ކޮލެޖުގެ ގެއްލުން ވަޒަންކުރި އޮޑިޓް ރިޕޯޓު ހަވާލުކުރުމަށް ސިވިލް ކޯޓުން އަމުރުކޮށްފި
ކުރީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިބްރާހީމް އިސްމާއީލް )އިބުރާ(ގެ މާލެ ހައި ކުންފުންޏަށް ކުރިމަތިވި ގެއްލުންތައް ދެނެގަތުމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން އެސެސްމެންޓެއް ހެދީ 2020 ވަނަ އަހަރުގެ އޮގަސްޓް 23 ގައި ތަޢުލީމާ ބެހޭ ވުޒާރާއިން ފޮނުވި ސިޓީއަކާ ގުޅިގެންނެވެ. ނަމަވެސް އެ ރިޕޯޓު ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވުމަށް ފަހު މާލެ ހައި ކުންފުންޏަށް ދިނުމަށް އޮޑިޓް އޮފީހުން ދެކޮޅު ހެދުމުން އެ ކުންފުނިން ސިވިލް ކޯޓުގައި ދައުވާ އުފުލީއެވެ. މި ދައުވާއާ މެދު އޮޑިޓާ ޖެނެރަލްގެ އޮފީހުން ޝަރީޢަތަށް އެއްވެސް ޖަވާބެއް ހުށަހަޅާފައެއް ނުވެއެވެ.
މަންދު ކޮލެޖު ހިންގާ މާލެ ހައި ޕްރައިވެޓް ލިމިޓެޑަށް ލިބުނު ވިޔަފާރީގެ ގެއްލުން ބަޔާންކޮށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ތައްޔާރުކުރި ރިޕޯޓު އެ ކުންފުންޏާ ހިއްސާ ނުކުރި މައްސަލައިގައި ސިވިލް ކޯޓުން އެ ރިޕޯޓު ހަވާލުކުރުމަށް ހުކުމްކޮށްފިއެވެ.
ކުރީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިބްރާހީމް އިސްމާއީލް (އިބުރާ)ގެ މާލެ ހައި ކުންފުންޏަށް ކުރިމަތިވި ގެއްލުންތައް ދެނެގަތުމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން އެސެސްމެންޓެއް ހެދީ 2020 ވަނަ އަހަރުގެ އޮގަސްޓް 23 ގައި ތަޢުލީމާ ބެހޭ ވުޒާރާއިން ފޮނުވި ސިޓީއަކާ ގުޅިގެންނެވެ. ނަމަވެސް އެ ރިޕޯޓު ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވުމަށް ފަހު މާލެ ހައި ކުންފުންޏަށް ދިނުމަށް އޮޑިޓް އޮފީހުން ދެކޮޅު ހެދުމުން އެ ކުންފުނިން ސިވިލް ކޯޓުގައި ދައުވާ އުފުލީއެވެ. މި ދައުވާއާ މެދު އޮޑިޓާ ޖެނެރަލްގެ އޮފީހުން ޝަރީޢަތަށް އެއްވެސް ޖަވާބެއް ހުށަހަޅާފައެއް ނުވެއެވެ.
ސިވިލް ކޯޓުން ނިންމީ އެ ރިޕޯޓު ލިބެންޖެހޭ ފަރާތަކީ މާލެ ހައި ކުންފުނި ކަމަށެވެ. ހުކުމުގައި ބުނެފައިވަނީ ރިޕޯޓަށް އެއްވެސް އުނި އިތުރެއް ނުގެނެސް ހަތް ދުވަހުގެ ތެރޭގައި ކުންފުންޏާ ހަވާލުކުރަންޖެހޭ ކަމަށެވެ. އެ ރިޕޯޓުގައި ފާހަގަކޮށްފައި ވަނީ އެމްއީއެސް ހިންގި ބިމާއި ޢިމާރާތުގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގުމުގެ އެއްބަސްވުން އުވާލުމުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ދެވޭނީ 1.2 މިލިއަނާއި 1.5 މިލިއަން ރުފިޔާއާ ދެމެދުގެ ޢަދަދެއް ކަމަށެވެ.
މާލެ ހައި ކުންފުނިން ކޯޓުގައި ބުނެފައިވަނީ އެފަދަ ރިޕޯޓެއް ތައްޔާރުކުރިކަން ވެސް ރަސްމީ ސިފައެއްގައި އެ ކުންފުންޏަށް އެނގިފައި ނުވާ ކަމަށެވެ. އަދި ކުންފުނީގެ ލިޔެކިޔުންތަކާއި ރެކޯޑުތައް ބެލުމެއް ނެތި ކުންފުނީގެ ބަހެއް ހޯދުމެއް ނެތި ހެދި ރިޕޯޓަކީ "އެއްވެސް ސައްހަ ކަމެއް ބުރަދަނެއް ނެތް އަދި ބައިނަލްއަޤުވާމީ އޮޑިޓްކުރުމުގެ މިންގަނޑުތަކާ ޚިލާފު ބާތިލް ރިޕޯޓެއް" ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.
މި މައްސަލައިގެ ފެށުމަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުން މަންދު ކޮލެޖު ހިންގުމަށް ދޫކުރި ޢިމާރާތް އެއްބަސްވުމާ އެއްގޮތަށް އިންޓަނޭޝަނަލް ސްކޫލެއް ހިންގާފައި ނުވާ ކަމަށް ބުނެ ޕީޕީއެމް ސަރުކާރުން 2015 ވަނަ އަހަރު އަތުލުމެވެ. ހައި ކޯޓާއި ސުޕްރީމް ކޯޓުން ފަހުން ކަނޑައެޅީ އެ އެއްބަސްވުން ބާޠިލުކުރީ ގޯސްކޮށް ކަމަށެވެ. އެ ނިންމުމާ ގުޅިގެން 18 މިލިއަން ރުފިޔާގެ ގެއްލުމުގެ ބަދަލު ހޯދުމަށް މާލެ ހައި ކުންފުނިން ވަނީ ދައުވާ ކޮށްފައެވެ.
ލިޔުންތެރިޔާ
އަހުމަދު އާހިލް ސައީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް