ތިލަމާލެ ބުރިޖުގެ މައި އޮނިގަނޑު ފުރިހަމަކޮށް މާލެއާއި ވިލިމާލެ ގުޅާލައިފި
މައި އޮނިގަނޑު ނިމުނު ނަމަވެސް ބުރިޖު ހުޅުވައި ޢާންމުންނަށް ދަތުރުކުރެވޭ ވަރު ވާނީ ފިނިޝިންގެ މަސައްކަތްތައް ނިމުމުންނެވެ. އެ މަސައްކަތްތަކުގެ ތެރޭގައި ރައްކާތެރިކަމުގެ ރޭލިންގް ހަރުކުރުމާއި ލައިޓް ޖެހުން ފަދަ ކަންކަން ހިމެނޭ ކަމަށް އެފްކޮންސްއިން ބުނެފައިވެއެވެ.
އިންޑިއާގެ އެފްކޮންސް ކުންފުނިން ކުރިއަށް ގެންދާ ތިލަމާލެ ބުރިޖު މަޝްރޫޢުގެ ދަށުން މާލެއާއި ވިލިމާލެ ގުޅުވައިދޭ ބުރިޖުގެ ފަހު ސެގްމެންޓު ގުޅާލައި ބުރިޖުގެ މައި އޮނިގަނޑުގެ މަސައްކަތް އެއްކޮށް ފުރިހަމަކޮށްފިއެވެ.
މައި އޮނިގަނޑު ނިމުނު ނަމަވެސް ބުރިޖު ހުޅުވައި ޢާންމުންނަށް ދަތުރުކުރެވޭ ވަރު ވާނީ ފިނިޝިންގެ މަސައްކަތްތައް ނިމުމުންނެވެ. އެ މަސައްކަތްތަކުގެ ތެރޭގައި ރައްކާތެރިކަމުގެ ރޭލިންގް ހަރުކުރުމާއި ލައިޓް ޖެހުން ފަދަ ކަންކަން ހިމެނޭ ކަމަށް އެފްކޮންސްއިން ބުނެފައިވެއެވެ.
މާލެ ސަރަޙައްދުގައި ހިންގާ ޢުމްރާނީ ތަރައްޤީގެ އެންމެ ބިޔަ އެއް މަޝްރޫޢުގެ ގޮތުގައި ސިފަކުރެވޭ މި ބުރިޖުން ގުޅާލާނީ މާލެ ވިލިމާލެ ގުޅިފަޅު އަދި ތިލަފުއްޓެވެ. ބުރިޖާއި ކޯޒުވޭތައް އެއްކޮށްލުމުން ޖުމްލަ ދިގުމިން 6.7 ކިލޯމީޓަރަށް އެރައެވެ. އެ ރަށްތައް ގުޅުވައިދޭ ހައިވޭތައް ހެދުމުގެ މަސައްކަތް ވެސް އެކުއެކީ ކުރިއަށް ގެންދެއެވެ. ބިނާރާ ބެހޭ ވުޒާރާއިން ބުނީ ގުޅިފަޅުގައި ބުރިޖާ ގުޅޭ މަގުތައް ބާރު ސްޕީޑުގައި ހެދެމުންދާ ކަމަށާއި ތިލަފުށީގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
ޖުމްލަ 500 މިލިޔަން ޑޮލަރު ނުވަތަ ހަތް ބިލިޔަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުވާ މި މަޝްރޫޢު ހިންގަނީ އިންޑިއާ ސަރުކާރުގެ 100 މިލިޔަން ޑޮލަރުގެ ހިލޭ އެހީއާއި 400 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުންނެވެ. ދިވެހި ސަރުކާރުން ވެސް މި މަޝްރޫޢަށް ޚަރަދުކުރާ ގޮތަށް ހަމަޖެހިފައިވެއެވެ. ސަރުކާރު ހަވާލުވެ ފުރަތަމަ ކުރި ކަންކަމުގެ ތެރޭގައި މި ބުރިޖުގެ މަސައްކަތް އަވަސްކުރުމަށް އިންޑިއާއާއި ކޮންޓްރެކްޓަރާ އެކު މަޝްވަރާ ފެށުން ހިމެނެއެވެ.
ސަރުކާރުން މިހާރު އަމާޒު ހިފާފައި ވަނީ އަންނަ އަހަރު ނިމުމުގެ ކުރިން ތިލަމާލެ ބުރިޖުގެ ހުރިހާ މަސައްކަތެއް ނިންމައިލުމަށެވެ.
ލިޔުންތެރިޔާ
އަހުމަދު އާހިލް ސައީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް