މައިގަނޑު ބަޔަށް ދާން

ދުނިޔެ

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި އެމެރިކާ އަންހެނާ ހޭއަރައި ވާހަކަދައްކަން ފަށައިފި

މަރުގެ އަދަބު ތަންފީޒުކުރުމަށް ދެ ފަހަރެއްގެ މަތިން ވިހަ އިންޖެކްޝަން ޖެހުމުންވެސް މަރުނުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.

އަހުމަދު އާހިލް ސައީދު

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި އެމެރިކާ އަންހެނާ ހޭއަރައި ވާހަކަދައްކަން ފަށައިފި

މަރުގެ އަދަބު ތަންފީޒުކުރުމަށް ދެ ފަހަރެއްގެ މަތިން ވިހަ އިންޖެކްޝަން ޖެހުމުންވެސް މަރުނުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.

ވިހަ މާއްދާ ހަށިގަނޑަށް ފޮނުވައިލުމަށްފަހު މަރުގެ އަދަބުން މީހަކު ސަލާމަތްވި މިއީ ފުރަތަމަ ފަހަރު ކަމަށް ބީބީސީން ރިޕޯޓުކޮށްފައިވެއެވެ. އުމުރުން 50 އަހަރުގެ ޕައިކްގެ ވަކީލުން ނެރުނު ބަޔާނުގައިވާ ގޮތުން، އޭނާ އަދިވެސް އޮތީ ހޮސްޕިޓަލުގައި ބިޑިއަޅުވާފައި ފަރުވާ ދެމުންދާ ހާލަތުގައެވެ. އަދި ރަނގަޅުވުމަށް ދިގު މުއްދަތެއް ނަގާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ވަކީލުން ބުނެފައިވެއެވެ.

އެމެރިކާގެ ޓެނެސީ ސްޓޭޓުގައި ޕައިކްގެ ގަޔަށް ޕެންޓޯބާބިޓަލް ނަމަކަށް ކިޔާ ވިހަ މާއްދާ ދެ ފަހަރެއްގެ މަތިން ޖެހި ނަމަވެސް އޭނާ މަރެއް ނުވިއެވެ. އެއާ ވިދިގެން އޭނާ ހޮސްޕިޓަލަށް ގެންގޮސް ވިހައިގެ އަސަރު ފިލުވުމުގެ ފަރުވާ ދެމުން ދިޔައިރު އޭނާ އޮތީ ހޭނެތިފައެވެ.

ޕައިކްގެ ދިފާއީ ޓީމުގައި ހިމެނޭ އެނެސްތީސިއޮލޮޖިސްޓް ޑރ. ޖޮއެލް ޒިވޮޓް ބުނީ ޖެހި ވިހައިގެ ދެ ޑޯޒަކީ އާދައިގެ ހާލަތެއްގައި ވަގުތުން މީހަކު މަރުވާނެ މިންވަރެއް ކަމަށެވެ. ނަމަވެސް އެ ވިހަ ސީދާ ލޭގެ ހިނގުމުގެ ތެރެއަށް ނުގޮސް ހަމުގެ ދަށުގައިވާ މަސްތަކުގެ ތެރެއަށް ފެތުރިގެން ދިޔުމުން ޕައިކް ސަލާމަތްވީ ކަމަށް ބެލެވޭ ކަމަށް އޭނާ ބުނެފައިވެއެވެ. މި ކަމުގެ ސަބަބުން ޕައިކްގެ އަތަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށްވެސް ވަކީލުން ބުނެއެވެ. ފޯޑަމް ލޯ ސްކޫލްގެ ޕްރޮފެސަރު ޑެބޮރާ ޑެންނޯ ބީބީސީއަށް މައުލޫމާތު ދެމުން ބުނީ ކުރިންވެސް ލޭ ހޮޅި ނުފެނިގެން ވިހަ ނުޖެހި މަރުގެ އަދަބުން މީހުން ސަލާމަތްވެފައިވާ ކަމަށެވެ. ނަމަވެސް ވިހަ ހަށިގަނޑަށް ފޮނުވައިލުމަށްފަހު މީހަކު ސަލާމަތްވުމަކީ މުޅިން އަލަށް ހިނގި ކަމެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

ޕައިކަށް މަރުގެ ހުކުމް އައީ 1995 ވަނަ އަހަރު އޭނާގެ އުމުރުން 18 އަހަރުގައި، އޭރުގެ ލޯބިވެރިޔާއާ ގުޅިގެން 19 އަހަރުގެ ކޮލީން ސްލެމާ ނަމަކަށް ކިޔާ އަންހެން ކުއްޖަކަށް އަނިޔާކޮށް މެރުމުގެ ކުށުގައެވެ. މި ހާދިސާއާ ގުޅިގެން ޓެނެސީގެ ގަވަރުނަރު ބިލް ލީ ވަނީ މި އަހަރުގެ ބާކީ ބައިގައި އެ ސްޓޭޓުގައި މަރުގެ އަދަބު ތަންފީޒުކުރުން ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. އަދި އެ ސްޓޭޓުގެ ޖަލުތަކާ ބެހޭ އިސްވެރިޔާ ވަނީ އިސްތިއުފާ ދޭނެ ކަން އިއުލާނުކޮށްފައެވެ. ޕައިކްގެ ވަކީލުން ނޭޝްވިލްގެ ކޯޓަށް ހާޒިރުވުމަށް ހަމަޖެހިފައިވާއިރު، ދެވަނަ ފަހަރަށް މަރުގެ އަދަބު ދޭން މަސައްކަތް ކުރާނެ ކަމެއް ކަމާ ބެހޭ އިދާރާތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.