ޖިންސީ ގޯނާގެ ތުހުމަތު ކުރެވޭ އިންޑިއާ ފުލުހަކަށް މަގާމުގެ ކުރިއެރުން ދީފި
އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި މުޒާހަރާއެއްގެ ތެރެއިން އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު އުފުލިފައިވާ ފުލުސް އޮފިސަރަކަށް ދެ ދުވަސް ފަހުން ވަގުތީ މަގާމުގެ ކުރިއެރުމެއް ދީފިއެވެ.
އަހުމަދު އާހިލް ސައީދު
އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި މުޒާހަރާއެއްގެ ތެރެއިން އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު އުފުލިފައިވާ ފުލުސް އޮފިސަރަކަށް ދެ ދުވަސް ފަހުން ވަގުތީ މަގާމުގެ ކުރިއެރުމެއް ދީފިއެވެ.
ދިއްލީ ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނާ ވިވެކް ބާގަތަށް ތުހުމަތުކޮށްފައިވަނީ އޮކްޓޫބަރު ތިން ވަނަ ދުވަހު ޖަންތަރު މަންތަރުގައި ބޭއްވި މުޒާހަރާ ތެރެއިން އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށެވެ. އެ ތުހުމަތާ އެކު ވެސް ހޯމަ ދުވަހު ނެރުނު އަމުރެއްގެ ދަށުން ބާގަތް ހިމެނޭ ގޮތަށް 12 އޮފިސަރަކަށް ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސްގެ ވަގުތީ ޒިންމާތައް ހަވާލުކޮށްފައިވެއެވެ.
އެ އަމުރުގައި ބާގަތާ އެކު ހިމެނޭ އެހެން އޮފިސަރުންގެ ތެރޭގައި ޑރ. ވިކާސް ޝޮކާންދް، އޭ ވެންކަޓެޝް، ގުރްސެވަކް ސިންގް، ރެނޫ ލާތާ، ވިދޫޝީ ކޯޝިކް، މަނޫ، ހިމާންޝޫ ސަކާރިއާ، މިހިރް ޕްރަވީންބާއީ، ގަރީމާ ތިވާރީ، އާޝިޝް ކުމާރު، މާނިޝް ލާޑްލާ އަދި ރޯހިތް ގުޕްތާ ހިމެނެއެވެ. އެ އަމުރުގައިވާ ގޮތުން މި 12 އޮފިސަރުންނަށް ހަވާލުކޮށްފައިވަނީ ރޫޓީން މަސައްކަތްތަކުގެ ވަގުތީ ޒިންމާ އެކަންޏެވެ. އެ މަގާމުގެ ޤާނޫނީ ބާރުތައް ބޭނުންކުރުމުގެ ހައިސިއްޔަތެއް ނެތް ކަމަށާއި، ހޯމް މިނިސްޓްރީން ދާއިމީ ބޭފުޅުން ހަމަޖައްސަންދެން މި އިންތިޒާމު ދެމިއޮންނާނެ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ. ހަމައެހެންމެ މި ބަދަލުގެ ސަބަބުން އެ އޮފިސަރުންގެ ސީނިއޯރިޓީ އަށާއި ދާއިމީ ޕްރޮމޯޝަންގެ ތާރީޚަށް ބަދަލެއް ނައންނާނެ ކަމަށާއި، އެ މަގާމާ ގުޅޭ އިތުރު މުސާރައެއް ވެސް ނުލިބޭނެ ކަމަށް ބުނެފައިވެއެވެ.
މި ތުހުމަތު ފެންމަތިވީ ޗީފް އިލެކްޝަން ކޮމިޝަނާ ގިޔާނެޝް ކުމާރުގެ އިސްތިއުފާއަށް ގޮވައިލައި އޮކްޓޫބަރު ތިނެއްގައި ޖަންތަރު މަންތަރުގައި ކުރި މުޒާހަރާ ކަވަރުކުރި ތިން އަންހެން ނޫސްވެރިއަކު ފުލުހުންގެ ޖިންސީ ފުރައްސާރައާ ކުރިމަތިލާން ޖެހުނު ކަމަށް ބުނެ މައްސަލަ ހުށަހެޅުމުންނެވެ. އެ ނޫސްވެރިންގެ ތެރެއިން އެކަކު ޕީޓީއައި ނޫސް އެޖެންސީއަށް މަޢުލޫމާތު ދެމުން ބުނީ "މުޒާހަރާގެ ބައިވެރިން ހައްޔަރުކުރިއިރު އެ ތަނުގައި އަންހެން ފުލުހުން ނެތް ކަން ފާހަގަވެގެން އެ ސުވާލު އޭސީޕީ ބާގަތާ ކުރެއްވުމުން، ބާގަތް އޭނާއަށް ޖިންސީ ގޯނާކޮށް ފަހަތަށް ކޮއްޕާލި" ކަމަށެވެ.
ނޫސްވެރިންގެ ތުހުމަތުތައް ދިއްލީ ފުލުހުން ދޮގުކޮށްފައިވެއެވެ. ދިއްލީ ފުލުހުންގެ ރަސްމީ ބަޔާނެއްގައި ބުނެފައިވަނީ "ބައެއް ސޯޝަލް މީޑިއާ ހެންޑްލްތަކުން ބުނާ ފަދައިން އަންހެން މުޒާހަރާވެރިންނަށް ޖިސްމާނީ ހަމަލާ ދިން ކަމަށް ކުރެވޭ ތުހުމަތުތަކަކީ ހަޤީޤަތެއް ނެތް އޮޅުވައިލުމުގެ ވާހަކަތަކެއް" ކަމަށެވެ. ނޫސްވެރިން ހުށަހެޅި ޖިންސީ ފުރައްސާރައިގެ ތިން މައްސަލަ ކްރައިމް ބްރާންޗަށް ބަދަލުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް