ޕްރައިމަރީ ކެންޑިޑޭޓުން ރަނިންމޭޓުން އިއުލާންކުރުމާ މެދު ކަންބޮޑުވުން ފާޅުކޮށްފި: ނަޝީދު
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ރަނިންމޭޓުން އިޚްތިޔާރުކޮށް އިއުލާންކުރަމުން ދިޔުމާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އަހުމަދު އާހިލް ސައީދު
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ރަނިންމޭޓުން އިޚްތިޔާރުކޮށް އިއުލާންކުރަމުން ދިޔުމާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވީ، ރިޔާސީ އިންތިޚާބަށް ޕާޓީން ނުކުންނައިރު އެހެން ސިޔާސީ ޕާޓީތަކާ މަޝްވަރާކޮށް އިއްތިހާދުތަކާއި އެއްބަސްވުންތައް ގާއިމުކުރެވޭނެ ފަދަ ޖާގައެއް ބާއްވަން ޖެހޭ ކަމަށެވެ.
"ޕާޓީ އިލެކްޝަންއަށް ނުކުންނައިރު އެހެން ޕާޓީތަކާ ވާހަކަ ދައްކާ، އެއްބަސްވުންތައް ގާއިމުކުރެވޭނެ ގޮތަށް ތިބުން ބޭނުންތެރި. ރަނިން މޭޓުކަމަކީ އެމްޑީޕީން އެހެން ޕާޓީތަކާ ކުރާ މަޝްވަރާތަކުގައި ލެވަރެޖޭއް. އެ ލެވަރޭޖު ގެއްލޭ ގޮތަށް ކެންޑިޑޭޓުން އަމަލުނުކުރައްވާނެ ކަމަށް އުންމީދުކުރައްވަން،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު މި މޭރުމުން ވާހަކަފުޅު ދައްކަވާފައި މިވަނީ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ބާއްވާ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ރަސްމީކޮށް އިއުލާންކުރައްވައި، އެމަނިކުފާނުގެ ރަނިންމޭޓަކަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ހަމަޖެއްސެވިކަން ހާމަކުރެއްވި ދަނޑިވަޅެއްގައެވެ. ފައިސަލް ވިދާޅުވީ މި މަސައްކަތަށް ނުކުމެވަޑައިގަތީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ފުރިހަމަ ތާއީދާއި އެއްބާރުލެއްވުމާ އެކުގައި ކަމަށެވެ.
"ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ މަޝްވަރާ ކުރެވި ވަރަށް ބޮޑު އެއްބާރުލުމެއް މިކަމުގައި އޮވެގެން މިކަމުގައި އަޅުގަނޑުމެންނަށް ކުރިއަށް މިގެންދެވެނީ. އެއީ އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި. އެގޮތަށް އަޅުގަނޑުމެންނަށް ކުރިއަށް ގެންދެވޭ ކަމަށްވަންޏާ އެނގިވަޑައިގަންނަވާނެ ރައީސް ސޯލިހަކީ އެއީ ނިމިގެންދިޔަ އެމްޑީޕީ ސަރުކާރުގައި ރާއްޖޭގެ ރައްޔިތުންނަށް ވަރަށް ގިނަ ޚިދުމަތްތަކެއް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއް،" ފައިސަލް ވިދާޅުވިއެވެ.
ފައިސަލްގެ އިތުރުން ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލާއި ކުރީގެ ރައީސް ޢަބްދުﷲ ޝާހިދު އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަޙުމަދު ޝަމްހީދު ވެސް ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވެއެވެ. އެހެން ނަމަވެސް ފައިސަލް ނޫން ބޭފުޅަކު އަދި ރަނިންމޭޓަކު ހާމަކުރައްވާފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް