ރިޔާޛުގެ ކިންގް ޚާލިދު އެއާޕޯޓަށް ދިން ދެ ހަމަލާއެއްގައި ޕައިލެޓަކު ހިމެނޭހެން ތިން މީހުން މަރުވެއްޖެ
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޛުގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ދިން ދެ ހަމަލާއެއްގައި ޕައިލެޓަކާ އެކު ތިން މީހަކު މަރުވެފައިވާ ކަމަށް ސައުދީގެ ޖެނެރަލް އޮތޯރިޓީ ފޯ ސިވިލް އޭވިއޭޝަން (ގާކާ) އިން ބުނެފިއެވެ.
އަހުމަދު އާހިލް ސައީދު
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޛުގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ދިން ދެ ހަމަލާއެއްގައި ޕައިލެޓަކާ އެކު ތިން މީހަކު މަރުވެފައިވާ ކަމަށް ސައުދީގެ ޖެނެރަލް އޮތޯރިޓީ ފޯ ސިވިލް އޭވިއޭޝަން (ގާކާ) އިން ބުނެފިއެވެ.
ގާކާއިން ހާމަކުރި ގޮތުގައި ފުރަތަމަ ހަމަލާ އަރާފައިވަނީ އެއާޕޯޓުގެ ވަސީލަތްތަކަށެވެ. ދެވަނަ ހަމަލާ އަމާޒުވީ ސައުދީގެ ޤައުމީ އެއާލައިން ސައުދިއާގެ ބޯޓަކަށެވެ. އެ ހަމަލާ އެރި ވަގުތު ބޯޓުގައި އެއްވެސް ފަސިންޖަރަކު ނެތް ކަމަށް ސައުދިއާއިން ބުނެފައިވެއެވެ.
މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ސައުދިއާގެ ޕައިލެޓެއް ކަމަށްވާ ކެޕްޓަން ޙަމޫދު ޢަލީ އަލްކަލްޘަމީ ހިމެނޭ ކަން އެ އެއާލައިނުން ކަށަވަރުކޮށްދީފައިވެއެވެ. ސައުދިއާއިން ނެރުނު ބަޔާނުގައި ކެޕްޓަން ޙަމޫދުގެ އާއިލާއާއި ގާތްތިމާގެ މީހުންނާއި މަސައްކަތުގެ އެކުވެރިންނަށް ތައުޒިޔާ ފޮނުވައި، ޤައުމީ އެއާލައިނަށް އޭނާ ކޮށްދެއްވި ޚިދުމަތްތައް ފާހަގަކޮށްފައިވެއެވެ.
ހަމަލާތަކާ ގުޅިގެން ބައެއް ޢާންމު ރައްޔިތުންނާއި ސައުދީގައި ދިރިއުޅޭ ބޭރު މީހުންނަށް ކުދި އަނިޔާތަކުން ފެށިގެން ބޮޑެތި ޒަޚަމްތައް ލިބިފައިވާތީ އެ ފަރާތްތައް ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވާ ކަމަށް ގާކާއިން ބުނެފައިވެއެވެ. ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ ޓީމުތައް ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ވަގުތުން ފިޔަވަޅު އެޅި ކަމަށް ވެސް އެ އޮތޯރިޓީން ފާހަގަކޮށްފައިވެއެވެ.
ސަލާމަތީ ބާރުތަކާ ގުޅިގެން ގެއްލުންތައް ވަޒަންކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ފަސިންޖަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފިޔަވަޅު އަޅަމުންދާ ކަމަށް ގާކާއިން ބުނެފައިވެއެވެ. މިހާރު އެއާޕޯޓުގެ އޮޕަރޭޝަންތައް އަލުން ފެށި ވައިގެ ދަތުރުފަތުރު އާންމު ހާލަތަކަށް ރުޖޫޢަވެފައިވާ ކަމަށާއި، ފްލައިޓް ޝެޑިއުލްތައް ގާތުން މޮނިޓާ ކުރަމުންދާ ކަމަށް ސައުދިއާއިން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް