ހޫޘީން ސައުދީގެ ދެ އެއާޕޯޓަކަށް ހަމަލާ ދީ ތިން މީހަކު ޒަޚަމްކޮށްލައިފި
ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ސައުދީ އަރަބިއްޔާގެ ދެކުނުގައި އޮންނަ ދެ އެއާޕޯޓަކަށް ހޯމަ ދުވަހުގެ އިރުއޮއްސުނު ވަގުތު ހަމަލާތަކެއް ފޮނުވައި ތިން މީހަކު ޒަޚަމްކޮށްލައިފިއެވެ.
އަހުމަދު އާހިލް ސައީދު
ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ސައުދީ އަރަބިއްޔާގެ ދެކުނުގައި އޮންނަ ދެ އެއާޕޯޓަކަށް ހޯމަ ދުވަހުގެ އިރުއޮއްސުނު ވަގުތު ހަމަލާތަކެއް ފޮނުވައި ތިން މީހަކު ޒަޚަމްކޮށްލައިފިއެވެ.
ސައުދީގެ މަދަނީ ވައިގެ ދަތުރުފަތުރާ ބެހޭ އިދާރާއިން ބުނި ގޮތުގައި ހަމަލާ އަމާޒުވެފައިވަނީ ޖާޒާންގެ ކިންގް އަބްދުالله ބިން އަބްދުލްއަޒީޒް އިންޓަނޭޝަނަލް އެއާޕޯޓަށާއި ނަޖްރާން އިންޓަނޭޝަނަލް އެއާޕޯޓަށެވެ. މި ހަމަލާތަކުގައި ދެ އެއާޕޯޓަށް ވެސް ގެއްލުންތަކެއް ލިބިފައިވެއެވެ.
އީރާނުގެ މަދަދު ލިބޭ ހޫޘީން މި ހަމަލާތައް ދީފައި މިވަނީ، ހޫޘީންގެ ކުރިއެރުންތައް ހުއްޓުވުމަށް ސައުދީގެ އެހީތެރިކަން ލިބޭ ޔަމަނު ސަރުކާރުގެ ފައުޖުތަކުން ބޮޑު އޮޕަރޭޝަނެއް ފަށައި، ރިޔާޛުން ވައިގެ ހަމަލާތައް ވަރުގަދަކޮށްފައިވާ ދަނޑިވަޅެއްގައެވެ. އެ ހަރަކާތްތަކާ ދެކޮޅަށް ހޫޘީން ދަނީ ސައުދީގެ އެއާޕޯޓުތަކާއި ތެޔޮ ރައްކާކުރާ މަރުކަޒުތަކާއި އަސްކަރީ މުހިންމު ތަންތަނަށް މިސައިލާއި ޑްރޯން ހަމަލާ ފޮނުވަމުންނެވެ.
ސައުދީގެ މަދަނީ ވައިގެ ދަތުރުފަތުރާ ބެހޭ އިދާރާއިން ބުނީ ދެ އެއާޕޯޓަށް ލިބުނު ގެއްލުންތައް ވަޒަންކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި ދަތުރުވެރިންނާއި އެއާޕޯޓު މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކުރުމާއި ޤައުމުގެ ވައިގެ ދަތުރުފަތުރުގެ ނިޒާމުގެ ސަލާމަތް ދެމެހެއްޓުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅަމުންދާ ކަމަށް ވެސް އެ އިދާރާއިން ހާމަކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް