އީގަލް ހިލްސް މަޝްރޫޢުން 2040 ގައި ތަރައްޤީވެފައިވާ ޤައުމަކަށް ރާއްޖެ ބަދަލުވާނެ: ސައީދު
ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހިންގުމަށް ރާވާފައިވާ ބިޔަ މަޝްރޫޢުގެ ސަބަބުން 2040 ވަނަ އަހަރު ރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށް ބަދަލުކުރެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު މިރޭ ވިދާޅުވެއްޖެއެވެ.
އަހުމަދު އާހިލް ސައީދު
ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހިންގުމަށް ރާވާފައިވާ ބިޔަ މަޝްރޫޢުގެ ސަބަބުން 2040 ވަނަ އަހަރު ރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށް ބަދަލުކުރެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު މިރޭ ވިދާޅުވެއްޖެއެވެ.
"އަހާ" ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ވޭތުވެދިޔަ 54 އަހަރު ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެއަށް ގެނެވުނު ޖުމްލަ ވަސީލަތްތަކާ އީގަލް ހިލްސްގެ އެންމެ ޕްރޮޖެކްޓެއް އެއްވަރުވާނެ ކަމަށެވެ. ރާއްޖޭގެ އިޤުތިޞާދު ފުޅާކުރުމަށް ޤައުމުގެ ޠަބީޢަތާ ގުޅޭ ގޮތްތައް ޚިޔާރުކުރަން ޖެހޭ ކަމަށާއި މި މަޝްރޫޢު ވެސް ކުރިއަށް ގެންދާނީ އެ އުސޫލުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖޭގައި 170 ރިސޯޓު ހިންގަމުން އަންނައިރު ފަތުރުވެރިކަމުން އިޤުތިޞާދަށް ސީދާ ގޮތުން ލިބެނީ 1.7 ބިލިއަން ޑޮލަރެވެ. އެންމެ ސިނާޢަތަކަށް ބަރޯސާވެގެން ޤައުމު ތަރައްޤީ ކުރުމަކީ ބޮޑު ނުރައްކަލެއް ކަމަށާއި، މިހާރު ކަންކަން ހިނގާ ގޮތުން 2040 ވަނަ އަހަރުގެ ލަނޑުދަނޑި ޙާޞިލެއް ނުކުރެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"އީގަލް ހިލްސް ޕްރޮޖެކްޓުން އެކަނި އެއް މިލިއަން ޓޫރިސްޓުން އެބަ އިތުރުވޭ. އެއާޕޯޓު ތަރައްގީ ކުރީ 4 ނުވަތަ 5 މިލިއަން އެރައިވަލް ނިއަ ޓާމްގައި އެޗީވްކުރުމަށްޓަކައި" ސައީދު ވިދާޅުވިއެވެ.
99 އަހަރަށް ބިން ކުއްޔަށް ދޫކުރުމުގެ އުސޫލު ފެށިފައިވަނީ 2013 އިން 2018 އާ ދެމެދުގައި ކަމަށާއި، މިހާރު ވެސް 54 ވަރަކަށް ރިސޯޓު އެ މުއްދަތަށް ކުއްޔަށް ދީފައި އޮތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ރައީސް ޔާމީންގެ ސަރުކާރުގައި އެއް ބިލިއަން ޑޮލަރު އިންވެސްޓުކޮށް ބިން ހިއްކައިފި ނަމަ 30 އިންސައްތަ ފްރީހޯލްޑް އުސޫލުން ދޫކުރާ ގޮތަށް ނިންމި ކަމަށާއި، ޖެހިގެން އައި ސަރުކާރުން ޤާނޫނު ބަދަލުކޮށް 99 އަހަރަށް ކުއްޔަށް ދެވޭ ގޮތް ހެދީ ކަމަށް ވެސް ސައީދު ވިދާޅުވިއެވެ. އިދިކޮޅު ފަރާތްތަކުގެ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން މިނިސްޓަރު ވިދާޅުވީ އެއީ ބިރުވެރިކަން އުފެއްދުމުގެ ބޭނުމުގައި ސިޔާސީ ގޮތުން ދައްކާ ވާހަކަ ކަމަށާއި، މި މަޝްރޫޢު ކާމިޔާބުވެއްޖެ ނަމަ އެ ފަރާތްތަކުގެ ސިޔާސީ ޙަޔާތަށް ހިޔަނި އެޅޭނެ ކަމަށެވެ.
"މޯލްޑިވްސް ވޯޓާފްރޮންޓް އެންޑް މެރީނާ" ގެ ނަމުގައި ހިންގާ މި މަޝްރޫޢުގެ ކޮމާޝަލް ޓާމްސް އެއްބަސްވުމުގައި އީގަލް ހިލްސް ކުންފުންޏާ އެކު ސަރުކާރުން ސޮއިކޮށްފައިވަނީ މިދިޔަ މަހުގެ ފަހުކޮޅުގައެވެ. އެ އެއްބަސްވުމުގެ ދަށުން ރަސްމާލޭގެ 500 ހެކްޓަރު ބިން އެ ކުންފުންޏަށް ދޫކުރާއިރު، 20 ބިލިއަން ޑޮލަރުގެ މި މަޝްރޫޢާ މެދު ސިޔާސީ ބައެއް ލީޑަރުން ކަންބޮޑުވުން ފާޅުކުރަމުން ގެންދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް