ޗާގޯސް ކަނޑުގެ ސަރަހައްދަށް 5.2 ގެ ބިންހެލުމެއް އައިސްފި
ޗާގޯސް ޖަޒީރާތައް ހިމެނޭ ކަނޑުގެ ސަރަހައްދަށް ރިކްޓާ މިންގަނޑުން 5.2 ގެ ބާރުމިނުގައި ރޭ ބިންހެލުމެއް އައިސްފައިވާއިރު، އެކަމުގެ ނުރައްކަލެއް ރާއްޖެއަށް ނެތް ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ބުނެފިއެވެ.
އަހުމަދު އާހިލް ސައީދު

ޔުނައިޓެޑް ސްޓޭޓްސް ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) ގެ މަޢުލޫމާތުތަކުން ދައްކާ ގޮތުގައި މި ބިންހެލުން ރެކޯޑުކުރެވިފައިވަނީ ރާއްޖެ ގަޑިން ރޭގަނޑު 7:59 ހާއިރު، ބިމުގެ އަޑިން ގާތްގަނޑަކަށް 10 ކިލޯމީޓަރު ފުނުންނެވެ.
މެޓް އޮފީހުން ބުނީ ބިންހެލުން އުފެދުނު ހިސާބު އޮތީ އައްޑޫ ސިޓީއާ ގާތްގަނޑަކަށް 833 ކިލޯމީޓަރު ދުރުގައި ކަމަށެވެ. އެ އިދާރާއިން ވަނީ މި ބިންހެލުމުގެ ސީދާ ނުރައްކަލެއް ވެސް އަދި އަސަރެއް ވެސް ރާއްޖެއަށް ނުކުރާނެ ކަމުގެ ޔަޤީންކަން ދީފައެވެ.
މީގެ ކުރިން އޮކްޓޫބަރު މަހުގެ ހަ ވަނަ ދުވަހު ވެސް ހަމަ އެ ސަރަހައްދަށް ރިކްޓާ މިންގަނޑުން 4.7 ގެ ބާރުމިނުގައި ބިންހެލުމެއް ވަނީ ރެކޯޑުކުރެވިފައެވެ. ޗާގޯސް ހިމެނޭ ސަރަހައްދަކީ ޓެކްޓޯނިކް ޕްލޭޓްތަކުގެ ހަރަކާތާ ގުޅިގެން ދޭތެރެދޭތެރެއިން މެދުމިނުގެ ބިންހެލުންތައް ރެކޯޑުކުރެވެމުންދާ ސަރަހައްދެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް