މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި އިންޑިއާ މީހަކު ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި ސިއްރުން އެތެރެކޮށް ޓްރެފިކް ކުރި ކަމުގެ ތުހުމަތުގައި އިންޑިއާގެ 29 އަހަރުގެ ފިރިހެނަކު ޝަރީޢަތް ނިމެންދެން ރިމާންޑް ޖަލެއްގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
އަހުމަދު އާހިލް ސައީދު
ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި ސިއްރުން އެތެރެކޮށް ޓްރެފިކް ކުރި ކަމުގެ ތުހުމަތުގައި އިންޑިއާގެ 29 އަހަރުގެ ފިރިހެނަކު ޝަރީޢަތް ނިމެންދެން ރިމާންޑް ޖަލެއްގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
މި މައްސަލައިގައި ބަންދުކޮށްފައިވަނީ މޮހައްމަދު ޓަފެޖުލް ޙާއިދަރ ނަމަކަށް ކިޔާ މީހެކެވެ. ކޯޓުން މި އަމުރު ނެރެފައިވަނީ 5 އޮކްޓޫބަރު 2026 ގައެވެ.
ބަންދު އަމުރުން އެނގޭ ގޮތުގައި، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް ތަޙުޤީޤީ ބަޔާނާއި، މަސްތުވާތަކެތީގެ ތަޙުލީލު ރިޕޯޓާއި ކިތާބީ ހެކި ހުށަހަޅާފައިވެއެވެ. އޭނާ ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ކޯޓުން ބެލި ކަމަށް އެ އަމުރުގައި ބަޔާންކޮށްފައިވެއެވެ. ނަމަވެސް އޭނާ އެތެރެކުރީ ކޮން ބާވަތެއްގެ، ކިހާ ބަރުދަނެއްގެ މަސްތުވާތަކެތި ކަމެއް އެ އަމުރުގައި ބަޔާންކޮށްފައެއް ނުވެއެވެ.
ދައުލަތުން ޝަރީޢަތުގެ މަޖިލީހުގައި ފާހަގަކުރި ގޮތުގައި، ސިއްރުން ރާއްޖެއަށް އެތެރެކުރި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗަކީ "އޭނާ އަމިއްލައަށް ބޭނުންކުރުމަށް ގެނައި ތަކެތި" ކަމަށް ޓަފެޖުލް ބުނެފައިވެއެވެ. އެހެން ނަމަވެސް އޭނާގެ ދިފާޢީ ވަކީލު ވިދާޅުވީ އޭނާ ގެނައި ތަކެއްޗަކީ "އާންމުކޮށް ބޭނުންކުރާ، އަދި އިންޑިއާގައި ވެސް ޢާންމުކޮށް ވިއްކަން ހުންނަ އެއްޗެއް" ކަމަށާއި، އެއީ ރާއްޖޭގެ ޤާނޫނު މަނާކުރާ މަސްތުވާތަކެތީގެ ބާވަތަކަށް ފެތޭ އެއްޗެއްކަން އޭނާއަށް ނޭނގޭ ކަމަށެވެ. އެ ސަބަބާ ހުރެ ބަންދުން ދޫކޮށްލުމަށް ވެސް ވަކީލު އެދިފައިވެއެވެ.
ނަމަވެސް މައްސަލައިގެ ކުޑަބޮޑުމިނާއި ހުށަހެޅިފައިވާ ހެކިތަކަށް ރިޢާޔަތްކުރައްވައި، ޤާޟީ މުޙައްމަދު މިޞްބާޙް ނިންމެވީ ޝަރީޢަތް ނިމެންދެން ޓަފެޖުލް ބަންދުގައި ބެހެއްޓުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް