މައިގަނޑު ބަޔަށް ދާން

ހަބަރު

ވިއެޓްނާމް ކޯޓަކުން ދިވެހި ރައްޔިތަކު 20 އަހަރަށް ޖަލަށްލުމަށް ޙުކުމްކޮށްފި

ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރުމުގެ ކުށް ސާބިތުވެ، ޢުމުރުން 39 އަހަރުގެ ދިވެހި ފިރިހެނަކު 20 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒުކުރުމަށް އެ ޤައުމުގެ ޚާން ހުއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުން އަމުރުކޮށްފިއެވެ.

އަހުމަދު އާހިލް ސައީދު

ވިއެޓްނާމް ކޯޓަކުން ދިވެހި ރައްޔިތަކު 20 އަހަރަށް ޖަލަށްލުމަށް ޙުކުމްކޮށްފި

ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރުމުގެ ކުށް ސާބިތުވެ، ޢުމުރުން 39 އަހަރުގެ ދިވެހި ފިރިހެނަކު 20 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒުކުރުމަށް އެ ޤައުމުގެ ޚާން ހުއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުން އަމުރުކޮށްފިއެވެ.

މި ޙުކުމް އިއްވާފައިވަނީ މުޙައްމަދު އަނިލް ނަމަކަށް ކިޔާ މީހެއްގެ މައްޗަށެވެ. ޖަލު ޙުކުމް ފުރިހަމަކުރުމަށްފަހު އޭނާ ވިއެޓްނާމުން ޑީޕޯޓްކޮށްލުމަށް ވެސް ކޯޓުން ވަނީ ނިންމައިފައެވެ.

ދަޢުވާގައިވާ ގޮތުން، 8 ޑިސެމްބަރު 2025 ގައި ޚާން ހުއާ ޕްރޮވިންސްގެ ކޭމް ރާން އިންޓަނޭޝަނަލް އެއާޕޯޓުގައި ފަސިންޖަރުންގެ ދަބަސްތައް ބަލައިފާސްކުރުމުގެ ތެރޭގައި، ތައިލެންޑުގެ ބެންކޮކުން ފުރައިގެން އައި އަނިލްގެ ޗެކް-އިން ލަގެޖާއި އަތްދަބަހުން ޝައްކު އުފެދޭ ތަކެތި ފެނުމާ ގުޅިގެން ކަސްޓަމްސް އޮފިސަރުން ވަނީ އޭނާ ހިފަހައްޓައިފައެވެ. ކަމާ ގުޅޭ އިދާރާތައް ގުޅިގެން ދަބަސް ފާސްކުރިއިރު މަސްތުވާތަކެތި ހުރި ގިނަ ޕެކެޓްތަކެއް ފެނިފައިވެއެވެ. ނަމަވެސް އަނިލް މަސްތުވާތަކެއްޗަށް ޓެސްޓުކުރިއިރު ނެގެޓިވް ވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ތަޙުޤީޤުން ހާމަވެފައިވާ ގޮތުގައި، 7 ނޮވެމްބަރު 2025 ގައި އަނިލް ބެންކޮކްގެ ހޮޓަލެއްގައި ހުރިއިރު، ތައިލެންޑުގެ ޕަޓާޔާގައި ދިރިއުޅޭ "އަފޫ" ނަމަކަށް ކިޔާ މީހަކު ވަނީ ވިއެޓްނާމަށް މަސްތުވާތަކެތީގެ ހަ ޕެކެޓް އުފުލައިދިނުމަށް ހުށަހަޅައިފައެވެ. އެ މީހާގެ އަސްލު ނަމާއި ދިރިއުޅޭ ވަކި ތަނެއް އަދި ދެނެގަނެވިފައެއް ނުވެއެވެ. ވިއެޓްނާމަށް ތަކެތި ގެންދިއުމުން އެއާ ޙަވާލުވާނެ މީހަކު ގުޅާނެ ކަމަށް އަފޫ ބުނެފައިވާ ކަމަށާއި، މަސައްކަތުގެ އުޖޫރައެއްގެ ގޮތުގައި 1,000 އެމެރިކާ ޑޮލަރު ދޭނެ ކަމަށް ވަޢުދުވެ، ކެއުމާއި ދަތުރު ޚަރަދަށް އެޑްވާންސްގެ ގޮތުގައި 500 ޑޮލަރު ދީފައިވާ ކަމަށް ތަޙުޤީޤުން އެނގެއެވެ. އަނިލްގެ ލަގެޖަށް މަސްތުވާތަކެތި ލާފައިވަނީ ވެސް އަފޫ ކަމަށް ތަޙުޤީޤުން ވަނީ ހާމަވެފައެވެ.

އަނިލް އަތުން އަތުލައިގަތް ތަކެތީގެ ޖުމްލަ ބަރުދަނަކީ 1,545.6893 ގްރާމެވެ. އޭގެ ތެރޭގައި 1,067.2293 ގްރާމްގެ މެފެޑްރޯން އަދި 478.46 ގްރާމްގެ އަލްފާ-ޕީއައިއެޗްޕީ ހިމެނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.