އިންޑިއާގައި ހަކުރުގެ އަގު ރެކޯޑް މިންވަރަކަށް އުފުލިއްޖެ
އިންޑިއާގެ ކޮންސިއުމާ އެފެއާޒް ފުޑް އެންޑް ޕަބްލިކް ޑިސްޓްރިބިއުޝަން ވުޒާރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އާދިއްތަ ދުވަހާ ހަމައަށް ހަކުރު ކިލޯއެއް ރީޓެއިލްކޮށް ވިއްކި އެވެރެޖް އަގު ވަނީ 62.47 ރުޕީސްއަށް އަރައިފައެވެ. ޖުލައި މަހު ކިލޯއެއް ގަންނަން ލިބުނީ 48.18 ރުޕީސްއަށް ކަމަށް ވާއިރު މިދިޔަ އަހަރުގެ އޮގަސްޓް މަހު އެ އަގު ހުރީ 46.3 ރުޕީސްގައެވެ. ހޯލްސޭލް ބާޒާރުގައި 100 ކިލޯގެ ބަސްތާއެއް 5،801.29 ރުޕީސްއަށް އުފުލިފައި ވާއިރު ޖުލައި މަހު އެ ބަސްތާއެއް ލިބުނީ 4،510.76 ރުޕީސްއަށެވެ.
ރާއްޖެއަށް އެންމެ ގިނައިން ހަކުރު އެތެރެކުރާ އިންޑިއާގައި ފެސްޓިވަލް މޫސުމާ ދިމާކޮށް ހަކުރުގެ އަގު ވަރަށް ބޮޑަށް މައްޗަށް ގޮސް ޢާންމުންނާއި ކުދި ވިޔަފާރިތަކަށް ދަތިތަކާ ކުރިމަތިވެއްޖެއެވެ.
އިންޑިއާގެ ކޮންސިއުމާ އެފެއާޒް ފުޑް އެންޑް ޕަބްލިކް ޑިސްޓްރިބިއުޝަން ވުޒާރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އާދިއްތަ ދުވަހާ ހަމައަށް ހަކުރު ކިލޯއެއް ރީޓެއިލްކޮށް ވިއްކި އެވެރެޖް އަގު ވަނީ 62.47 ރުޕީސްއަށް އަރައިފައެވެ. ޖުލައި މަހު ކިލޯއެއް ގަންނަން ލިބުނީ 48.18 ރުޕީސްއަށް ކަމަށް ވާއިރު މިދިޔަ އަހަރުގެ އޮގަސްޓް މަހު އެ އަގު ހުރީ 46.3 ރުޕީސްގައެވެ. ހޯލްސޭލް ބާޒާރުގައި 100 ކިލޯގެ ބަސްތާއެއް 5,801.29 ރުޕީސްއަށް އުފުލިފައި ވާއިރު ޖުލައި މަހު އެ ބަސްތާއެއް ލިބުނީ 4,510.76 ރުޕީސްއަށެވެ.
މި އަގު ބޮޑުވުމުގެ އޮއެވަރު އިންޑިއާގެ އެކި ހިސާބުތަކުން ފެންނަމުންދާ ކަމަށް އެ ޤައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ. ގުޖުރާތުގެ އަހުމަދުއާބާދުގައި ސައިތަށީގެ އަގު 10 ރުޕީސްއިން 15 ރުޕީސްއަށް ކޮފީތަށީގެ އަގު 15 ރުޕީސްއިން 20 ރުޕީސްއަށް މައްޗަށް ޖެހިފައިވެއެވެ. ޓެލަންގާނާގައި ހަކުރު ކިލޯއެއްގެ އަގު 45 ރުޕީސްއިން 80 ރުޕީސްއަށް ބޮޑުވެފައި ވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
މާހިރުންނާ ހަވާލާދީ އިންޑިއާ ސަރުކާރުން ބުނެފައި ވަނީ "ރެޑް ރޮޓް" ނަމަކަށް ކިޔާ ފަންގަސް ބައްޔެއްގެ ސަބަބުން އުއްދަނޑީގެ ދަނޑުތައް ހަލާކުވެ ހަކުރު ނެރެވޭ ރޭޓު %9.7 އިން %8.91 އަށް ވެއްޓިފައިވާ ކަމަށެވެ. އެ ބަލީގެ ސަބަބުން އުއްދަނޑީގެ އެތެރެ ހިކި އޭގައި ހުންނަ މާއްދާތައް ގެއްލޭ ކަމަށް ސައިންސްވެރިން ބުނެއެވެ. ހަމައެއާއެކު 2023 ވަނަ އަހަރުގެ ޖޫން މަހު ކުރިމަތިވި އެލް ނީނޯގެ ސަބަބުން ވާރޭ މަދުވެ އިންޑިއާގެ ހަކުރު އުފެއްދުން %20 ދަށަށް ގޮސްފައިވާ ކަމަށް ދިރާސާތަކުން ދައްކައެވެ. އޭގެ އިތުރުން ހޮރުމުޒް ކަނޑުއޮޅީގެ ހަމަނުޖެހުންތަކާ ހެދި ތެލާއި ގަސްކާނާގެ އަގު ބޮޑުވީ ކަމަށް އިންޑިއަން ކައުންސިލް އޮފް އެގްރިކަލްޗަރަލް ރިސާޗް (އައިސީއޭއާރް) އިން ބުނެފައިވެއެވެ.
އައިސީއޭއާރްގެ އިސް ސައިންސްވެރިޔާ ލާލް ސިންގް ގަންގްވާރް ބުނީ ދަނޑުވެރިންނާއި ހަކުރު ކާރުޚާނާތަކުގެ ޚަރަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. ޔޫނިއަން މިނިސްޓަރު ޕްރަލްހާދު ޖޯޝީ ބުނީ ރެޑް ރޮޓް ބައްޔާއި އެލް ނީނޯގެ ސަބަބުން ހަމައެކަނި އިންޑިއާ ނޫން ކަމަށާއި މުޅި ދުނިޔޭގައިވެސް ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން ދަށަށް ގޮސްފައިވާ ކަމަށެވެ. ޖޯޝީ ފާހަގަކުރި ގޮތުގައި އިންޑިއާއަށް އަހަރަކު 280 ލައްކަ ޓަނުގެ ހަކުރު ބޭނުންވާ އިރު މިހާރުވެސް 20 ލައްކައާއި 25 ލައްކަ ޓަނާ ދެމެދުގެ އިތުރު ސްޓޮކެއް އެބަ އޮތެވެ.
ހާލަތު ރަނގަޅުކުރުމުގެ ގޮތުން އިންޑިއާ ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅައިފައެވެ. މެއި މަހުގެ 13 ވަނަ ދުވަހު ނެރުނު ޤަރާރެއްގެ ދަށުން އަންނަ މަހުގެ 30 ގެ ނިޔަލަށް ހަކުރު ބޭރުކުރުން ވަނީ މަނާކޮށްފައެވެ. މީގެ އިތުރުން ޑައިރެކްޓަރޭޓް ޖެނެރަލް އޮފް ފޮރިން ޓްރޭޑް (ޑީޖީއެފްޓީ) އިން ވަނީ މި މަހުގެ 31 ގެ ކުރިން ޑިއުޓީއަކާ ނުލައި 10 ލައްކަ ޓަނުގެ ރޯ ހަކުރު އެތެރެކުރަން ހުއްދަ ދީފައެވެ. އަދި ވިޔަފާރިވެރިންނަށް ގުދަން ކުރެވޭނީ ގިނަވެގެން 400 ޓަނުގެ ހަކުރު ކަމަށާއި 30 ދުވަހަށް ވުރެ ގިނައިން ނުބެހެއްޓޭނެ ކަމަށް ސަރުކާރުން އަންގައިފައިވެއެވެ.
ރާއްޖެއަށް އެންމެ ގިނައިން ހަކުރު އެތެރެކުރަނީ އިންޑިއާއިން ކަމަށް ވާ އިރު އެސްޓީއޯ މެދުވެރިކޮށް ގެންނަ ހަކުރު ދައުލަތުން ބޮޑު ސަބްސިޑީއެއް ދީގެން ވިއްކަމުން ދެއެވެ. އިންޑިއާގެ ބާޒާރުގައި ހަކުރުގެ އަގަށް އައި މި ބޮޑު ބަދަލުގެ ސީދާ އަސަރު ރާއްޖެ ފަދަ އެ ޤައުމުން ހަކުރު އެތެރެކުރާ ފަރާތްތަކަށް ކުރާނެ ކަމަށް ބެލެވެއެވެ.
ލިޔުންތެރިޔާ
އަހުމަދު އާހިލް ސައީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް