ގޭސް ރެގިއުލޭޓަރުތަކުގެ މިންގަނޑު ކަނޑައަޅައި ދަށް ފެންވަރުގެ ރެގިއުލޭޓަރު މަނާކުރުމަށް މަސައްކަތް ފަށައިފި
ކައްކާ ގޭސްފުޅީގެ ރެގިއުލޭޓަރުތަކަށް ވަކި މިންގަނޑެއް ކަނޑައަޅައި، އެ މިންގަނޑަށްވުރެ ފެންވަރު ދަށް ރެގިއުލޭޓަރު ރާއްޖޭގައި ބޭނުންކުރުން މަނާކުރުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް ޑިފެންސް މިނިސްޓަރު ޙަސަން ރަޝީދު ރޭ ވިދާޅުވެއްޖެއެވެ.
އަހުމަދު އާހިލް ސައީދު
ކައްކާ ގޭސްފުޅީގެ ރެގިއުލޭޓަރުތަކަށް ވަކި މިންގަނޑެއް ކަނޑައަޅައި، އެ މިންގަނޑަށްވުރެ ފެންވަރު ދަށް ރެގިއުލޭޓަރު ރާއްޖޭގައި ބޭނުންކުރުން މަނާކުރުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް ޑިފެންސް މިނިސްޓަރު ޙަސަން ރަޝީދު ރޭ ވިދާޅުވެއްޖެއެވެ.
އަހާ ފޯރަމުގައި ޢާންމު ފަރާތަކުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ ފަހަކަށް އައިސް އަލިފާނުގެ ހާދިސާތައް އިތުރުވެފައިވާ ކަމަށާއި، އެ ހާދިސާތައް ހިނގުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ކުދި ތަންތަނުގައި ތޮއްޖެހިގެން ދިރިއުޅެން ޖެހުމާއި ޤަވާޢިދާ ޚިލާފަށް ކަރަންޓު ވަޔަރުކޮށްފައި ހުރުން ހިމެނޭ ކަމަށެވެ. އޭގެ އިތުރުން ބަދިގެ ގޭސް ރެގިއުލޭޓަރުތަކުގެ ފެންވަރު ދަށްވުމަކީ ވެސް އަލިފާނުގެ ހާދިސާތައް ހިނގުމަށް މެދުވެރިވާ ސަބަބެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
"ބާޒާރުގައި އެބަހުރޭ ތަފާތު ކޮލިޓީގެ ރެގިއުލޭޓަރު. އެހެންވީމަ އަޅުގަނޑުމެން އެބަ ގަސްތުކުރަން މިކަމަށް ޙައްލެއް ގެނައުމަށްޓަކައި މީގެ ސްޓޭންޑަރޑް ބަލާފައި އަޅުގަނޑުމެން ކަނޑައަޅާ ސްޓޭންޑަޑަކަށްވުރެ ދަށް ސްޓޭންޑަރޑްގެ ރެގިއުލޭޓަރު ބޭނުން ނުކުރެވޭ ގޮތަށް ހަދަން." މިނިސްޓަރު ޙަސަން ރަޝީދު ވިދާޅުވިއެވެ.
ގޭސް ވިއްކާ ފަރާތްތަކާ އެކު ކުރިއަށް އޮތް ދުވަސްތަކުގައި މަޝްވަރާ ބައްދަލުވުންތައް ބާއްވަވައި، ގޭގައި ގޭސްފުޅި ބެހެއްޓުމުގެ ރައްކާތެރިކަން ކަށަވަރުކުރެއްވުމަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް