މޫޑީޒް އިން ރާއްޖޭގެ ސޮވްރިން ކްރެޑިޓް ރޭޓިން އެއް ދަރަޖަ މައްޗަށް ޖައްސައިފި
ދަރަނި އަދާކުރުމުގައި ހޯދި ކުރިއެރުންތަކާއި ބޭރު ފައިސާގެ ރިޒާވް އިތުރުވެފައިވާތީ، ބައިނަލްއަޤުވާމީ ކްރެޑިޓް ރޭޓިން އެޖެންސީ މޫޑީޒް އިން ރާއްޖޭގެ ރޭޓިން ސީއޭއޭ2 އިން ސީއޭއޭ1 އަށް މިއަދު މަތިކޮށްފިއެވެ.
އަހުމަދު އާހިލް ސައީދު
ދަރަނި އަދާކުރުމުގައި ހޯދި ކުރިއެރުންތަކާއި ބޭރު ފައިސާގެ ރިޒާވް އިތުރުވެފައިވާތީ، ބައިނަލްއަޤުވާމީ ކްރެޑިޓް ރޭޓިން އެޖެންސީ މޫޑީޒް އިން ރާއްޖޭގެ ރޭޓިން ސީއޭއޭ2 އިން ސީއޭއޭ1 އަށް މިއަދު މަތިކޮށްފިއެވެ.
މި ބަދަލާ އެކު ރާއްޖޭގެ އައުޓްލުކް ސްޓޭބަލްގެ ގޮތުގައި ވެސް ކަނޑައަޅާފައިވެއެވެ. ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުގައިވާ ގޮތުން، ރޭޓިން މަތިކުރުމުގައި މޫޑީޒް އިން ބެލި މައިގަނޑު ކަންކަމުގެ ތެރޭގައި މި އަހަރު ހިންގި ބޮޑެތި ދަރަނި ދެއްކުމުގެ މުޢާމަލާތްތައް ހިމެނެއެވެ. އެގޮތުން އެޕްރީލް މަހު 500 މިލިއަން ޑޮލަރުގެ ސުކޫކް ދައްކައި ޚަލާޞްކުރުމާއި، 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީ ނިންމުމާއި، މެއި އަދި ސެޕްޓެމްބަރުގައި ޖުމްލަ 100 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލް އަދާކުރުން އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އޭގެ އިތުރުން 100 މިލިއަން ޑޮލަރުގެ ޔޫރޯ ބޮންޑެއް ދެއްކުމުގެ މުއްދަތު 2031 ވަނަ އަހަރާ ހަމައަށް ދިގުކޮށްފައިވާ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.
2024 ވަނަ އަހަރުން ފެށިގެން ބޭރު ފައިސާއާ ގުޅޭ ގޮތުން އެޅި ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން ބޭންކިން ނިޒާމަށް ވަންނަ ބޭރު ފައިސާ އިތުރުވެ، ރަސްމީ ރިޒާވާއި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގެ ބެލެންސް ބޮޑުވެފައިވާ ކަމަށް އެ މިނިސްޓްރީން މޫޑީޒް އާ ހަވާލާދީ ހާމަކޮށްފައިވެއެވެ. ބައިނަލްއަޤުވާމީ މާލީ އިދާރާތަކުން ލިބުނު އެހީގެ ތެރޭގައި ވޯލްޑް ބޭންކުން 40 މިލިއަން ޑޮލަރާއި، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުން 50 މިލިއަން ޑޮލަރާއި، އޯޕެކް ފަންޑުން 40 މިލިއަން ޑޮލަރާ އެކު ޖުމްލަ 130 މިލިއަން ޑޮލަރު ސަރުކާރުން ހޯދާފައިވެއެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، 2025 ވަނަ އަހަރު ނިމުނު އިރު ޖީޑީޕީގެ ނިސްބަތުން 129.2 އިންސައްތައިގައި ހުރި ދައުލަތުގެ ދަރަނި، 2026 ޖުލައި ނިޔަލަށް 122.6 އިންސައްތައަށް ތިރިވެފައިވެއެވެ. އެ މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، މެދުއިރުމަތީގެ ހަމަނުޖެހުންތަކާއި ހަކަތައިގެ އަގު އުފުލުން ފަދަ ގޮންޖެހުންތަކަށް ސަމާލުވެ ތިބެ، ރައްޔިތުންގެ އަސާސީ ޚިދުމަތްތައް ރައްކާތެރިކުރުމާއި ދައުލަތުގެ ހޭދަ ބަޖެޓުގެ އިމުގެ ތެރޭގައި ހިފެހެއްޓުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް އިސްކަމެއް ކަމަށެވެ.
2024 ވަނަ އަހަރުގެ ފެބްރުއަރީގައި ރާއްޖޭގެ ރޭޓިން ސީއޭއޭ2 އަށް ދަށްކުރި ފަހުން މޫޑީޒް އިން ރާއްޖޭގެ ރޭޓިން މައްޗަށް ޖެއްސި މިއީ ފުރަތަމަ ފަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް