އެމްއެންޔޫއިން އިންފެކްޝަން ކޮންޓްރޯލާ ގުޅޭ ސީޕީޑީ ސެޝަނެއް ކޮލަމްބޯގައި ބާއްވައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިސްނަގައިގެން ސިއްޙީ ދާއިރާގެ ޚިދުމަތްތެރިންނަށް އަމާޒުކޮށް އިންފެކްޝަން ކޮންޓްރޯލް ކުރުމާ ގުޅޭ ކޮންޓިނިއުއިންގ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް (ސީޕީޑީ) ސެޝަނެއް ސްރީލަންކާގެ ކޮލަމްބޯގައި ކުރިއަށް ގެންގޮސްފިއެވެ.
އަހުމަދު އާހިލް ސައީދު
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިސްނަގައިގެން ސިއްޙީ ދާއިރާގެ ޚިދުމަތްތެރިންނަށް އަމާޒުކޮށް އިންފެކްޝަން ކޮންޓްރޯލް ކުރުމާ ގުޅޭ ކޮންޓިނިއުއިންގ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް (ސީޕީޑީ) ސެޝަނެއް ސްރީލަންކާގެ ކޮލަމްބޯގައި ކުރިއަށް ގެންގޮސްފިއެވެ.
"އެޑްވާންސިންގ އިންފެކްޝަން ޕްރިވެންޝަން އެންޑް ކޮންޓްރޯލް" ގެ ނަމުގައި ހިންގި މި ޕްރޮގްރާމް 29 އޮގަސްޓް 2026 ގައި ބޭއްވީ ކޮލަމްބޯގައި ހުންނަ ލޭޑީ ރިޖްވޭ ހޮސްޕިޓަލް ފޯރ ޗިލްޑްރަން (އެލްއާރުއެޗް) ގައެވެ. މި ސެޝަނަކީ ސްރީލަންކާ އިންޓެންސިވް ކެއަރ ނަރސަސް އެސޯސިއޭޝަނާއި، ކްރިޓިކަލް ކެއަރ ނަރސިންގ އެސޯސިއޭޝަން އޮފް ނޭޕާލް އަދި އިންފެކްޝަން ކޮންޓްރޯލް ސޮސައިޓީ އޮފް ނޭޕާލާ ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް ކަމަށް އެ ޔުނިވަރސިޓީން ބުނެފައިވެއެވެ. ސަރަޙައްދީ ފެންވަރުގައި ސިއްޙީ ޚިދުމަތްތެރިން އެއް ތަނަކަށް ގެނެސް، އިންފެކްޝަނުން ރައްކާތެރިވުމާ ގުޅޭ ޢިލްމާއި ޤާބިލުކަން އިތުރުކުރުމަކީ މި ސެޝަންގެ މައިގަނޑު މަޤުޞަދެވެ.
ސްރީލަންކާއިން 130 ބައިވެރިން ޙާޒިރުވެ ބައިވެރިވިއިރު، ނޭޕާލް، ފިލިޕީންސް، ބަންގްލަދޭޝް އަދި ޕާކިސްތާނުން 80 އަށް ވުރެ ގިނަ ސިއްޙީ ޚިދުމަތްތެރިން އޮންލައިންކޮށް ބައިވެރިވެފައިވެއެވެ.
އެމްއެންޔޫއިން ފާހަގަކުރި ގޮތުގައި، މި އިސްނެގުމަކީ އދ. ގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ ތެރެއިން ގިނަ ލަނޑުދަނޑިތަކަކާ ގުޅުން ހުރި މަސައްކަތެކެވެ. އެ ގޮތުން ފެންވަރު ރަނގަޅު ތަޢުލީމު ފޯރުކޮށްދިނުމުގެ ލަނޑުދަނޑި (އެސްޑީޖީ 4) އާއި ސިއްޙަތާއި ދުޅަހެޔޮކަން ކަށަވަރުކުރުމުގެ ލަނޑުދަނޑި (އެސްޑީޖީ 3) ގެ އިތުރުން ޖަމިއްޔާތައް ގުޅިގެން މަސައްކަތްކުރުމުގެ ލަނޑުދަނޑި (އެސްޑީޖީ 17) ޙާޞިލުކުރުމަށް މި ޕްރޮގްރާމުން މަގުފަހިވެގެންދިޔަ ކަމަށް އެ ޔުނިވަރސިޓީން ބުނެފައިވެއެވެ.
މިފަދަ ބައިނަލްއަޤުވާމީ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްތައް މެދުވެރިކޮށް ސިއްޙީ ދާއިރާ ކުރިއެރުވުމަށާއި ސަރަޙައްދީ ގުޅުންތައް ވަރުގަދަކުރުމަށް އެ ޔުނިވަރސިޓީން އަބަދުވެސް މަސައްކަތްކުރަމުން ގެންދާނެ ކަމަށް އެމްއެންޔޫއިން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް