އިންޑިއާގެ މިނިވަން ދުވަހު ރައީސް ތަހުނިޔާ ފޮނުއްވައި ގުޅުން ބަދަހިކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވައިފި
ރައީސް ފޮނުއްވި ތަހުނިޔާގެ ދެ ސިޓީފުޅު އެޑްރެސް ކުރައްވާފައި ވަނީ އިންޑިއާގެ ރައީސާ ދުރޫޕަދީ މުރުމޫއަށާއި ބޮޑުވަޒީރު ނަރެންދުރަ މޯދީއަށެވެ. އެ ސިޓީފުޅުތަކުގައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އިންޑިއާގެ ލީޑަރުންނަށާއި ސަރުކާރަށާއި ރައްޔިތުންނަށް ހެޔޮ އެދުންތައް ރައީސް ފޮނުއްވާފައިވެއެވެ.
އިންޑިއާގެ 80 ވަނަ މިނިވަން ދުވަހާ ގުޅިގެން އެ ޤައުމުގެ އިސްވެރީންނަށް ތަހުނިޔާގެ ސިޓީފުޅު ފޮނުއްވައި ދެ ޤައުމުގެ ދެމެދުގައި ތަފާތު ދާއިރާތަކުން އިސްތިރާޖީ ގޮތުން ގުޅުން ކުރިއެރުވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ.
ރައީސް ފޮނުއްވި ތަހުނިޔާގެ ދެ ސިޓީފުޅު އެޑްރެސް ކުރައްވާފައި ވަނީ އިންޑިއާގެ ރައީސާ ދުރޫޕަދީ މުރުމޫއަށާއި ބޮޑުވަޒީރު ނަރެންދުރަ މޯދީއަށެވެ. އެ ސިޓީފުޅުތަކުގައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އިންޑިއާގެ ލީޑަރުންނަށާއި ސަރުކާރަށާއި ރައްޔިތުންނަށް ހެޔޮ އެދުންތައް ރައީސް ފޮނުއްވާފައިވެއެވެ.
ރައީސާ މުރުމޫއަށް ފޮނުއްވި ސިޓީފުޅުގައި އިންޑިއާގެ ޑިމޮކްރެޓިކް ބަދަހިކަމާއި އެ ޤައުމުން އިޖުތިމާޢީ އަދި އިޤުތިޞާދީ ގޮތުން ހޯދާފައިވާ ކާމިޔާބީތައް ރައީސް ފާހަގަކުރެއްވިއެވެ. އެއާ އެކު އިންޑިއާ ކަނޑުގެ ސަރަޙައްދުގައި ސުލްޙައާއި ހަމަޖެހުމާއި ތަނަވަސްކަން ޤާއިމުކުރުމުގައި އިންޑިއާ އަދާކުރާ ދައުރުގެ މުހިންމުކަމަށް ވެސް އެ މަނިކުފާނު އަލިއަޅުއްވާލެއްވިއެވެ. ބޮޑުވަޒީރު މޯދީއަށް ފޮނުއްވި ސިޓީފުޅުގައި ރާއްޖޭގެ ތަރައްޤީއަށް އިންޑިއާއިން ފޯރުކޮށްދޭ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވިއެވެ. ދެ ސިޓީފުޅު ނިންމަވައިލެއްވީ ދެ ލީޑަރުންނަށް ދުޅަހެޔޮ ޞިއްޙަތަކަށާއި އިންޑިއާ ރައްޔިތުންނަށް ފާގަތިކަމަށް އެދިވަޑައިގެންނެވެ.
ރައީސްގެ ރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވެސް މި ޝުޢޫރުތައް ތަކުރާރުކުރެއްވިއެވެ. އެ ޕޯސްޓުގައި އިންޑިއާގެ މިނިވަންކަމުގެ ދިގު ތާރީޚު ރަމްޒުކޮށްދެނީ އެ ޤައުމުގެ ރައްޔިތުންގެ ސާބިތުކަމާއި ނުގުޑާ ފަދަ ޤައުމީ ރޫޙު ކަމުގައި ރައީސް ވިދާޅުވިއެވެ. ހަމައެހެންމެ ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ވެސް ސޯޝަލް މީޑިއާގައި ތަހުނިޔާ ޕޯސްޓެއް ހިއްސާ ކުރެއްވިއެވެ. ނައިބު ރައީސް ވިދާޅުވީ ރާއްޖެއާއި އިންޑިއާއަކީ ޒަމާންވީ ރަޙުމަތްތެރިކަން ދަމަހައްޓަމުން އަންނަ ދެ ޤައުމު ކަމަށާއި ކުރިމަގުގައި ވެސް އިންޑިއާއަށް ދެމެހެއްޓެނިވި އަމާންކަމާއި ބާއްޖަވެރިކަމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އިންޑިއާއިން ކޮންމެ އަހަރެއްގެ އޮގަސްޓް މަހުގެ 15 ވަނަ ދުވަހު ފާހަގަކުރާ މިނިވަން ދުވަހަކީ 1947 ވަނަ އަހަރު އިނގިރޭސީންގެ އިސްތިޢުމާރުން މިނިވަންވި ދުވަހެވެ. މި ސަރުކާރު ވެރިކަމާ ހަވާލުވި ދުވަސްވަރު ދެ ޤައުމުގެ ގުޅުން ހީނަރުވެފައި އޮތް ނަމަވެސް ރައީސް މުޢިއްޒު ގެންދަވަނީ އެ ގުޅުން ހަރުދަނާ ކުރެއްވުމަށް މަސައްކަތް ކުރައްވަމުންނެވެ. އެ ގޮތުން ރައީސް އިންޑިއާއަށް ކުރެއްވި ދަތުރުފުޅާއި ބޮޑުވަޒީރު މޯދީ ރާއްޖެއަށް ކުރެއްވި ޒިޔާރަތުގައި ދެ ޤައުމަށް ފައިދާ ހުރި އެއްބަސްވުންތަކެއް ވެސް ވަނީ އެކުލަވައިލައްވާފައެވެ.
ލިޔުންތެރިޔާ
އަހުމަދު އާހިލް ސައީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް