އިޤުތިޞާދުގައި ދައުރުވާ ރުފިޔާ މަދުކުރަން އެމްއެމްއޭއިން އިތުރު ފިޔަވަޅުތަކެއް އަޅަނީ
މި ނިންމުމުގެ ދަށުން ބޭންކުތަކުގެ މިނިމަމް ރިޒާވް ރިކުއަޔަމަންޓް )އެމްއާރްއާރް( އަންނަ މަހުން ފެށިގެން 10.5 ޕަސެންޓުން 11 ޕަސެންޓަށް އުފުލާނެއެވެ. ހަމައެހެންމެ އަންނަ އަހަރު ކޮންމެ ތިން މަހަކުން އެ ނިސްބަތް މުރާޖައާކޮށް އެ އަހަރު ނިމެންވާއިރަށް 13 ޕަސެންޓާ ހަމައަށް ގެންދިއުން ވަނީ ރާވައިފައެވެ.
މާކެޓުގައި އިތުރަށް ދައުރުވަމުންދާ ފައިސާގެ މިންވަރު ކޮންޓްރޯލްކުރުމުގެ ގޮތުން ކޮމާޝަލް ބޭންކުތަކުން މަރުކަޒީ ބޭންކުގައި ރައްކާކުރަންޖެހޭ ރުފިޔާގެ ނިސްބަތް ބޮޑުކުރުމާއެކު ގިނަ ފިޔަވަޅުތަކެއް އެޅުމަށް އެމްއެމްއޭގެ ބޯޑުން އިއްޔެ ނިންމައިފިއެވެ.
މި ނިންމުމުގެ ދަށުން ބޭންކުތަކުގެ މިނިމަމް ރިޒާވް ރިކުއަޔަމަންޓް (އެމްއާރްއާރް) އަންނަ މަހުން ފެށިގެން 10.5 ޕަސެންޓުން 11 ޕަސެންޓަށް އުފުލާނެއެވެ. ހަމައެހެންމެ އަންނަ އަހަރު ކޮންމެ ތިން މަހަކުން އެ ނިސްބަތް މުރާޖައާކޮށް އެ އަހަރު ނިމެންވާއިރަށް 13 ޕަސެންޓާ ހަމައަށް ގެންދިއުން ވަނީ ރާވައިފައެވެ.
ބޭންކުތަކުގެ ޑިޕޮސިޓްގެ ތެރެއިން ވަކި މިންވަރެއް އެމްއެމްއޭގައި ބެހެއްޓުން ލާޒިމުކުރާ މި އުސޫލުގެ ސަބަބުން ލޯނާއި އެ ނޫންވެސް ބޭނުންތަކަށް ބޭންކުތަކަށް ދޫކުރެވޭ ފައިސާ މަދުވެގެންދާނެއެވެ.
މީގެ އިތުރުން އޯޕަން މާކެޓް އޮޕަރޭޝަންސް (އޯއެމްއޯ) ގެ ރޭޓު 10 ބޭސިސް ޕޮއިންޓް ނުވަތަ 0.10 ޕަސެންޓަށް ބޮޑުކުރުމަށްވެސް ވަނީ ނިންމައިފައެވެ. ދައުރުވާ ފައިސާ 2 އާއި 3 ބިލިއަން ރުފިޔާއާ ދެމެދުގެ މިންވަރަކަށް ތިރިކުރުމަކީ އެމްއެމްއޭގެ އަމާޒެކެވެ. ރިވާސް ރީޕަޗޭސް އޮޕަރޭޝަންސް މެދުވެރިކޮށް އޯއެމްއޯ ފެށީ މިދިޔަ އަހަރުގެ ޖުލައި 23 ގައެވެ. މިދިޔަ ޖުލައި މަހާ ހަމައަށް އެވްރެޖްކޮށް 2.7 ބިލިއަން ރުފިޔާ އެ ނިޒާމު މެދުވެރިކޮށް ވައްދައި ޝޯޓް ޓާމް ލިކުއިޑިޓީ 6.5 ބިލިއަން ރުފިޔާއިން 3.7 ބިލިއަން ރުފިޔާއަށް ތިރިކޮށްފައިވާ ކަމަށް އެމްއެމްއޭއިން ހާމަކުރެއެވެ.
ސަރުކާރުން އެކި ދުވަސްވަރުމަތިން ޗާޕުކޮށްފައިވާ ފައިސާގެ ތެރެއިން ދިގު މުއްދަތުގެ ބޮންޑުގެ ގޮތުގައި 14 ބިލިއަން ރުފިޔާ އެމްއެމްއޭގައި އެބަހުއްޓެވެ. ބޭރު ފައިސާގެ ދަތިކަން ހައްލުކުރުމުގެ ގޮތުން މިދިޔަ އަހަރުގެ ޖުލައިގައި ބޭރު ފައިސާގެ ޑިޕޮސިޓްތަކުގެ އެމްއާރްއާރް 7.5 ޕަސެންޓުން 5 ޕަސެންޓަށް ދަށްކުރި ނަމަވެސް ޑޮލަރުގެ ތާށިކަމަށް ލުޔެއް ނުލިބެއެވެ. ކަޅު ބާޒާރުގައި ޑޮލަރެއް 21 ރުފިޔާއަށްވުރެ މަތީގައި ހުރިއިރު ދައުލަތުގެ ދަރަނިތައް ދެއްކުމަށް ރިޒާވުން ފައިސާ ބޭނުންކުރަމުންދާ ކަމީ މި ތާށިކަން އިތުރުވުމުގެ އެއް ސަބަބެވެ. އެގޮތުން މި އަހަރުގެ ކުރީކޮޅު 500 މިލިއަން ޑޮލަރުގެ ސުކޫކުވެސް ދައްކާފައިވަނީ ރިޒާވުން ވަކި މިންވަރެއް ޚަރަދުކޮށްގެންނެވެ.
ލިޔުންތެރިޔާ
އަހުމަދު އާހިލް ސައީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް