ޢުމާނުގެ ގޮނޑުދޮށްތަކަށް ތެޔޮ ލައްގައި ކަނޑުގެ ދިރުންތަކަށް ބޮޑު ނުރައްކަލެއް ކުރިމަތިވެއްޖެ
ޢުމާނުގެ ދަތުރުފަތުރާ ބެހޭ ވުޒާރާއިން އޮގަސްޓް ހައެއްގައި ހާމަކުރި ގޮތުގައި އެ ޤައުމުގެ އަލް ޙައްލާނިޔާތު ޖަޒީރާތަކުގެ ބައެއް ކަމުގައިވާ އަލް ޤިބްލިއްޔާ ޖަޒީރާ ކައިރިން ކެރޮލައިން ބެޒެންގީ ނަމަކަށް ކިޔާ ތެޔޮ ޓޭންކަރެއް ފެތުނެވެ. މި ހާދިސާއަށް ދުވަސްކޮޅެއް ފަހުން ތެޔޮ ފެތުރެމުންދާކަން ކަށަވަރުވެ ތިމާވެށީގެ ގެއްލުން ކުޑަކުރުމުގެ މަސައްކަތް ކަމާ ބެހޭ ފަރާތްތަކުން ފެށީއެވެ. ރާސް މަދްރަކާ ގޮނޑުދޮށްތަކާ ހަމައަށް ތެޔޮ ފޯރައި އެ ސަރަޙައްދު ތަޣައްޔަރުވުމާ ގުޅިގެން ބާޒާރުގައި ވިއްކާ މަހުގެ ބާވަތްތައް ތަހުލީލުކުރަން ފަށައި މަސްވެރީންނާއި ޢާންމުން އެ ސަރަޙައްދުތަކާ ދުރުގައި ތިބުމަށް އިންޒާރު ދީފައިވެއެވެ.
ޢުމާނުގެ ޟުފާރު ޖަޒީރާތައް ކައިރިން ތެޔޮ ޓޭންކަރެއް ފެތުމާ ގުޅިގެން ފެތުރެމުންދާ ތެޔޮ ގޮނޑުދޮށްތަކަށް ލައްގައި ކަނޑުގެ ދިރުންތަކާއި ޤުދުރަތީ ނިޒާމަށް ސީރިއަސް ގެއްލުންތަކެއް ކުރިމަތިވެއްޖެއެވެ.
ޢުމާނުގެ ދަތުރުފަތުރާ ބެހޭ ވުޒާރާއިން އޮގަސްޓް ހައެއްގައި ހާމަކުރި ގޮތުގައި އެ ޤައުމުގެ އަލް ޙައްލާނިޔާތު ޖަޒީރާތަކުގެ ބައެއް ކަމުގައިވާ އަލް ޤިބްލިއްޔާ ޖަޒީރާ ކައިރިން ކެރޮލައިން ބެޒެންގީ ނަމަކަށް ކިޔާ ތެޔޮ ޓޭންކަރެއް ފެތުނެވެ. މި ހާދިސާއަށް ދުވަސްކޮޅެއް ފަހުން ތެޔޮ ފެތުރެމުންދާކަން ކަށަވަރުވެ ތިމާވެށީގެ ގެއްލުން ކުޑަކުރުމުގެ މަސައްކަތް ކަމާ ބެހޭ ފަރާތްތަކުން ފެށީއެވެ. ރާސް މަދްރަކާ ގޮނޑުދޮށްތަކާ ހަމައަށް ތެޔޮ ފޯރައި އެ ސަރަޙައްދު ތަޣައްޔަރުވުމާ ގުޅިގެން ބާޒާރުގައި ވިއްކާ މަހުގެ ބާވަތްތައް ތަހުލީލުކުރަން ފަށައި މަސްވެރީންނާއި ޢާންމުން އެ ސަރަޙައްދުތަކާ ދުރުގައި ތިބުމަށް އިންޒާރު ދީފައިވެއެވެ.
ކަނޑަށް ތެޔޮ ފެތުރުމަކީ ޓޭންކަރު ހާދިސާތަކާއި ބިމު އަޑީން ޤުދުރަތީ ގޮތުން ތެޔޮ ބޭރުވުމާއި ޕައިޕްލައިން ލީކުވުން ފަދަ ގިނަ ސަބަބުތަކާ ހެދި ދިމާވާ ކަމެކެވެ. ބިމަށް ތެޔޮ އެޅުމާއި ކަނޑަށް ތެޔޮ ފެތުރުން ދެ ގޮތުންވެސް ދިގު މުއްދަތަކަށް ގެއްލުން ލިބުނު ނަމަވެސް ކަނޑަށް ފެތުރޭ ތެޔޮ މާ އަވަހަށް ފެތުރި ދިރޭ ތަކެއްޗަށް ވަގުތުން ގެއްލުން ލިބެއެވެ. ތެޔޮ ފެތުރުމުން ދޫނީގެ ފިޔައިގައި ތެޔޮ ލައި ފިނިން ރައްކާތެރިވުމާއި އުދުހުމުގެ ޤާބިލުކަން ގެއްލެއެވެ. ކަނޑުގެ ބޮޑެތި ޖަނަވާރަށް ތެޔޮ ބޮވި ނޭވާ ލާ ނިޒާމަށް ގެއްލުންވެއެވެ. މީގެ އިތުރުން މުރަކަ ފަރުތައް ތެލުން ހަލާކުވެ ގޮނޑުދޮށްތަކުގެ ވެލީގައާއި ހިލައިގައި ތެޔޮ ހަރުލައި އެތައް އަހަރެއް ވަންދެން ދެމިހުރެއެވެ.
ތެޔޮ ސާފުކުރުމަށް ގިނަ އުކުޅުތަކެއް ބޭނުންކުރެއެވެ. ބޫމް ކިޔާ ވަގުތީ ފެންމަތީ ހުރަސްތައް ބޭނުންކޮށް ތެޔޮ ފެތުރުން ހުއްޓުވައި އެއްތަނަކަށް ޖަމާކުރެއެވެ. ސްކިމާ ކިޔާ މެކޭނިކަލް ޑިވައިސްތަކުން ފެންމަތީގައި އޮންނަ ތެޔޮ ވަކިކޮށް ނަގައެވެ. ޑިސްޕާސެންޓު ނުވަތަ ކެމިކަލް ސްޕްރޭ ބޭނުންކޮށް ތެޔޮ ކުދި ތިކިތަކަކަށް ބައިކޮށް ޤުދުރަތީ ބެކްޓީރިއާ މެދުވެރިކޮށް ތެޔޮ ނައްތައިލެވޭ ގޮތް ހެދެއެވެ. އޭގެ އިތުރުން ކޮންޓްރޯލްޑް ބާނިން ނުވަތަ ގަސްތުގައި ރޯކުރުމުން ބޯ ތެޔޮ ފަށަލައިގެ 95 އިންސައްތައަށް ވުރެ ގިނައިން ނައްތައިލެވެއެވެ.
ގަލްފު ސަރަޙައްދަށް ތެޔޮ ފެތުރުމުގެ ނުރައްކާ ޚާއްޞަކޮށް ބޮޑެވެ. އެ ކަނޑަކީ ބެދިފައި އޮންނަ ތިލަ ކަނޑެއް ކަމުން ތަޣައްޔަރުވާ ބާވަތްތައް އޭގައި ހަރުލައެވެ. ހޮރމޫޒް ކަނޑުއޮޅިން ކަނޑުގެ ފެން ބަދަލުވާ މިންވަރު ކުޑަވުމުން ތެޔޮ އެތައް ދަހަރަކަށް ދެމިހުރެދާނެއެވެ. މީގެ އިތުރުން ބޯފެން އުފައްދާ ޑީސެލިނޭޝަން ޕްލާންޓުތައް ކަނޑުގެ ފެން ބޭނުންކުރާތީ ތެޔޮ ފެތުރުމެއް ހިނގައިފިނަމަ ސަރަޙައްދުގެ ފެނުގެ ރައްކާތެރިކަމަށް ނުރައްކާވެއެވެ. އެ ސަރަޙައްދުގައި ބޯޓުފަހަރު ދަތުރުކުރާ މިންވަރު ގިނަވުމާއި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ޓޭންކަރުތަކަށް ހަމަލާ ދެވުމުގެ ފުރުޞަތު އޮތުމުން ތެޔޮ ފެތުރުމުގެ ބިރު އިތުރުވެފައިވެއެވެ.
ތާރީޚުގައި ހިނގި އެންމެ ބޮޑެތި ތެޔޮ ފެތުރުމުގެ ހާދިސާތަކުގެ ތެރޭގައި 1991 ވަނަ އަހަރު ގަލްފު ހަނގުރާމައިގައި ޢިރާޤު ސިފައިން ގަސްތުގައި ގާތްގަނޑަކަށް 380 މިލިއަނާއި 520 މިލިއަން ގެލެން ތެޔޮ ޢަރަބި ގަލްފަށް ދޫކޮށްލި ހާދިސާ ހިމެނެއެވެ. 2010 ވަނަ އަހަރު މެކްސިކޯ ގަލްފުގައި ބީޕީ ކުންފުނީގެ ޑީޕްވޯޓާ ހޮރައިޒަން ރިގުގައި ގޮވުމެއް ގޮވައި ގާތްގަނޑަކަށް 134 މިލިއަން ގެލެން ތެޔޮ ގާތްގަނޑަކަށް ތިން މަސް ދުވަހަށް ލީކުވެ ކަނޑުގައި ހިނގި ބޭއިޚުތިޔާރު ތެޔޮ ފެތުރުމުގެ އެންމެ ބޮޑު ހާދިސާއަށް ވެގެން ދިޔައެވެ. ޢުމާނުގައި މިހާރު ހިނގަމުންދާ ހާދިސާ ވެފައިވަނީ އެ ސަރަޙައްދުގައި ފެނުނު އެންމެ ނުރައްކާތެރި ތެޔޮ ފެތުރުމުގެ އެއް ހާދިސާ ކަމުގައެވެ.
ލިޔުންތެރިޔާ
އަހުމަދު އާހިލް ސައީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް