ރަސްމާލެ ހިއްކުމުގެ 556 ހެކްޓަރު ނިމި މަޝްރޫއު ބާރަށް ކުރިއަށް
ރަސްމާލެ ބިން ހިއްކުމުގެ 1009 ހެކްޓަރުގެ ތެރެއިން 556 ހެކްޓަރު ހިއްކައި ނިމިފައިވާ ކަމަށް ބިނާރާ ވުޒާރާއިން ހާމަކޮށްފިއެވެ. ބާކީ ބައި މި އަހަރު ނިޔަލަށް ނިންމުމަކީ ސަރުކާރުގެ އަމާޒެވެ.
ރާއްޖޭގައި ހިންގާ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫއު ކަމުގައިވާ ރަސްމާލެ ބިން ހިއްކުމުގެ މަސައްކަތުގެ 55 އިންސައްތައަށް ވުރެ ބޮޑު ބައެއް ނިންމާފައިވާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާ އިމާރާތްކުރުމާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
އެ ވުޒާރާއިން ވިދާޅުވި ގޮތުގައި މިހާތަނަށް 556.54 ހެކްޓަރުގެ ބިން ވަނީ ހިއްކައި ނިންމައިފައެވެ. ޖުމްލަ 1009 ހެކްޓަރުގެ ބިން ހިއްކުމަށް ރާވާފައިވާ މި މަޝްރޫއު 11 ސައިޓަކަށް ބައިކޮށް ކުރިއަށް ގެންދާ އިރު ނިމިފައިވާ ބައި %55.16 އަށް އަރައެވެ. އެ ވުޒާރާއިން ވިދާޅުވީ މަސައްކަތް ނުހުއްޓި ބާރު ދުވެލީގައި ކުރިއަށްދާ ކަމަށެވެ.
ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި ރަސްމާލެއިން 65000 ގެދޮރު ފޯރުކޮށްދެވޭނެއެވެ. "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ތެރެއިން އާއިލީ ބޯހިޔާވަހިކަމުގެ ނަމުގައި ފެށި ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހީގައި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް 15000 ގޯތި ދޫކުރުމަށް ނިންމާފައިވެއެވެ. މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ދާއިމީ ހައްލެއް ގެނެސްދޭނެ މަޝްރޫއެއް ކަމަށް ސަރުކާރުން ސިފަކޮށްފައިވެއެވެ.
ރަސްމާލެ ތަރައްގީ ކުރާނެ ގޮތުގެ މާސްޓަރ ޕްލޭން އެކުލަވައިލުމަށް ކޮންސަލްޓެންސީ ހިދުމަތް ދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް ވެސް އެ ވުޒާރާއިން ކުރިއަށް ގެންދެއެވެ. އެ ޕްލޭނުގެ ދަށުން ތިމާވެއްޓާ ރައްޓެހި އުމްރާނީ މަސައްކަތްތަކާއި ޔުޓިލިޓީ ހިދުމަތުގެ ނިޒާމާއި ދަތުރުފަތުރާއި ހާއްސަ އެހީ ބޭނުންވާ ފަރާތްތަކުގެ ބޭނުންތަކަށް ރިއާޔަތް ކުރެވޭނެއެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ 2023 ވަނަ އަހަރުގެ ޑިސެމްބަރު 18 ވަނަ ދުވަހުއެވެ. މަސައްކަތް އަވަސް ކުރުމަށް ޓަކައި އެމްއޭސީއެލްއާ ހަވާލުކޮށް ދެވަނަ ފިޔަވައްސެއް ފެށީ މިދިޔަ ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހުއެވެ. ދުނިޔޭގެ އިގުތިސާދީ މަޑުޖެހުމާ ގުޅިގެން މަޝްރޫއުގެ ދުވެލި ކޮންމެވެސް މިންވަރަކަށް ލަސްވި ނަމަވެސް ހިއްކުމުގެ ހުރިހާ މަސައްކަތެއް މި އަހަރުގެ ނިޔަލަށް ނިންމުމަކީ ސަރުކާރުގެ އަމާޒެވެ.
ލިޔުންތެރިޔާ
އަހުމަދު އާހިލް ސައީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް