މައިގަނޑު ބަޔަށް ދާން

ހަބަރު

ބީއޯސީގެ ކުރީގެ އިސް ވެރިޔަކު ކަސްޓަމަރެއްގެ އެކައުންޓުން ޑޮލަރު ވަގަށް ނެގި މައްސަލައިގައި ޖަލަށްލައިފި

ބޭންކް އޮފް ސިލޯން (ބީއޯސީ) ގެ މާލޭ ބްރާންޗުގެ ކަސްޓަމަރެއްގެ އެކައުންޓުން ވަގު ލިޔެކިޔުން ހަދައިގެން 150،000 އެމެރިކާ ޑޮލަރު ވަގަށް ނެގި މައްސަލައިގައި އެ ބޭންކުގެ ކުރީގެ ޑެޕިއުޓީ ކަންޓްރީ މެނޭޖަރު ޖަލަށްލުމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.

އަހުމަދު އާހިލް ސައީދު

ބީއޯސީގެ ކުރީގެ އިސް ވެރިޔަކު ކަސްޓަމަރެއްގެ އެކައުންޓުން ޑޮލަރު ވަގަށް ނެގި މައްސަލައިގައި ޖަލަށްލައިފި

ބޭންކް އޮފް ސިލޯން (ބީއޯސީ) ގެ މާލޭ ބްރާންޗުގެ ކަސްޓަމަރެއްގެ އެކައުންޓުން ވަގު ލިޔެކިޔުން ހަދައިގެން 150،000 އެމެރިކާ ޑޮލަރު ވަގަށް ނެގި މައްސަލައިގައި އެ ބޭންކުގެ ކުރީގެ ޑެޕިއުޓީ ކަންޓްރީ މެނޭޖަރު ޖަލަށްލުމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.

މި ހުކުމް އިއްވެވީ ގާޟީ ޢަލީ ނަދީމެވެ. ހުކުމް އައީ މާލެ، މ. މާހިންނެ، ޙަސަން ވަޙީދުގެ މައްޗަށެވެ. ޙަސަން ވަޙީދަކީ ބީއޯސީގެ ޑެޕިއުޓީ ކަންޓްރީ މެނޭޖަރު އަދި ކޮމްޕްލަޔަންސް އޮފިސަރުގެ މަގާމުގައި ކުރިން ހުރި މީހެކެވެ. މި މައްސަލައިގައި ދައުލަތުން އޭނާގެ މައްޗަށް ދެ ދައުވާއެއް އުފުލިއިރު، ދެ ދައުވާ ވެސް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށް ކޯޓުން ކަނޑައެޅީ 2019 ވަނަ އަހަރުން ފެށިގެން ހިނގަމުން ދިޔަ ޝަރީޢަތެއް ނިންމައިފައެވެ. އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށަށް ދެ އަހަރާއި ނުވަ މަހާއި 11 ދުވަހުގެ ޖަލު ހުކުމެއް އަދި 144،000 ރުފިޔާގެ ޖޫރިމަނާއެއް އިއްވެވިއެވެ. އެނގިހުރެ ސައްހަ ނޫން ލިޔުމެއް އުފެއްދުމުގެ ކުށަށް ހަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އަދި 18،000 ރުފިޔާގެ ޖޫރިމަނާއެއް ވެސް އިއްވެވިއެވެ. މި އަދަބުތައް ކަނޑައެޅީ ޤާނޫނުލްޢުޤޫބާތުގެ ދަށުން އަދަބުގެ ދަރަޖަ ދަށްކުރުމަށް ފަހުގައެވެ.

ޝަރީޢަތުގެ ނިންމުމުގައިވާ ގޮތުން، 9 ޖޫން 2019 ގައި ޙަސަން ވަޙީދު ވަނީ ބީއޯސީގެ ދިވެހި އަންހެން ކަސްޓަމަރަކަށް ނޭނގި، އޭނާގެ އެކައުންޓުން 150،000 ޑޮލަރު ފޮނުވުމަށް ވަގު ޓްރާންސްފާ ރިކުއެސްޓެއް އަމިއްލައަށް ތައްޔާރުކޮށްފައެވެ. އެ ލިޔުން ބޭންކުގެ މުވައްޒަފަކު ލައްވައި ޕްރޮސެސް ކުރުވައި، ޢަބްދުﷲ ނަފީޤް ޕާޝާ ކިޔާ މީހެއްގެ އެކައުންޓަށް ޖަމާ ކުރުވި ކަމަށް ހުކުމުގައިވެއެވެ. ފައިސާ ޖަމާވިތާ ފަސް މިނެޓު ތެރޭގައި، ހެނދުނު 10:44 ގައި، ނަފީޤް ޕާޝާގެ އެކައުންޓުން "ސީނިއާ އިންޓާނޭޝަނަލް ޕްރައިވެޓް ލިމިޓެޑް" ގެ އެކައުންޓަށް ފައިސާ ފޮނުވައިފައިވެއެވެ. އެ ކުންފުނިން މި ފައިސާ ބޭނުންކުރީ ރާއްޖެއިން ބޭރުގެ ހަތަރު ކުންފުންޏެއްގެ އިންވޮއިސްތަކަށް ފައިސާ ދެއްކުމަށެވެ. ވަގަށް ނެގުމުގެ ހަ ދުވަސް ކުރިން، 2 ޖޫން 2019 ގައި، އެ އިންވޮއިސްތަކަށް ފައިސާ ދެއްކުމަށް ސްވިފްޓް އެޕްލިކޭޝަން ހުށަހެޅި ކަން ވެސް ހާމަވެފައިވެއެވެ. މީގެ އިތުރުން، 18 ޖުލައި 2018 ގައި ވެސް ހަމަ އެ އުސޫލުން އެ އަންހެން މީހާގެ އެކައުންޓުން 110،000 ޑޮލަރު ނަފީޤް ޕާޝާ މެދުވެރިކޮށް ސީނިއާ އިންޓާނޭޝަނަލް އަށް ފޮނުވި ކަން އޯޑިޓް ރިޕޯޓުން ހާމަވެފައިވެއެވެ.

ކުށް ސާބިތުކުރުމުގައި ފޮރެންސިކް ހެކިތައް މުހިންމު ދައުރެއް އަދާކޮށްފައިވެއެވެ. ޙަސަން ވަޙީދު އޮފީހުގައި ބޭނުންކުރި ސީޕީޔޫ އިން ވަގު ޓްރާންސްފާ ރިކުއެސްޓުގެ ވޯޑް ޓެމްޕަރަރީ ފައިލް ފެނިފައިވެއެވެ. އެ ފައިލް ޕްރިންޓް ވި ވަގުތާއި، އޭނާ ކެބިންގައި އިނދެ ކަރުދާސް ނެގި ވަގުތު ސީސީޓީވީ ފުޓޭޖާ ދިމާވެއެވެ. ހަމައެހެންމެ، އޭނާގެ ކެބިނުން އެ އަންހެން މީހާގެ ސޮއި ފަރިތަކޮށްފައިވާ ކަރުދާސްކޮޅުތައް ފެނިފައިވާ އިރު، ފޮރެންސިކް ޑޮކިއުމަންޓް އެގްޒަމިނޭޝަނުން ދެއްކީ ޓްރާންސްފާ ރިކުއެސްޓުގައިވާ ސޮޔަކީ "ސިމިއުލޭޓެޑް މެތަޑް" ބޭނުންކޮށްގެން ފޯޖުކޮށްފައިވާ ވަގު ސޮޔެއް ކަމަށެވެ.

ޝަރީޢަތުގައި ފާހަގަވި ގޮތުގައި ސީނިއާ އިންޓާނޭޝަނަލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޒައިނަލް ޢާރިފަކީ ޙަސަން ވަޙީދުގެ އެންމެ ގާތް އެކުވެރިޔާ، އެކުގައި ދިރިއުޅުނު މީހާ އަދި ވިޔަފާރި ބައިވެރިޔާއެވެ. ފައިސާ ޖަމާކުރި ނަފީޤް ޕާޝާ އަކީ ޒައިނަލްގެ ދޮންބައްޕައެވެ. ނޮވެމްބަރު 2018 އިން ފެށިގެން ސީނިއާ އިންޓާނޭޝަނަލް އިން ކޮންމެ މަހަކު 52،500 ރުފިޔާގެ މަގުން ޖުމްލަ 367،500 ރުފިޔާ ޙަސަން ވަޙީދުގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަން ވެސް ތަޙުޤީޤަށް އެނގިފައިވެއެވެ. ފައިސާ ގެއްލިގެން 10 ޖޫން 2019 ގައި އެ އަންހެން މީހާ ބޭންކަށް ގޮސް މައްސަލަ ޖެއްސުމުން، ޙަސަން ވަޙީދު އޭނާ ގާތު ބުނީ މިއީ ފްރޯޑެއް ކަމަށެވެ. އެއަށް ފަހު ބޭންކުގެ އެހެން މުވައްޒަފުން ކައިރީ މައްސަލަ ހައްލުވެއްޖެ ކަމަށާއި އެ އަންހެން މީހާ ހަނދާން ނެތުނީ ކަމަށް ބުނެ މައްސަލަ އޮޅުވައިލަން ވެސް މަސައްކަތްކުރި ކަމަށް ހުކުމުގައި ފާހަގަކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.