ކުރީގެ އިންފޮމޭޝަން ކޮމިޝަނަރު ޢަބްދުލްޢަޒީޒު އެ މަޤާމަށް އަލުން ޢައްޔަންކުރުމަށް ހުށަހަޅުއްވައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފޮނުއްވި ސިޓީފުޅު މިއަދުގެ ޖަލްސާގައި އިއްވައި އެ ނަން ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއާ ވަނީ ހަވާލުކޮށްފައެވެ.
މިހާރުގެ އިންފޮމޭޝަން ކޮމިޝަނަރު އަޙުމަދު އާހިދު ރަޝީދުގެ ދައުރު އަންނަ މަހު ހަމަވާތީ އެ މަޤާމަށް ކުރިން ވެސް އެ ޒިންމާ އުފުއްލެވި ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފޮނުއްވި ސިޓީފުޅު މިއަދުގެ ޖަލްސާގައި އިއްވައި އެ ނަން ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއާ ވަނީ ހަވާލުކޮށްފައެވެ.
ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރަކީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނުގެ ދަށުން 22 ޖުލައި 2014 ގައި އެންމެ ފުރަތަމަ އެ މަޤާމަށް ޢައްޔަންކުރެއްވި ބޭފުޅާ ކަމަށް ވާއިރު 22 ޖުލައި 2019 އާ ހަމައަށް އެ މަޤާމުގައި ހުންނެވި ބޭފުޅެކެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ވެސް ކުރައްވާފައިވާ ޢަބްދުލްޢަޒީޒަކީ ބަހުގެ ދާއިރާއިން ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. މިވަގުތު ހުންނެވީ ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރެއްގެ ގޮތުގައެވެ.
އިންފޮމޭޝަން ކޮމިޝަނަރަކީ ސީދާ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާ މިނިވަން ގޮތެއްގައި މަސައްކަތްކުރައްވާ ބޭފުޅެއް ކަމަށް ވާއިރު އެ އޮފީހަކީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން 13 ޖުލައި 2014 ގައި އުފައްދާފައިވާ އޮފީހެކެވެ. ޢަބްދުލްޢަޒީޒުގެ ނަމާ މެދު ގޮތެއް ނިންމާނީ ކޮމިޓީ މަރުޙަލާ ނިމުމުން މަޖިލީހުގެ ތަޅުމުންނެވެ.
ލިޔުންތެރިޔާ
އަހުމަދު އާހިލް ސައީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް