ރަސްމާލެ އިންވެސްޓަރުންނަށް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން ކަމަށް ބަންޑާރަ ނާއިބު ވިދާޅުވެއްޖެ
ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރާނީ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ރޭ ވިދާޅުވެއްޖެއެވެ.
އަހުމަދު އާހިލް ސައީދު
ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރާނީ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ރޭ ވިދާޅުވެއްޖެއެވެ.
އަހާ ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން އުޝާމް ވިދާޅުވީ ކޯޕަރޭޓް ރެސިޑެންސް ވިސާ ދިނުމަކީ މިހާރުވެސް ޤާނޫނީ ގޮތުން ހުއްދަ ކަމެއް ކަމަށާއި، ފާއިތުވި ދެ ސަރުކާރުގައިވެސް މި ނިޒާމު ހިންގުމަށް މުހިންމު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެ ގޮތުން 2015 ވަނަ އަހަރު ރައީސް ޔާމީންގެ ވެރިކަމުގައި، މިހާރުގެ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު އެ ވުޒާރާގައި ހުންނެވި ދުވަސްވަރު، އިމިގްރޭޝަން ޤާނޫނަށް އިސްލާޙު ގެނެސް ކޯޕަރޭޓް ރެސިޑެންސް ވިސާ ފުރަތަމަ ތަޢާރަފުކުރީ ފަތުރުވެރިކަމުގެ ދާއިރާ ފުޅާކޮށް ރިއަލް އެސްޓޭޓް މާކެޓެއް ޤާއިމުކުރުމުގެ މަޤްޞަދުގައި ކަމަށް އުޝާމް ވިދާޅުވިއެވެ.
2015 ގައި އެކުލަވައިލި ގަވާއިދުގައި އޮތް ގޮތުން 50 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކޮށްފި ނަމަ އެ އިންވެސްޓްމަންޓުގެ މުއްދަތަށް ވިސާ ލިބެއެވެ. ނަމަވެސް 2020 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ ފޮރިން ރިލޭޝަންސް ކޮމިޓީން ދިރާސާކޮށް ގެނައި އިސްލާޙުގެ ދަށުން އިންވެސްޓްމަންޓުގެ އަދަދު 250،000 ޑޮލަރަށް ކުޑަކޮށް، ކޮންމެ ފަސް އަހަރަކުން އާކުރެވޭ ގޮތަށް ވިސާ ދޫކުރުމުގެ ފުރުޞަތު ހުޅުވައިލެވުނު ކަމަށް ބަންޑާރަ ނާއިބު ވިދާޅުވިއެވެ.
އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ރަސްމާލެ މަޝްރޫޢާ ގުޅޭ ގޮތުން އުޝާމް ވިދާޅުވީ، މިހާރު މަޝްވަރާ ކުރެވެމުންދާ މި މަޝްރޫޢުގައިވެސް ވިސާ ދިނުމުގެ މަރުޙަލާތައް ކުރިއަށް ގެންދާނީ ހަމަ ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށެވެ. އަދި ރާއްޖޭގެ އެއްވެސް ޤާނޫނަކާ ނުވަތަ ގަވާއިދަކާ ޚިލާފަށް މި މަޝްރޫޢުގެ ތެރެއިން އެއްވެސް ކަމެއް ނުހިނގާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އުޝާމް ވަނީ ދެއްވައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް