ރަޝިޔާގެ ލެބް މުވައްޒަފަކު ޕްލޭގް ބަލީގައި މަރުވި ހާދިސާއާ ގުޅިގެން ބައިނަލްއަޤުވާމީ ނުރައްކަލެއް ނެތް: ޑަބްލިއުއެޗްއޯ
ރަޝިޔާގެ ސައިބީރިއާގެ ލެބޯޓްރީއެއްގައި ނުރައްކާތެރި ޖަރާސީމާ އެކު މަސައްކަތްކުރި 28 އަހަރުގެ އަންހެން މުވައްޒަފަކު ޕްލޭގް ބަލީގައި މަރުވި ހާދިސާއާ ގުޅިގެން އެހެން ޤައުމުތަކަށް ނުރައްކަލެއް ނެތް ކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ.
އަހުމަދު އާހިލް ސައީދު
ރަޝިޔާގެ ސައިބީރިއާގެ ލެބޯޓްރީއެއްގައި ނުރައްކާތެރި ޖަރާސީމާ އެކު މަސައްކަތްކުރި 28 އަހަރުގެ އަންހެން މުވައްޒަފަކު ޕްލޭގް ބަލީގައި މަރުވި ހާދިސާއާ ގުޅިގެން އެހެން ޤައުމުތަކަށް ނުރައްކަލެއް ނެތް ކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ.
ޑާރިޔާ ޝިޕިލޯވާ ނަމަކަށް ކިޔާ އެ މުވައްޒަފު މިދިޔަ މަހުގެ 25 ވަނަ ދުވަހު ލެބޯޓްރީގައި މަސައްކަތްކުރަމުން ދަނިކޮށް "ޔަރްސީނިއާ ޕެސްޓިސް" ޕްލޭގް ބެކްޓީރިއާ ހިމެނޭ ޓެސްޓް ޓިއުބެއް އަތުން ވެއްޓި ތެޅުނެވެ. އެ ހާދިސާއަށް ދެ ދުވަސް ފަހުން ނޭވާލާން އުނދަގޫވެ ހާލު ސީރިއަސްވެ، ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނިކޮށް މި މަހުގެ ދެ ވަނަ ދުވަހު އޭނާ މަރުވީއެވެ.
ޑަބްލިއުއެޗްއޯގެ ތަރުޖަމާނު ކްރިސްޓިއަން ލިންޑްމަޔާ ބުނީ ރަޝިޔާއިން ބޭރަށް މި ބަލީގެ ނުރައްކާ އޮތް މިންވަރު "ވަރަށް ކުޑަ" ކަމަށެވެ. ކޯވިޑް-19 ފަދަ ބަލިމަޑުކަމަކާ ގުޅުން ހުރި ކަމެއް ކަމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތް ކަމަށް ވެސް އޭނާ ބުންޏެވެ.
ރަޝިޔާގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ޝިޕިލޯވާއާ ގުޅުން ހުރި ގާތްގަނޑަކަށް 200 މީހުން ކަރަންޓީނުކޮށްފައެވެ. އެ މީހުންގެ ގައިން ބައްޔެއްގެ ޖަރާސީމެއް ފެނިފައި ނުވާ ކަމަށާއި ބަލީގެ އެއްވެސް ޢަލާމާތެއް ވެސް ނުފެންނަ ކަމަށް ރަޝިޔާ އިން ބުނެފައިވެއެވެ. އެ ޤައުމުން ބުނާ ގޮތުގައި ހާލަތު މިހާރު ވަނީ ހަމައަކަށް އެޅިފައެވެ.
ނަމަވެސް އެމެރިކާ އިން ދެކެނީ މިއީ ހީކުރާ ވަރަށް ވުރެ ސީރިއަސް ކަމެއްގެ ގޮތުގައި ބެލެންޖެހޭ ކަމެއް ކަމަށެވެ. މި ބައްޔާ ގުޅޭ ގޮތުން ރަޝިޔާގެ ރައީސް ވްލަޑްމިއާ ޕުޓިންއަށް ވަރަށް އަވަހަށް ގުޅާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފައިވެއެވެ.
ނިއުމޮނިކް ޕްލޭގަކީ ފުއްޕާމެއަށް ޖެހޭ ބާވަތުގެ ތާޢޫނެކެވެ. ފަރުވާ ނުލިބިއްޖެ ނަމަ ފުރާނައަށް ނުރައްކާވެދާނެ ނަމަވެސް، ވަގުތު ފާއިތު ނުވަނީސް ފަރުވާ ދެވިއްޖެ ނަމަ ރަނގަޅުވާ ނިސްބަތް މަތި ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފައިވެއެވެ. މި ބެކްޓީރިއާ ޢާންމުކޮށް ފެންނަނީ ކުދި ޖަނަވާރުންނާއި އެ ތަކެތީގައި އުޅޭ އުކުނުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް