ބޮލިދުއްފަރުގައި މުސާރަ ނުލިބިގެން އިހުތިޖާޖުކުރި ބިދޭސީންތަކެއް ހައްޔަރުކުރި މައްސަލަ ޓްރާންސްޕޭރެންސީން ފެންމަތިކޮށްފި
ކ. ބޮލިދުއްފަރުގައި ރިސޯޓެއް ތަރައްޤީކުރާ ކޮންސްޓްރަކްޝަން ސައިޓުގައި ހަ މަސް ވަންދެން މުސާރަ ނުދީ ހިފެހެއްޓުމުން އިހުތިޖާޖުކުރި ބިދޭސީ މަސައްކަތްތެރިންތަކެއް ބަންދުކުރި މައްސަލައެއް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ސަމާލުކަމަށް ގެނެސްފިއެވެ.
ކ. ބޮލިދުއްފަރުގައި ރިސޯޓެއް ތަރައްޤީކުރާ ކޮންސްޓްރަކްޝަން ސައިޓުގައި ހަ މަސް ވަންދެން މުސާރަ ނުދީ ހިފެހެއްޓުމުން އިހުތިޖާޖުކުރި ބިދޭސީ މަސައްކަތްތެރިންތަކެއް ބަންދުކުރި މައްސަލައެއް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ސަމާލުކަމަށް ގެނެސްފިއެވެ.
ޓްރާންސްޕޭރެންސީން ބުނީ އެ އިހުތިޖާޖާ ގުޅިގެން ގާތްގަނޑަކަށް 21 ބިދޭސީ މަސައްކަތްތެރިއަކު އިމިގްރޭޝަން ޑިޓެންޝަން ސެންޓަރަށް ގެންގޮސްފައިވާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ. ސުލްހަވެރި އިހުތިޖާޖެއްގައި ބައިވެރިވުމުގެ ސަބަބުން މަސައްކަތްތެރިން ބަންދުކުރުމަކީ އަސާސީ ޙައްޤުތަކަށް އުނިކަން އަންނާނެ ކަމެއް ކަމަށާއި، މިއީ ޙައްޤުތައް ހޯދުމަށް މަސައްކަތްކުރާ ފަރާތްތަކާ ދެކޮޅަށް ބަދަލު ހިފުމުގެ ބާވަތެއް ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެއެވެ.
ރާއްޖޭގެ ޤާނޫނުއަސާސީގެ ދަށުން ރާއްޖޭގައި ވަޒީފާ އަދާކުރާ ކޮންމެ ފަރާތަކަށް ވެސް އިހުތިޖާޖުގެ ގޮތުން މަސައްކަތް ހުއްޓައިލުމާއި ހަޅުތާލުކުރުމުގެ މިނިވަންކަން ލިބިގެންވާ ކަމަށާއި، އެ ޙައްޤުގެ ބޭނުން ހިފުމުން މަސައްކަތްތެރިންނަށް ބިރު ދައްކައި ހައްޔަރުކޮށްގެން ނުވާނެ ކަމަށް ޓްރާންސްޕޭރެންސީން ބުނެފައިވެއެވެ.
އެ ޖަމިއްޔާއިން ވަނީ ބަންދުގައި ތިބި ބިދޭސީން ވަގުތުން ދޫކޮށްލުމަށް ގޮވާލައިފައެވެ. އަދި މި ހައްޔަރުކުރުންތަކުގައި އިންސާނީ ޙައްޤުތަކާ ޚިލާފު ކަމެއް ހިނގާފައިވޭތޯ ބެލުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަށާއި، އިހުތިޖާޖަށް މެދުވެރިވި ސަބަބުތައް ތަޙުޤީޤުކޮށް މަސައްކަތްތެރިންގެ ޙައްޤުތައް ޙިމާޔަތްކުރުމަށް ފިޔަވަޅު އެޅުމަށް ލޭބާ ރިލޭޝަންސް އޮތޯރިޓީއަށް ވެސް ގޮވާލައިފައެވެ.
ފުލުހުން ބުނީ އިހުތިޖާޖުކުރި މީހުން ފުރުވައިލުމަށް އެއާޕޯޓަށް ގެންދިޔަ ކަމަށާއި، އެ ތަނުން އެކަކު ފުރާފައިވާ ކަމަށެވެ. ބާކީ ތިބި މީހުންނާ މެދު ގޮތެއް ނުނިމުނީ އެ މީހުން ފުރުމަށް ދެކޮޅު ހެދުމުން ކަމަށް ފުލުހުން ބުނެފައިވެއެވެ. އެ މީހުންނާ މެދު ގޮތެއް ނިންމާނީ އިމިގްރޭޝަނާއި އެ މީހުން މަސައްކަތްކުރާ ކުންފުނިން ކަނޑައަޅާ ގޮތެއްގެ މަތިން ކަމަށް ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް