ކުރީގެ ނައިބު ރައީސް އަދީބަށް ލީޑަޝިޕް ދާއިރާއިން ބައިނަލްއަޤުވާމީ އެވޯޑެއް ދީފި
ރާއްޖޭގެ ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބު ޢަބްދުލްޣަފޫރަށް ހިންގުންތެރިކަމުގެ ދާއިރާއިން 2026 ވަނަ އަހަރުގެ ގްލޯބަލް ރެކޮގްނިޝަން އެވޯޑް ލިބިއްޖެއެވެ.
ރާއްޖޭގެ ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބު ޢަބްދުލްޣަފޫރަށް ހިންގުންތެރިކަމުގެ ދާއިރާއިން 2026 ވަނަ އަހަރުގެ ގްލޯބަލް ރެކޮގްނިޝަން އެވޯޑް ލިބިއްޖެއެވެ.
ދައުލަތުގެ އިސް މަޤާމުތަކާއި ވިޔަފާރީގެ ދާއިރާގައި އަދީބު އަދާކުރި ދައުރުތަކުގެ މައްޗަށް ބިނާކޮށް ދީފައިވާ މި އެވޯޑަކީ ބައިނަލްއަޤުވާމީ ފެންވަރުގައި ހުށަހެޅުނު ނޮމިނޭޝަނެއް ވަޒަންކޮށްގެން ދިން އެވޯޑެކެވެ. ތަޖުރިބާކާރުންގެ ޕެނަލަކުން ނޮމިނޭޝަންތައް ސްކްރީންކުރީ އީޖާދީ ވިސްނުމާއި ލީޑަޝިޕާއި ޚިދުމަތާއި ދެމެހެއްޓެނިވި ތަރައްޤީ އަދި އިޖުތިމާޢީ ޒިންމާގެ މިންގަނޑުތަކުންނެވެ. އެއް (އެންމެ ދަށް) އިން ފެށިގެން ފަހެއް (ދުނިޔޭގެ ފެންވަރު) ގެ ސްކޭލަކުން ގްރޭޑުކުރާ އެ ނިޒާމުގައި އަދީބަށް ތަސައްވުރާއި ސްޓްރެޓެޖީ ތަންފީޒުކުރުމާއި ނަޒާހަތްތެރިކަމާއި އީޖާދީ ވިސްނުން ކުރިއެރުވުން ފަދަ ބައިތަކުން އެންމެ މަތީ ދަރަޖަ ކަމުގައިވާ ފައެއް ދީފައިވެއެވެ.
އެ ޖަމްޢިއްޔާގެ ތަރުޖަމާނު އެލެކްސް ސްޓާލިން ބުނީ "އަހުމަދު އަދީބުގެ ސީނިއަރ ޕަބްލިކް ރޯލްތަކާއި، އިންފްރާސްޓްރަކްޗަރ އަދި ޓޫރިޒަމާ ގުޅޭ ސަރުކާރުތަކުގެ ދެމެދުގެ އެއްބަސްވުންތަކާއި، ތަފާތު ދާއިރާތަކުގައި މެނޭޖްމަންޓް ތަޖުރިބާ ވެސް ހިމެނޭ ރެކޯޑަކީ 2026 ގެ ގްލޯބަލް ރެކޮގްނިޝަން އެވޯޑު ހޯދައިދިން ލީޑަޝިޕެވެ" ކަމަށެވެ. އެ އެވޯޑު ބިނާވެފައި ވަނީ ނޮމިނޭޝަން ލިޔެކިޔުންތަކުގައި ހުރި ރެކޯޑުގެ މައްޗަށް ކަމަށާއި އެ ލިޔެކިޔުންތަކުން ސާބިތުނުވާ ނަތީޖާތައް އެވޯޑުގެ ތެރޭގައި ނުހިމެނޭ ކަމަށް ވެސް ގްލޯބަލް ރެކޮގްނިޝަން އެވޯޑްސްއިން ބުނެފައިވެއެވެ.
އަދީބު ވަނީ 2012 އިން 2015 ވަނަ އަހަރުގެ ޖުލައިގެ ނިޔަލަށް ޓޫރިޒަމް މިނިސްޓަރުކަމާއި 2015 ވަނަ އަހަރުގެ ޖުލައިން ނޮވެމްބަރާ ދެމެދު ނައިބު ރައީސްކަން ކުރައްވައިފައެވެ. އެއާ އެކު ކެބިނެޓުގެ އިޤްތިޞާދީ އަދި ޒުވާނުންގެ ކައުންސިލުގެ ކޯ ޗެއާކަމާއި ސްޕެޝަލް އިކޮނޮމިކް ޒޯންސް ބޯޑުގެ ޗެއާކަން ވެސް ފުރުއްވައިފައިވެއެވެ. ސަރުކާރަށް ވެންނެވުމުގެ ކުރިން 2010 އިން 2012 އަށް މޯލްޑިވްސް ނޭޝަނަލް ޗެމްބަރ އޮފް ކޮމާސް އެންޑް އިންޑަސްޓްރީޒްގެ ރައީސްކަން ކުރެއްވިއެވެ. 2008 އިން 2010 އަށް މިލީނިއަމް ކެޕިޓަލް މެނޭޖްމަންޓްގެ ޗީފް އޮޕަރޭޓިން އޮފިސަރުކަން ކުރެއްވިއެވެ. ތަޢުލީމީ ގޮތުން ބަލާއިރު، 2007 ގައި ޔުނިވަރސިޓީ އޮފް ސްޓެފަޑްޝަޔާއިން ބެޗެލަރސް ޑިގްރީ ޙާޞިލުކުރައްވައި، 2010 ގައި އީޑިތު ކޯވަން ޔުނިވަރސިޓީން އެމްބީއޭ ނިންމެވިއެވެ.
ނައިބު ރައީސްކަމުގައި ހުންނަވަނިކޮށް 2015 ވަނަ އަހަރުގެ އޮކްޓޫބަރު 24 ގައި ރިޔާސީ ސްޕީޑްބޯޓު ފިނިފެންމާގައި ހިނގި ގޮވުމާ ގުޅިގެން އަދީބު ހައްޔަރުކުރެވުނެވެ. 2016 ގައި ޖުމްލަ 33 އަހަރުގެ ޖަލު ޙުކުމެއް އައެވެ. އެއީ އެ ހާދިސާއާ ގުޅިގެން 15 އަހަރާއި ޕިސްޓަލެއް ގެންގުޅުމުގެ ކުށުން 10 އަހަރާއި ލ. މާބިންހުރާ ދޫކުރުމުން ދައުލަތަށް ލިބެންޖެހޭ ފައިސާ އޮޅުވައިލި މައްސަލައިން އަށް އަހަރެވެ. ނަމަވެސް 2019 ވަނަ އަހަރުގެ މެއި މަހު ހައިކޯޓާއި ސުޕްރީމް ކޯޓުން އެ ޙުކުމްތައް ބާޠިލުކުރިއެވެ. ފަހުން އެމްއެމްޕީއާރުސީގެ ކޮރަޕްޝަން މައްސަލާގައި ހުށަހެޅުނު ހަތް ދައުވާއަކަށް އިޢުތިރާފުވެ، ދައުލަތާ އެކު ވެވުނު އެއްބަސްވުމެއްގެ ދަށުން 2020 ވަނަ އަހަރުގެ އޮކްޓޫބަރު ފަހެއްގައި ކްރިމިނަލް ކޯޓުން 20 އަހަރުގެ ޖަލު ޙުކުމަކާއި ދެ މިލިއަން ރުފިޔާގެ ޖޫރިމަނާއެއް ކަނޑައެޅިއެވެ. 2023 ވަނަ އަހަރުގެ ނޮވެމްބަރުގައި ވެރިކަމުގެ ދައުރު ނިމެން ހަތަރު ދުވަހަށް ވެފައި ވަނިކޮށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ޙުކުމުގެ ބާކީ ބައި ލުއިކޮށްދެއްވުމުން އަދީބު މިނިވަންވިއެވެ. އެ ނިންމުމަށް ފުޅާ ދާއިރާއެއްގައި ފާޑުކިޔުން އަމާޒުވިއެވެ. ޖޫރިމަނާގެ ބާކީ އޮތް އެއް މިލިއަން ރުފިޔާ މި އަހަރުގެ އޮގަސްޓު 13 ގައި ދައްކައި ނިމުނު ކަމަށް ސިވިލް ކޯޓުން ހާމަކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް