މާފުށީގައި ހެލޯވީން ޕާޓީ ބޭއްވި މައްސަލައިގައި އިސްލާމިކް މިނިސްޓްރީ ހަނުއޮތް އޮތުމާ މެދު ފާޑުކިޔުން ބޮޑުވެއްޖެ
ކ. މާފުށީގައި ހެލޯވީން ޕާޓީއެއް ބޭއްވި މައްސަލައިގައި އިސްލާމިކް މިނިސްޓްރީއާއި ފުލުހުންނާއި މާފުށީ ކައުންސިލުން ވެސް ޖަވާބެއް ނުދީ ހަނުތިބެއްޖެއެވެ.
ކ. މާފުށީގައި ހެލޯވީން ޕާޓީއެއް ބޭއްވި މައްސަލައިގައި އިސްލާމިކް މިނިސްޓްރީއާއި ފުލުހުންނާއި މާފުށީ ކައުންސިލުން ވެސް ޖަވާބެއް ނުދީ ހަނުތިބެއްޖެއެވެ.
މާފުށީގައި ލޯކަލް ޓޫރިޒަމް ހިންގާ ކާނި ހޮޓެލްސް އެންޑް ޓުއާސް އިން އެ ކުންފުނީގެ ކާނި ޕާމް ބީޗް ގައި މިދިޔަ އޮކްޓޫބަރު މަހުގެ 31 ވަނަ ދުވަހު ހެލޯވީން ޕާޓީއެއް ބާއްވާނެކަން މީސްމީޑިއާގައި އެ މަހުގެ 24 ވަނަ ދުވަހު އިއުލާނުކޮށްފައިވެއެވެ. އެ އިއުލާނުގައި ބުފޭއަކާއި ޑީޖޭއެއް އޮންނާނެ ކަމަށް ބުނެ، ޚާއްޞަ ކޮސްޓިއުމް އަޅައިގެން އައުމަށް ވެސް އެދިފައިވެއެވެ. އެ ޕާޓީ ބާއްވައި، ހަރަކާތުގެ ވީޑިއޯތައް ވެސް ކާނި ހޮޓެލްސްގެ އަމިއްލަ އެކައުންޓުން މީސްމީޑިއާގައި އާންމުކޮށްފައިވެއެވެ. ކުރީ އަހަރުތަކުގައި ވެސް އެ ފަރާތުން މާފުށީގައި މިފަދަ ހެލޯވީން ހަރަކާތްތައް ހިންގާފައިވާކަން އެ ކުންފުނީގެ މީސްމީޑިއާއިން ފެންނަން އެބަހުއްޓެވެ.
މި މައްސަލައިގައި އިސްލާމިކް މިނިސްޓްރީއަށް ތަކުރާރުކޮށް ގުޅައި މެސެޖު ފޮނުވުމުން ވެސް އެ މިނިސްޓްރީން ޖަވާބެއް ދީފައެއް ނުވެއެވެ. ހަމައެހެންމެ ފުލުހުންނާ ތަކުރާރުކޮށް ސުވާލުކުރުމުން ވެސް ޖަވާބެއް ލިބިފައެއް ނުވެއެވެ. މާފުށީ ކައުންސިލްގެ ރައީސް ޢަލީ ޝައްމޫން އެކަން ސަމާލުކަމަށް އައިސްފައިވާ ކަމަށް ވިދާޅުވި ނަމަވެސް، އެކަން އެނގުނީ ކޮން އިރަކުތޯ އާއި އެޅި ފިޔަވަޅަކާ މެދު ސުވާލުކުރުމުން ޖަވާބެއް ނުދެއްވައި ފޯނު ކަނޑާލެއްވީއެވެ.
ކައުންސިލްގެ ނައިބު ރައީސް ޙުސައިން ޢާމިލް ވިދާޅުވީ އެފަދަ ޕާޓީއެއް ބޭއްވިކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. "އަޅުގަނޑަކަށް ނޭނގެ ބޭއްވި ކަމެއް… (ހެލޯވީން ޕާޓީގެ) ވީޑިއޯ ތި ވެދާނެ ކުރީގެ އެއްޗެއް ކަމަށްވެސް. އެ ޕާޓީ ބޭއްވިކަން އަޅުގަނޑަކަށް ނޭނގެ. އެއްވެސް ފަރާތަކުން އެފަދަ ކަމެއް ކައުންސިލްގެ ސަމާލުކަމަށްވެސް ގެނެސްފައި ނުވޭ،" ނައިބު ރައީސް ވިދާޅުވިއެވެ.
ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމާ ބެހޭ ޤާނޫނު (94/6) ގެ ދަށުން ހަދާފައިވާ ޤަވާޢިދުގެ ނުވަ ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން، ރާއްޖޭގައި ދިރިއުޅޭ ނުވަތަ ޒިޔާރަތްކުރާ ޣައިރު މުސްލިމުން ފާޅުކަން ބޮޑު ގޮތެއްގައި ދީނީ ޝިޢާރުތައް ފާޅުކުރުމާއި، ޢާންމު ތަންތާނގައި ޖަމާޢަތް ހަދައިގެން ދީނީ ޙަރަކާތްތައް ހިންގުމާއި، އެފަދަ ޙަރަކާތެއްގައި ދިވެއްސަކު ބައިވެރިވުމަކީ މަނާ ކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް