މައިގަނޑު ބަޔަށް ދާން

ވިޔަފާރި

ފެނަކައިން ހިންގި ހުރިހާ އިންޖީނުގެއެއް ސްޓެލްކޯގެ ދަށަށް ބަދަލުކޮށް ނިންމައިފި

ފެނަކަ ކޯޕަރޭޝަނުން ޔުޓިލިޓީ ޚިދުމަތް ފޯރުކޮށްދެމުން ގެންދިޔަ ހުރިހާ ރަށެއްގެ އިންޖީނުގެތައް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް މިއަދު އެއްކޮށް ނިންމައިފިއެވެ.

ފެނަކައިން ހިންގި ހުރިހާ އިންޖީނުގެއެއް ސްޓެލްކޯގެ ދަށަށް ބަދަލުކޮށް ނިންމައިފި

ފެނަކަ ކޯޕަރޭޝަނުން ޔުޓިލިޓީ ޚިދުމަތް ފޯރުކޮށްދެމުން ގެންދިޔަ ހުރިހާ ރަށެއްގެ އިންޖީނުގެތައް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް މިއަދު އެއްކޮށް ނިންމައިފިއެވެ.

އެންމެ ފަހު އިންޖީނުގެއެއްގެ ގޮތުގައި މިއަދު ސްޓެލްކޯއިން ހަވާލުވީ ލ. ފޮނަދޫ އިންޖީނުގެއާއެވެ. އެ ރަށުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ޤައުމީ ދިދަ ނަންގަވައިދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ޑރ. ޢަލީ އަޒުވަރެވެ. ސްޓެލްކޯގެ ދިދަ ނަންގަވައިދެއްވީ އެ ކުންފުނީގެ ސައުތު ރީޖަނަލް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރު އަޙުމަދު ޝަރުނީޒެވެ.

ފެނަކަ އުވާލައި އެ ކުންފުނީގެ އިންޖީނުގެތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ މިދިޔަ ސެޕްޓެމްބަރު މަހުއެވެ. އެ ނިންމެވުމާ ގުޅިގެން ސްޓެލްކޯއިން އެންމެ ފުރަތަމަ ހަވާލުވީ އައްޑޫ ސިޓީގެ ކަރަންޓުގެ ޚިދުމަތާއެވެ. މިއަދުގެ ބަދަލާ އެކު ބާކީ އޮތް 127 ރަށެއްގެ ޔުޓިލިޓީ ޚިދުމަތް ރަސްމީކޮށް ސްޓެލްކޯގެ ދަށަށް ގެނެވިފައިވެއެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑރ. ޢަލީ އަޒުވަރު ވިދާޅުވީ، ރަށްތަކުގެ ޚިދުމަތްތަކާ ސްޓެލްކޯއިން ހަވާލުވުމުން ރައްޔިތުން އެ ޚިދުމަތްތަކާ މެދު ކުރާ އުންމީދު ބޮޑުވެފައިވާ ކަމަށެވެ. މިއީ ރައީސް ޑރ. މުޢިއްޒުގެ ހަރުދަނާ ވިސްނުންފުޅާއި ދުރުވިސްނޭ ސިޔާސަތުތަކުގެ ތެރެއިން ނިންމެވި ވަރަށް މުހިންމު ނިންމެވުމެއް ކަމަށް ފާހަގަކުރައްވައި އެމަނިކުފާނަށް ޝުކުރު ދެންނެވިއެވެ. އެމްޑީ ވިދާޅުވީ ރައްޔިތުންގެ އުންމީދުތައް ޙާޞިލުކޮށްދިނުމަށް ކުންފުންޏާއި މުވައްޒަފުން ކެނޑިނޭޅި މަސައްކަތް ކުރާނެ ކަމަށެވެ.

މީގެ ކުރިން ސްޓެލްކޯއިން ޚިދުމަތް ދެމުން ގެންދިޔައީ މާލެ ސަރަޙައްދުގެ އިތުރުން ކ.، އއ.، އދ. އަދި ވ. އަތޮޅުގައެވެ. ފެނަކަ އުވާލުމުގެ ކުރިން ބ.، ޅ. އަދި މ. އަތޮޅުގެ ރަށްތައް ވެސް ވަނީ ސްޓެލްކޯގެ ދަށަށް ގެނެސްފައެވެ. އަލަށް ހަވާލުވި ރަށްތަކުގެ ހިންގުން ހަރުދަނާކޮށް ސްޓެލްކޯގެ މިންގަނޑުތަކަށް ޚިދުމަތް ފެއްތުމަށް އިދާރީ އޮނިގަނޑަށް ބަދަލު ގެނެސް ތަންފީޒުކުރަން ފަށާފައިވާ އިރު، މި މަސައްކަތުގައި ސްޓެލްކޯގެ ހަތަރު ޓީމެއް އަތޮޅުތެރޭގައި ހަރަކާތްތެރިވެފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.