މައްކާ ދިފާޢީ އެއްބަސްވުން ތުރުކީގެ ޕާލިމަންޓުން 279 ވޯޓުން ފާސްކޮށްފި
ސަޢޫދީ ޢަރަބިއްޔާ އާއި ޕާކިސްތާނާ އެކު ތުރުކީވިލާތުން ސޮއިކޮށްފައިވާ ދިފާޢީ އެއްބަސްވުން އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުން ބުރާސްފަތި ދުވަހު ރަސްމީކޮށް ފާސްކޮށްފިއެވެ.
ސަޢޫދީ ޢަރަބިއްޔާ އާއި ޕާކިސްތާނާ އެކު ތުރުކީވިލާތުން ސޮއިކޮށްފައިވާ ދިފާޢީ އެއްބަސްވުން އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުން ބުރާސްފަތި ދުވަހު ރަސްމީކޮށް ފާސްކޮށްފިއެވެ.
މި އެއްބަސްވުމުގައި ތުރުކީގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާން އާއި ސަޢޫދީ ވަލީއަޙްދު މުޙައްމަދު ބިން ސަލްމާން އަދި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ސޮއިކުރެއްވީ މިއަހަރުގެ އޮގަސްޓް ހަތް ވަނަ ދުވަހު މައްކާގައެވެ. ވޯޓުގައި ބައިވެރިވި 398 މެންބަރުންގެ ތެރެއިން 279 މެންބަރުން ވޯޓު ދެއްވީ ފެންނަ ކަމަށެވެ. އެއްބަސްވުމާ ދެކޮޅަށް 119 މެންބަރަކު ވޯޓު ދެއްވިއެވެ.
ޖުމްލަ 16 މާއްދާގެ މައްޗަށް އެކުލެވިގެންވާ މި އެއްބަސްވުމުގެ އެންމެ ފާހަގަކޮށްލެވޭ ބަޔަކީ، އެއް ޤައުމަކަށް ދެވޭ ހަމަލާއެއް ހުރިހާ ބައިވެރި ޤައުމުތަކަށް ދެވޭ ހަމަލާއެއްގެ ގޮތުގައި ބެލެވޭ މާއްދާއެވެ. މިއީ ނޭޓޯ އެލަޔަންސްގެ ފަސް ވަނަ މާއްދާއާ އެއް އުސޫލެއްގެ މާއްދާއެކެވެ. ފުރަތަމަ މާއްދާގައިވާ ގޮތުން، މެންބަރު ޤައުމުތަކުގެ ސަރަޙައްދީ ރައްކާތެރިކަމަށް ނުރައްކާވާ ކަންކަން ހުއްޓުވުމަށް "އެޅެންހުރި ހުރިހާ ފިޔަވަޅެއް" އެޅުން ލާޒިމުވެއެވެ. ދެވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، މެންބަރު ޤައުމަކަށް އަސްކަރީ ހަމަލާއެއް އައިސްފިނަމަ ދެން ތިބި ޤައުމުތަކުން ވަގުތުން ފުރިހަމަ އަސްކަރީ އެހީ ފޯރުކޮށްދޭންޖެހޭނެ ކަމަށެވެ. ނޭޓޯގެ ދެވަނައަށް އެންމެ ބޮޑު އަސްކަރިއްޔާ އޮންނަ ތުރުކީވިލާތް މި އެއްބަސްވުމުން ދިފާޢީ ޒިންމާތަކާ ބެހެއްޓެއެވެ.
މީގެ އިތުރުން ދިފާޢީ އުފެއްދުންތެރިކަން ކުރިއެރުވުމާއި، ގުޅިފައިވާ އަސްކަރީ ތަމްރީނުތައް ހިންގުމާއި، ޓެކްނޮލޮޖީ އަދި ޖާސޫސީ މަޢުލޫމާތު ބަދަލުކުރުން ވެސް މި އެއްބަސްވުމުގެ ތެރޭގައި ހިމެނެއެވެ. އެއްބަސްވުމުގެ މުއްދަތަކީ 10 އަހަރެވެ. ބައިވެރި ޤައުމުތަކުގެ ރުހުމާ އެކު އިތުރު ޤައުމުތައް ގުޅުމުގެ ފުރުޞަތު ވެސް އޮންނައިރު، ސޫރިޔާއިން ވަނީ ބައިވެރިވުމުގެ ޝައުޤުވެރިކަން ފާޅުކޮށްފައެވެ.
މި އެއްބަސްވުން ފާސްވި ނަމަވެސް ތުރުކީ ސިފައިން ވަގުތުން ސަޢޫދީއަށް ފޮނުވާނެ ކަމަކަށް ނުބެލެވެއެވެ. ތުރުކީގެ ދިފާޢީ މިނިސްޓަރު ޔާޝާރް ގުލާ ވިދާޅުވެފައިވަނީ "ތުރުކީގެ އަމާޒަކީ ޙޫޘީންނާ ސީދާ ހަނގުރާމައަކަށް ދިއުން ނޫން" ކަމަށާއި، އެއްބަސްވުމުގެ މައިގަނޑު ބޭނުމަކީ "ނުރައްކާތަކުން ދިފާޢުވުމުގެ ބާރު ގަދަކުރުން" ކަމަށެވެ.
ޔަމަނުގެ ޙޫޘީ ޖަމާޢަތުން ސަޢޫދީ ޢަރަބިއްޔާއަށް ދޭ ހަމަލާތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި މި އެއްބަސްވުން ފާސްކުރިއިރު، އިއްޔެ ވެސް ސަޢޫދީން ވަނީ މަދީނާގެ ސަރަޙައްދުން ޙޫޘީންގެ ޑްރޯނެއް ވައްޓާލި ކަމަށް ހާމަކޮށްފައެވެ. މުޤައްދަސް ދެ ޙަރަމްފުޅަށް އަމާޒުކޮށް ހަމަލާ ދޭ ކަމަށް ސަޢޫދީން ތުހުމަތުކުރި ނަމަވެސް، ޙޫޘީ ޖަމާޢަތުން އެ ތުހުމަތު ދޮގުކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް