ޞިއްޙަތު ރައްކާތެރިކުރުމަކީ ﷲ ހަވާލުކުރެއްވި އަމާނާތެއް: ހުކުރު ޚުތުބާ
ހަށިގަނޑަށް ގަސްދުގައި ގެއްލުން ދިނުމާއި ޒަރޫރީ ފަރުވާ ނުހޯދައި ދޫކޮށްލުމަކީ އިސްލާމް ދީން ހުއްދަ ކުރާ ކަމެއް ނޫން ކަމަށް ބަޔާންކޮށް، "ޞިއްޙަތަށް ފަރުވާތެރިވުން" މި މައުޟޫޢަށް ޚާއްޞަކޮށް މިއަދުގެ ހުކުރު ޚުތުބާ އިއްވައިފިއެވެ.
ހަށިގަނޑަށް ގަސްދުގައި ގެއްލުން ދިނުމާއި ޒަރޫރީ ފަރުވާ ނުހޯދައި ދޫކޮށްލުމަކީ އިސްލާމް ދީން ހުއްދަ ކުރާ ކަމެއް ނޫން ކަމަށް ބަޔާންކޮށް، "ޞިއްޙަތަށް ފަރުވާތެރިވުން" މި މައުޟޫޢަށް ޚާއްޞަކޮށް މިއަދުގެ ހުކުރު ޚުތުބާ އިއްވައިފިއެވެ.
ޚުތުބާގައި ފާހަގަކޮށްފައިވާ ގޮތުގައި ދުޅަހެޔޮ ޞިއްޙަތުގެ ހަގީގީ އަގު ގިނަ ފަހަރަށް ވަޒަންކުރެވެނީ އެ ނިޢުމަތުން މަޙުރޫމުވެ ބުރޫއެރުމުންނެވެ. އިންސާނާގެ ނަފުސަކީ ﷲ ތަޢާލާ ހަވާލުކުރައްވާފައިވާ އަމާނާތެއް ކަމަށާއި، ހިތް އެދޭ ކޮންމެ ގޮތަކަށް އެ އަމާނާތް ނަގައިލުމުގެ ހައްގެއް އެއްވެސް މީހަކަށް ލިބިގެން ނުވާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަމިއްލަ ނަފުސު ނުރައްކާތެރި ހާލަތްތަކަށް ހުށަހެޅުމާއި ޞިއްޙީ ކަންކަމާ މެދު ފަރުވާކުޑަކުރުން ހުއްދަ ނޫން ކަމުގެ ދަލީލު ކީރިތި ޤުރުއާނުގެ އާޔަތްތަކުން ގެނެސްދީފައިވެއެވެ.
ޒުވާންކަމަކީ ތާއަބަދަށް ދެމިއޮންނާނެ ކަމެއް ނޫންކަން ހަނދާންކޮށްދެމުން ޚުތުބާގައި ބުނެފައިވަނީ ހަށިގަނޑުގެ ބާރު ދެރަވެ އެހެން މީހުންގެ އެހީއަށް ބޭނުންވާ ދުވަހެއް ކޮންމެ މީހަކަށް ވެސް އަންނާނެ ކަމަށެވެ. ޞިއްޙަތު ރައްކާތެރިކުރުމަކީ ކޮންމެ މީހެއްގެ ޒިންމާއެއް ކަމުގައި ވިޔަސް، މުސްކުޅިކަމާއި ބަލިމަޑުކަން ހުއްޓުވުމުގެ ކުޅެދުންތެރިކަމެއް އެއްވެސް މީހަކަށް ލިބިގެން ނުވާ ކަމަށް ވެސް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.
ކީރިތި ރަސޫލާ ﷺ ގެ ހަދީޘްފުޅެއްގައި މުއުމިނު އަޅާގެ މިސާލު ޖައްސަވާފައިވަނީ ވައި ޖެހުމުން ލެނބި، ވައި މަޑުވުމުން ސީދާވާ ޅަނދޮޅު ގަހެއްގެ ގޮތުގައި ކަމަށާއި، ކާފިރުވި މީހާގެ މިސާލު ގެންނެވީ ﷲ އިރާދަކުރެއްވި ވަގުތަކު މުލުން ލުހެލައްވަންދެން ވަޔާ ނުލެނބި ހެދިފައި ހުންނަ ފިތުރޯނު ޢާއިލާގެ ގަހެއްގެ ގޮތުގައި ކަމަށް ޚުތުބާގައި ބަޔާންކޮށްފައިވެއެވެ. އެ ހަދީޘްފުޅާ ގުޅުވައި ޚުތުބާގައި ބުނެފައިވަނީ ހަގީގީ އީމާންކަމަކީ ތަދު އިހުސާސް ނުވުން ނޫން ކަމަށާއި، ދަތި ހާލަތްތަކުގައި ވެސް ﷲ އާ އޮންނަ ގުޅުން ނުކެނޑި ދެމެހެއްޓުން ކަމަށެވެ.
"ގިނަ ބަޔަކު އެ ދެ ނިޢުމަތަކާމެދު ޣާފިލުވެފައިވާ ދެ ނިޢުމަތެއް ވެއެވެ. އެއީ ޞިއްހަތާއި ހުސް ވަގުތެވެ." ކީރިތި ރަސޫލާ ﷺ ގެ މި ހަދީޘްފުޅުގައިވާ "މަޣްބޫން" ގެ މުރާދަކީ އަތުގައިވާ އަގުހުރި ރައުސްމާލެއްގެ ހަގީގީ އަގު ވަޒަން ނުކުރެވި ގެއްލުމުގެ ތެރެއަށް ދޫކޮށްލެވުން ކަމުގައި ޚުތުބާގައި ބުނެފައިވެއެވެ.
ޞިއްޙީ ދުޅަހެޔޮކަން ދެމެހެއްޓުމަކީ ހަމައެކަނި ބަލިތަކުން ސަލާމަތްވުމަށް ކުރާ ކަމެއް ނޫން ކަމަށާއި، އެއީ ﷲ އަށް ކުއްތަންވެ ހެޔޮ ޢަމަލުތައް ކުރުންމަތީ ދެމިތިބުމަށް ދެއްވާފައިވާ އަމާނާތެއް ކަމަށް ޚުތުބާގައި ބަޔާންކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް