އިސްތިއުމާރީ އިސްރާއީލުގެ ސަރުކާރު އެކުލަވާލުމުގެ މެންޑޭޓް އައިޒެންކޮޓާ ހަވާލުކޮށްފި
އިސްތިއުމާރީ އިސްރާއީލުގެ އާ ސަރުކާރެއް އެކުލަވާލުމުގެ ޒިންމާ، ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ނުދީ، އަސްކަރިއްޔާގެ ކުރީގެ ވެރިޔާ ގާދީ އައިޒެންކޮޓާ ރައީސް އިސާކް ހަރޒޮގް ހަވާލުކޮށްފިއެވެ.
އިސްތިއުމާރީ އިސްރާއީލުގެ އާ ސަރުކާރެއް އެކުލަވާލުމުގެ ޒިންމާ، ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ނުދީ، އަސްކަރިއްޔާގެ ކުރީގެ ވެރިޔާ ގާދީ އައިޒެންކޮޓާ ރައީސް އިސާކް ހަރޒޮގް ހަވާލުކޮށްފިއެވެ.
ރައީސް ހަރޒޮގްގެ ތަރުޖަމާނު ބުނީ މި ނިންމުން ހޮނިހިރު ދުވަހުގެ ރޭ އައިޒެންކޮޓަށް އަންގާފައިވާ ކަމަށެވެ. ރަސްމީކޮށް މެންޑޭޓް ހަވާލުކުރުމަށް ހަމަޖެހިފައި އޮތީ އާދީއްތަ ދުވަހު ބާއްވާ ޚާއްޞަ ރަސްމިއްޔާތެއްގައެވެ. ޔަޝާރް ޕާޓީގެ ލީޑަރު އައިޒެންކޮޓަށް ގިނަ ޕާޓީތަކެއްގެ ތާއީދު ލިބިފައިވާއިރު، އަރަބި ޕާޓީތައް ހިމެނޭ ގޮތަށް ގިނަ މެންބަރުން އޭނާއަށް ތާއީދުކުރިއެވެ. ނަތަންޔާހޫއަށް ތާއީދުކުރީ އެންމެ 46 މެންބަރުންނެވެ.
އިސްރާއީލުގެ ޤާނޫނުހަދާ މަޖިލިސް (ކްނެސެޓް) ގެ 120 ގޮނޑީގެ ތެރެއިން 61 ގޮނޑީގެ އަޣުލަބިއްޔަތު ހޯދައިގެން ނޫނީ ސަރުކާރެއް ނުއުފެއްދޭނެއެވެ. މިކަމަށް އައިޒެންކޮޓަށް 28 ދުވަހުގެ މުއްދަތެއް ލިބޭނެއެވެ. އަދި ބޭނުންވެއްޖެނަމަ އިތުރު 14 ދުވަސް ދެވިދާނެއެވެ. އޮކްޓޫބަރުގައި ބޭއްވި އިންތިޚާބުގައި އައިޒެންކޮޓްގެ ހަތަރު ޕާޓީގެ އިއްތިހާދަށް ލިބުނީ 48 ގޮނޑިއެވެ. ނަތަންޔާހޫގެ ކަނާތުފިޔައިގެ ޕާޓީތަކަށް ލިބުނީ 53 ގޮނޑިއެވެ. އެހެންކަމުން ދެ ފަރާތަށް ވެސް ސީދާ އަޣުލަބިއްޔަތެއް ނެތެވެ. ފަލަސްތީނުގެ ރައްޔިތުން ތަމްސީލުކުރާ އަރަބި ޕާޓީތަކުން ތާރީޚީ ކާމިޔާބީއެއް ހޯދައި 19 ގޮނޑި ކާމިޔާބުކުރިއެވެ.
އަރަބި ޕާޓީތަކާ އެކު ސީދާ ކޯލިޝަނެއް ހެދުމަށް އައިޒެންކޮޓް ދެކޮޅު ހަދަމުންދާތީ، އޭނާއަށް ސަރުކާރެއް އެކުލަވާލެވެން އޮތީ ދީނީ ދެ ޕާޓީ ކަމަށްވާ ޔުނައިޓެޑް ތޯރާ ޖުޑައިޒަމް އަދި ޝާސް ޕާޓީގެ ތާއީދު ހޯދައިގެން ނުވަތަ މަޖިލީހުގެ އިތުބާރާ އެކު މައިނޯރިޓީ ސަރުކާރެއް އުފައްދައިގެންނެވެ. ދެވިފައިވާ މުއްދަތުގައި ސަރުކާރެއް ނުއުފެއްދިއްޖެނަމަ އެހެން ކެންޑިޑޭޓަކަށް ފުރުސަތު ދެވޭނެއެވެ. އެ ކެންޑިޑޭޓަށް ވެސް ނާކާމިޔާބުވެއްޖެނަމަ 90 ދުވަހުގެ ތެރޭގައި އާ އިންތިޚާބެއް ބާއްވަން ޖެހޭނެއެވެ.
އަރަބި ޕާޓީތަކުގެ ކޯލިޝަން ކަމަށްވާ ޖޮއިންޓް ލިސްޓްގެ އިސް މެންބަރެއް ކަމަށްވާ އަހްމަދު ތީބީ ބުނީ އެ ޕާޓީތަކުން އައިޒެންކޮޓަށް ތާއީދުކުރީ "ނަތަންޔާހޫ އާއި ބެން-ގްވީރް އަދި ސްމޮޓްރިޗް ފަދަ ހަރުކަށި ފަރާތްތަކުގެ ސަރުކާރު ނިމުމަކަށް ގެނައުމުގެ ބޭނުމުގައި" ކަމަށެވެ. ނަތަންޔާހޫ ވަނީ އަރަބި ޕާޓީތަކުގެ ތާއީދާ އެކު ސަރުކާރެއް އުފައްދައިފިނަމަ އިސްރާއީލު ވެއްޓުމަކާ ދިމާއަށް ހިނގައިދާނެ ކަމަށް ބުނެފައެވެ. މިއަށް ރައްދު ދެމުން ތީބީ ބުނީ "ސަރަހައްދުގައި ހުރި އެންމެ ބޮޑު ޓެރަރިސްޓަކީ އަދި ޓެރަރިޒަމަށް ހިތްވަރުދޭ އެންމެ އިސް ފަރާތަކީ ޚުދު ނަތަންޔާހޫ" ކަމަށެވެ.
2015 އިން 2019 އަށް އަސްކަރިއްޔާގެ ވެރިޔަކަށް ހުރި އައިޒެންކޮޓަކީ 2023 ވަނަ އަހަރު ޣައްޒާއާ ދެކޮޅަށް އިސްތިއުމާރީ އިސްރާއީލުން ފެށި ލާއިންސާނީ ގަތުލުޢާންމުގެ ފުރަތަމަ އަށް މަސް ދުވަހު ނަތަންޔާހޫގެ ވޯ ކެބިނެޓުގައި އޮބްޒާވަރެއްގެ ގޮތުގައި މަސައްކަތްކުރި މީހެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް