ޣައްޒާއަށް ބޯކޮށް ވާރޭވެހި 70،000 ފޭލިގެއެއްގައި ފެންބޮޑުވެއްޖެ
ފިނި މޫސުމުގެ ވިއްސާރައިގައި ޣައްޒާގެ އެކި ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހި، ގެދޮރު ގެއްލިފައިވާ ފަލަސްޠީނު ރައްޔިތުން ދިރިއުޅެމުންދާ ގާތްގަނޑަކަށް 70،000 ފޭލިގެއެއްގައި ފެންބޮޑުވެ ހާލަތު ގޯސްވެއްޖެއެވެ.
ފިނި މޫސުމުގެ ވިއްސާރައިގައި ޣައްޒާގެ އެކި ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހި، ގެދޮރު ގެއްލިފައިވާ ފަލަސްޠީނު ރައްޔިތުން ދިރިއުޅެމުންދާ ގާތްގަނޑަކަށް 70،000 ފޭލިގެއެއްގައި ފެންބޮޑުވެ ހާލަތު ގޯސްވެއްޖެއެވެ.
ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުން ބުނީ ވާރެއެ ވެހެން ފެށިތާ 12 ގަޑިއިރުގެ ތެރޭގައި ލިބުނު ގެއްލުންތަކުގެ އަގު ގާތްގަނޑަކަށް ތިން މިލިއަން ޑޮލަރަށް އަރާ ކަމަށެވެ. އިސްތިޢުމާރީ އިޒްރޭލުގެ ހަމަލާތަކުގައި ބަލިކަށިވެފައި ހުރި އެތައް ޢިމާރާތެއްގެ ފާރުތައް ވެއްޓި ބައެއް މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވެއެވެ.
ޣައްޒާގެ ސިވިލް ޑިފެންސް އިދާރާއިން ބުނި ގޮތުގައި ހޮނިހިރު ދުވަހުގެ ފަތިހު ވާރޭ ވެހެން ފެށިތާ ފުރަތަމަ 10 ގަޑިއިރުގެ ތެރޭގައި އެހީއަށް އެދި 1،500 އަށް ވުރެ ގިނަ ކޯލު ލިބިފައިވެއެވެ. ބައެއް ފޭލިގެ ކޭމްޕުތަކުގައި 30 އާއި 40 ސެންޓިމީޓަރާ ދެމެދު އުސްމިނަށް ފެން ހެދިފައިވާ ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެއެވެ. ޣައްޒާ ސިޓީ، ޚާން ޔޫނިސް އަދި ދެއިރް ބަލަޙްގެ ކޭމްޕުތަކުގައި ޢާއިލާތައް ކަކުލާ ހިސާބަށް ފެން ހެދިފައިވާ މަގުތަކުގައި ހުސް ފަޔާ ހިނގަމުންދާ ކަމަށާއި، ގޮދަޑިތަކާއި ކުއިލްޓުތައް މުޅިން ތެމިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އޭގެ އިތުރުން މޫދާ ކައިރީގައި އޮންނަ އަލް މަވާސީ ސަރަޙައްދުގައި ދިރިއުޅޭ 125،000 އަށް ވުރެ ގިނަ ޢާއިލާގެ ފޭލިގެތަކަށް އުދައެރުމުގެ ބިރު ވަނީ ބޮޑުވެފައެވެ.
ސިވިލް ޑިފެންސްގެ ތަރުޖަމާނު މަޙްމޫދު ބަސަލް ވިދާޅުވީ "ބައެއް ހިޔާވަހިކަން ދޭ މަރުކަޒުތަކުގައި މުޅިން ފެންބޮޑުވެ، އެތަންތަނުގައި ތިބި މީހުން މަގުމަތިވެފައިވާ" ކަމަށެވެ. އެންމެ ނާޒުކު ހާލަތުގައި ތިބީ ދުވަސް ނުފުރާ ވިހާފައިވާ ކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި ބަލި މީހުން ކަމަށާއި، ފިނީގައި ފޭލިގެތަކުގައި ދިރިއުޅޭ މީހުންގެ ފުރާނައަށް ނުރައްކާވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޣައްޒާ ސިޓީގެ އަލްޝިފާ ހޮސްޕިޓަލުގެ އެމަޖެންސީ ޑިޕާޓްމަންޓުގައި ވެސް ފެންބޮޑުވެ، ގާތްގަނޑަކަށް ހަތަރު ގަޑިއިރަށް ޚިދުމަތް މެދުކެނޑިފައިވެއެވެ. އެ ހޮސްޕިޓަލުގެ ޑިރެކްޓަރު މުޙައްމަދު އަބޫ ސަލްމިޔާ ވިދާޅުވީ ނަޖިސް ފެނާއި ވާރޭ ފެން އެކުވެ ފޭލިގެތަކަށް ވަނުމުން ނޭވާލާ ނިޒާމުގެ ބަލިތަކާއި ހަމުގެ އިންފެކްޝަންތައް އިތުރުވާނެ ކަމަށާއި، ހޫނުކަން ބޭނުންވާ ޅަ ދަރިންގެ ފުރާނަ ގެއްލިދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.
ޣައްޒާގެ އިމަޖެންސީ ކޮމިޓީން ބުނެފައިވާ ގޮތުގައި ފިނި މޫސުމާ ކުރިމަތިލުމަށް ގާތްގަނޑަކަށް 200،000 ފޭލިގެއާއި ހޫނުކުރާ ސާމާނު ކޮންމެހެން ބޭނުންވެއެވެ. ނަމަވެސް އިސްތިޢުމާރީ އިޒްރޭލުން އެހީގެ ސާމާނު ވެއްދުމަށް އަޅާފައިވާ ހުރަސްތަކުގެ ސަބަބުން އެއްވެސް އެހީއެއް އެތެރެކުރެވޭ ގޮތް ނުވެއެވެ. އެންޖީއޯ ނެޓްވޯކްގެ ޑިރެކްޓަރު މުޙައްމަދު ސަލްހާ ވިދާޅުވީ މިޞްރު ބޯޑަރު ކައިރީގައި 50،000 ފޭލިގެ ތައްޔާރަށް ހުރި ނަމަވެސް، އިޒްރޭލުން އެތަކެތި ޣައްޒާއަށް ވެއްދުމުގެ ހުއްދަ ދީފައިނުވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް