ޝުހާދުގެ މަރުގެ މައްސަލާގައި ފަރީދަށް މަރުގެ އަދަބު ދިނުމަށް ސުޕްރީމް ކޯޓުން ތާއީދުކޮށްފި
ޏ. ފުވައްމުލަކުގައި 2010 ވަނަ އަހަރު ތޫނު އެއްޗަކުން ހަމަލާދީ ޢަބްދުﷲ ޝުހާދު މެރުމުގެ ކުށުގައި ޙަސަން ފަރީދު މެރުމަށް ދަށު ކޯޓާއި ހައިކޯޓުން ކޮށްފައިވާ ޙުކުމް ދަމަހައްޓައި، މަރަށް މަރު ހިފުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން މިއަދު ނިންމައިފިއެވެ.
ޏ. ފުވައްމުލަކުގައި 2010 ވަނަ އަހަރު ތޫނު އެއްޗަކުން ހަމަލާދީ ޢަބްދުﷲ ޝުހާދު މެރުމުގެ ކުށުގައި ޙަސަން ފަރީދު މެރުމަށް ދަށު ކޯޓާއި ހައިކޯޓުން ކޮށްފައިވާ ޙުކުމް ދަމަހައްޓައި، މަރަށް މަރު ހިފުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން މިއަދު ނިންމައިފިއެވެ.
މި ޙާދިސާ ހިނގީ 27 ޖެނުއަރީ 2010 ވީ ބުދަ ދުވަހުގެ ރޭގަނޑު 9:30 ހާއިރުއެވެ. ފަރީދު އިތުރު ބަޔަކާ އެކު ފުވައްމުލަކު ދޫނޑިގަން ބޮޑުފަންނު މަގާއި ބަހާރުމަގާ ގުޅޭ ހަތަރު އަނގޮޅިއަށް ގޮސް، އެ ސަރަޙައްދުގައި ހުރި ފަޅުގެއެއްގެ ފާރުބުރި މަތީގައި ތިބި ބައެއްގެ ތެރެއިން ޝުހާދުގެ މެއާ ދިމާ ކަނާތު އަރިކައްޓަށް ވަޅިން ހަމަލާ ދިނީއެވެ. ލިބުނު ފުން ޒަޚަމްތަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ޖެހިގެން އައި ރޭ ޝުހާދު މަރުވީއެވެ.
ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ސާބިތުވެ، ފަރީދު މެރުމަށް ކްރިމިނަލް ކޯޓުން ފުރަތަމަ ޙުކުމް ކުރީ 13 މެއި 2015 ގައެވެ. ހަމަ އެ އަހަރުގެ ޖޫން މަހު ހައިކޯޓުގައި މައްސަލަ އިސްތިއުނާފު ކުރުމުން އެ ކޯޓުން ވެސް ދަށު ކޯޓުގެ ޙުކުމަށް ތާއީދުކުރީއެވެ. އެއާ ގުޅިގެން ފަރީދުގެ ފަރާތުން 2017 ވަނަ އަހަރު ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީއެވެ.
ސުޕްރީމް ކޯޓުގައި ކުރިން ބޭއްވި އަޑުއެހުމެއްގައި ފުވައްމުލަކުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބައިވެރިވެ، ޝުހާދުގެ މައިންބަފައިން ވަނީ އިސްލާމީ ޝަރީޢަތުގައިވާ ގޮތުގެ މަތިން މަރަށް މަރު ހިފަން ބޭނުންވާ ކަމަށް ބުނެފައެވެ.
މިއަދުގެ ޙުކުމުގައި ބުނެފައިވަނީ ޝުހާދު މަރުވީ ޙަސަން ފަރީދުގެ ރަޙުމު ކުޑަ، ޢުދުވާނީ އަދި ލާއިންސާނީ ޢަމަލުގެ ނަތީޖާއިން ކަން ހެކީންގެ ހެކިބަހަށާއި މެޑިކޯ ލީގަލް ރިޕޯޓުތަކުން ސާފުކޮށް އެނގޭ ކަމަށެވެ. އަދި ޤާނޫނުލްޢުޤޫބާތުގައި ބަޔާންކޮށްފައިވާ ފަދައިން އިސްލާމީ ޝަރީޢަތުގެ މިންގަނޑުން ފަރީދުގެ މައްޗަށް ޙައްޤަކާ ނުލައި ޤަޞްދުގައި މީހަކު މެރުމުގެ ކުށް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށެވެ.
މި މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވީ އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް