ފުލުހުންގެ ޓްރެފިކް ތަޙުޤީޤުތަކުގައި ސްމާޓް ޑްރޯ ސޮފްޓްވެއާ ބޭނުންކުރަން ފަށައިފި
މަގުމަތީގެ އެކްސިޑެންޓް ހާދިސާތައް ތަޙުޤީޤުކުރުމުގެ މަސައްކަތް ހަލުވިކޮށް ފެންވަރު ރަނގަޅުކުރުމަށްޓަކައި ޓްރެފިކް އިންވެސްޓިގޭޝަން ފަންކްޝަނުން ސްމާޓް ޑްރޯ ސޮފްޓްވެއާ ރަސްމީކޮށް ބޭނުންކުރަން ފަށައިފިއެވެ.
އަހުމަދު އާހިލް ސައީދު
މަގުމަތީގެ އެކްސިޑެންޓް ހާދިސާތައް ތަޙުޤީޤުކުރުމުގެ މަސައްކަތް ހަލުވިކޮށް ފެންވަރު ރަނގަޅުކުރުމަށްޓަކައި ޓްރެފިކް އިންވެސްޓިގޭޝަން ފަންކްޝަނުން ސްމާޓް ޑްރޯ ސޮފްޓްވެއާ ރަސްމީކޮށް ބޭނުންކުރަން ފަށައިފިއެވެ.
ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓުގެ ދަށުން ހިންގާ އެ ފަންކްޝަނުން ތަޢާރަފުކުރި މި ޕްރޮގްރާމަކީ އެކްސިޑެންޓް ހިނގާ ސަރަޙައްދުތަކުގެ ޑައިގްރާމާއި ސްކެޗް ފަސޭހައިން ކުރެހުމަށް ޚާއްޞަކޮށް ފަރުމާކޮށްފައިވާ ސޮފްޓްވެއާއެކެވެ. މި ޕްރޮގްރާމުގައި އިންޓަސެކްޝަނާއި ޓީ ޖަންކްޝަނާއި ސީދާ މަގު ފަދަ ތަފާތު މަގު ލޭއައުޓްތައް ކުރިން ތައްޔާރުކޮށް ހިމަނައިފައިވެއެވެ.
އެކި ބާވަތުގެ އުޅަނދުފަހަރާއި ސައިކަލާއި ޓްރެފިކް ނިޝާންތަކާއި މަގުބައްތި ފަދަ ތަޙުޤީޤަށް ބޭނުންވާ މުހިންމު ބައިތަކުގެ ރެޑީމޭޑް ސިމްބަލްތައް ވެސް އެ ސޮފްޓްވެއާގައި ހިމެނެއެވެ. ހާދިސާ ހިނގި ތަނުގެ ސައްޙަ މަންޒަރެއް ދެއްކުމަށް ގޫގުލް މެޕްސް އާއި ސެޓެލައިޓް ފޮޓޯ އެ ޕްރޮގްރާމަށް އެޅައިގެން ޑައިގްރާމް ތައްޔާރުކުރެވޭ ގޮތް ވެސް ވަނީ ހަމަޖައްސައިފައެވެ.
މި ސޮފްޓްވެއާ ތަޢާރަފުކޮށްފައިވަނީ ތަޙުޤީޤީ ރިޕޯޓުތަކުގެ ފެންވަރު މަތިކޮށް ހެކި ރައްކާކުރުމުގެ ނިޒާމު ވަރުގަދަކުރުމުގެ ބޭނުމުގައެވެ. ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ފޯރުކޮށްދޭ ފުލުހުންގެ ޚިދުމަތްތައް ހަރުދަނާކުރުމަށް ޒަމާނީ ވަސީލަތްތައް ތަޢާރަފުކުރުމުގެ ގިނަ މަސައްކަތްތަކެއް ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ ކުރިއަށް ގެންދަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް