ލޯނު ދެއްކުމަށް މިއަހަރު ބަޖެޓުން 10 ބިލިއަން ރުފިޔާ ޚަރަދުކޮށްފި
މިއަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ލޯނު އަދާކުރުމަށް ރެކޯޑް ޢަދަދެއް ކަމުގައިވާ 10.09 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.
އަހުމަދު އާހިލް ސައީދު
މިއަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ލޯނު އަދާކުރުމަށް ރެކޯޑް ޢަދަދެއް ކަމުގައިވާ 10.09 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.
މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލޯނު ދެއްކުމަށް ޚަރަދުކުރި 4.5 ބިލިއަން ރުފިޔާއާ އަޅައިބަލާއިރު 5.6 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. އަދާކުރި ލޯނުތަކުގެ ތެރެއިން އެންމެ ބޮޑު ޚަރަދެއް ހިނގާފައި ވަނީ ތަރައްޤީގެ މަޝްރޫޢުތަކަށް ނަގާފައިވާ ލޯނުތައް ދެއްކުމަށް ކަމަށް ވާއިރު، އެ ބައިން އެކަނި 4.7 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.
މިއަހަރު ވެފައި ވަނީ ރާއްޖެއިން ބޭރަށް ދައްކަންޖެހޭ ދަރަނި ދެއްކުމަށް ބޮޑު ހޭދައެއް ކުރި އަހަރަކަށެވެ. ކުރީ ސަރުކާރުތަކުން ނެގި ދަރަނިތަކުގެ ތެރެއިން އެންމެ ފަހުން ދައްކާފައި ވަނީ އިންޑިއާގެ ސްޓޭޓް ބޭންކު މެދުވެރިކޮށް ނެގި 150 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލް ފެސިލިޓީގެ ފަހު 50 މިލިއަން ޑޮލަރެވެ. އޭގެ ކުރިން އެޕްރީލް ދެ ވަނަ ދުވަހު 524 މިލިއަން ޑޮލަރުގެ ސުކޫކެއް އަދި 23 އެޕްރީލުގައި އިންޑިއާއަށް 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފައިސާ ވެސް ދައްކާފައިވެއެވެ.
ބޮޑެތި ދަރަނިތައް ދައްކަމުން ދިޔަ ނަމަވެސް ތެލާއި ކާޑާއި ބޭހާއި ޒަރޫރީ އެހެނިހެން މުދާ އެތެރެކުރުމަށް ބޭނުންވާ ބޭރު ފައިސާ ހޯދުމުގައި އެއްވެސް ހުރަހެއް ކުރިމަތި ނުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް