ރަސްމާލެ ހުއްޓުވުމަށް ޔާމީނާއި އެމްޑީޕީ ގުޅިގެން ކުރާ މަސައްކަތް ނާކާމިޔާބުވާނެ: އަބްދުއްރަހީމް
ރަސްމާލެ މަޝްރޫޢަށް ހުރަސް އެޅުމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އެމްޑީޕީއާ ގުޅިގެން ކުރައްވާ މަސައްކަތް ކާމިޔާބު ނުވާނެ ކަމަށް ވިދާޅުވެ، ދިވެހީންނަކީ ބައެއްގެ ނުފޫޒަށް ލެނބޭ ވަރަށްވުރެ ހަރުދަނާ ބައެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ޢަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.
އަހުމަދު އާހިލް ސައީދު
ރަސްމާލެ މަޝްރޫޢަށް ހުރަސް އެޅުމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އެމްޑީޕީއާ ގުޅިގެން ކުރައްވާ މަސައްކަތް ކާމިޔާބު ނުވާނެ ކަމަށް ވިދާޅުވެ، ދިވެހީންނަކީ ބައެއްގެ ނުފޫޒަށް ލެނބޭ ވަރަށްވުރެ ހަރުދަނާ ބައެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ޢަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ސައޫދީ ޢަރަބިއްޔާގެ ކުންފުންޏަކުން ފ. އަތޮޅުގައި ހިންގަން އުޅުނު މަޝްރޫޢު ހުއްޓުވުމަށް އެމްޑީޕީން އެ ދުވަސްވަރު މަސައްކަތް ކުރި ކަން ފާހަގަކުރައްވައިފައެވެ. ޔޫއޭއީގެ ކުންފުންޏަކާ ގުޅިގެން ރަސްމާލޭގައި ހިންގުމަށް ރާވާފައިވާ ބޮޑު މަޝްރޫޢު ހުއްޓުވުމަށް މިހާރު ރައީސް ޔާމީން އިސްވެ ހުންނަވައި އެމްޑީޕީއާ ގުޅިގެން ކުރައްވާ މަސައްކަތާއި، ކުރިން އެމްޑީޕީން ކުރި މަސައްކަތާ އެއްވެސް ތަފާތެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން، ރައީސް ޔާމީން ކުރިން ދެއްކެވި ވާހަކަފުޅުތަކާއި މިއަދު ދައްކަވާ ވާހަކަފުޅުތައް ފުށުއަރާ ކަމަށް ވިދާޅުވެ އެކަމާ މެދު އަބްދުއްރަހީމް ވަނީ ސުވާލު އުފައްދަވައިފައެވެ. އެ ދުވަހު ރައީސް ޔާމީން ސިފަކުރެއްވީ އެމްޑީޕީން ވެރިކަމުގެ ދަހިވެތިކަމުގައި ޤައުމާއި ރައްޔިތުންނަށް ގައްދާރުވީ ކަމަށް ކަމަށާއި، ނަމަވެސް މިއަދު ހަމަ އެ ދަހިވެތިކަމުގައި ހުދު ރައީސް ޔާމީނަށް ޤައުމާއި ރައްޔިތުންނަށް ގައްދާރުވެވެނީ ނޫންތޯ މަޖިލިސް ރައީސް ސުވާލު ކުރެއްވިއެވެ. ވެރިކަމުގެ ދަހިވެތިކަން އިންތިހާއަށް ގޮސް، ދެއްކެވޭ ވާހަކައެއް ނޭނގޭ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށް ވެސް އެމަނިކުފާނު ތުހުމަތު ކުރެއްވިއެވެ.
ރަސްމާލެ މަޝްރޫޢާ ބެހޭ ގޮތުން އަބްދުއްރަހީމް ވިދާޅުވީ "މާތް ﷲ ގެ ތަނަވަސް ރަހުމަތްފުޅުން އެ މަޝްރޫއު ހުއްޓުވުމަކީ ކުރެވޭނެ ކަމެއް ނޫން" ކަމަށެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި ލަސްތަކެއް ނުވެ އެ ބިޔަ މަޝްރޫޢު ފެށޭނެ ކަމުގެ ޔަޤީންކަން ދެއްވައި، އެ މަޝްރޫޢު ކުރިއަށް ގެންދާނީ ޤާނޫނުއަސާސީއާއި ޤާނޫނުތަކާ އެއްގޮތަށް ކަމަށް ވެސް ވިދާޅުވެފައިވެއެވެ. މުސްތަޤުބަލުގައި މި މަޝްރޫޢުގެ ފުރިހަމަ ފައިދާ ދިވެހި ރައްޔިތުންނަށް ލިބޭނެ ކަމަށާއި، ދިވެހީން ބޭނުންވަނީ ހަމަޖެހުމާއި ރައްކާތެރިކަމާއި ތަރައްޤީ ކަމަށް ވެސް ވިދާޅުވިއެވެ. އެމަނިކުފާނުގެ ޝިޢާރެއް ކަމަށް ވިދާޅުވީ "އެންމެ ފުރަތަމަ ޤައުމު" ކަމަށެވެ.
ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ކުރިއަށް ގެންދާ މި މަޝްރޫޢުގެ ފުރަތަމަ މަރުޙަލާގެ އެއްބަސްވުމުގައި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބާއި އީގަލް ހިލްސްގެ ޗެއާމަން މުޙައްމަދު ޢަލާއްބާރު ވަނީ ސޮއިކުރައްވައިފައެވެ. މި މަޝްރޫޢުގެ އެކި ފިޔަވަހިތަކުގެ ޖުމްލަ އަންދާޒާ އަގު 20 ބިލިއަން ޑޮލަރަށް އަރާ ކަމަށް ބެލެވޭ އިރު، 54،000 އަށް ވުރެ ގިނަ ވަޒީފާ އުފެދި، އަހަރަކު ދެ ބިލިއަން ޑޮލަރުގެ ފަތުރުވެރިކަމުގެ އާމްދަނީއެއް ލިބޭނެ ކަމަށް ސަރުކާރުން ލަފާކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް