ކިންގް ހާލިދު އެއާޕޯޓަށް އިތުރު ހަމަލާއެއް ދީ ބަޔަކު ޒަހަމްކޮށްލައިފި
ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގެ ކިންގް ހާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް މިއަދު މެންދުރުފަހު ދިން ހަމަލާއެއްގައި ބަޔަކު ޒަހަމްވެ، އެ އެއާޕޯޓުގެ ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.
އަހުމަދު އާހިލް ސައީދު
ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގެ ކިންގް ހާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް މިއަދު މެންދުރުފަހު ދިން ހަމަލާއެއްގައި ބަޔަކު ޒަހަމްވެ، އެ އެއާޕޯޓުގެ ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.
ސައޫދީ އަރަބިއްޔާގެ މަދަނީ ވައިގެ ދަތުރުފަތުރާ ބެހޭ އިދާރާ (ގާކާ) އިން ނެރުނު ބަޔާނުގައިވާ ގޮތުން، މި ހާދިސާ ހިނގާފައިވަނީ އޮކްޓޫބަރު 10 ވީ ހޮނިހިރު ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައެވެ. ޒަހަމްވި މީހުންގެ ޖުމްލަ އަދަދު ދެނެގަތުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ލިބުނު ގެއްލުންތައް ފުރިހަމައަށް ބެލައި ރައްކާތެރިކަން ކަށަވަރުކުރެވެންދެން ފްލައިޓްތައް މެދުކެނޑިފައި އޮންނާނެ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
ހަމަލާގެ ކުރިން ހޮނިހިރު ދުވަހު ކިންގް ހާލިދު އެއާޕޯޓުން ވަނީ ޓްރެވެލް އެޑްވައިޒަރީއެއް ނެރެ، ދަތުރުވެރިން ސީދާ އެއާލައިންތަކާ ގުޅައިގެން ފްލައިޓުގެ ހާލަތު ބެލުމަށް ފަހު އެއާޕޯޓަށް ދިޔުމަށް އިލްތިމާސްކޮށްފައެވެ. އޭގެ އިތުރުން ސައޫދީ ޚާރިޖިއްޔާއިން ވަނީ ދަތުރުތައް ހުއްޓުމުގެ ސަބަބުން ބޭރު ޤައުމުތަކުގައި ތާށިވެފައި ތިބި ނުވަތަ ރިޔާޒަށް ނާދެވިފައި ތިބި ސައޫދީ ރައްޔިތުން، ތިބި ޤައުމެއްގައި ހުރި ސައޫދީ ޑިޕްލޮމެޓިކް މިޝަނަކާ ގުޅައި އެހީ ހޯދުމަށް އެދިފައެވެ. އެ ޤައުމުތަކުގައި ހުރި ސައޫދީ އެމްބަސީތަކާއި ކޮންސިއުލޭޓުތަކުން ރައްޔިތުންނަށް ބޭނުންވާ އެހީތެރިކަމާއި އިރުޝާދު ފޯރުކޮށްދޭނެ ކަމަށް ވެސް ޚާރިޖިއްޔާއިން ބުނެފައިވެއެވެ.
މި ހަމަލާ އައީ ބުރާސްފަތި ދުވަހު ހަމަ އެ އެއާޕޯޓަށް ދިން ދެ ހަމަލާއެއްގައި ތިން ސައޫދީ ރައްޔިތަކު މަރުވެ އިތުރު ބަޔަކު ޒަހަމްވިތާ އެންމެ ދެ ދުވަސް ފަހުންނެވެ. އިތުރު ތަފްސީލް ލިބެމުންދާ ވަރަކުން ހާމަކުރާނެ ކަމަށް ގާކާ އިން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް