ގަލޮޅު ގެއަކުން ފައިސާ ފޭރުނު މައްސަލައިގައި އާއިލާ މީހަކު ހިމެނޭ ގޮތަށް ބަޔަކު ހައްޔަރުކޮށްފި
މާލޭ ގަލޮޅު ގެއަކަށް މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަދެ ވަޅިން ބިރުދައްކައިގެން ގިނަ އަދަދެއްގެ ފައިސާ ފޭރިގަތް މައްސަލައިގައި، އެ ޢަމަލުގެ އަޑީގައި ހުރި ކަމަށް ތުހުމަތުކުރެވޭ އާއިލާ މީހަކު ހިމެނޭ ގޮތަށް ބަޔަކު ރޭ ހައްޔަރުކޮށްފިއެވެ.
އަހުމަދު އާހިލް ސައީދު
މާލޭ ގަލޮޅު ގެއަކަށް މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަދެ ވަޅިން ބިރުދައްކައިގެން ގިނަ އަދަދެއްގެ ފައިސާ ފޭރިގަތް މައްސަލައިގައި، އެ ޢަމަލުގެ އަޑީގައި ހުރި ކަމަށް ތުހުމަތުކުރެވޭ އާއިލާ މީހަކު ހިމެނޭ ގޮތަށް ބަޔަކު ރޭ ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކުރި އެކެއް ކަމަށްވާ ހއ. ހޯރަފުށި، ލިލީޒް، ޒާހިރު ޢަލީދީދީ (44 އ.) ގެ މައްޗަށް ކޮށްފައިވަނީ ބިރުދެއްކުމާއި ހުއްދަ ނޫން ގޮތުގައި މީހުން ހިފެހެއްޓުމާއި ފޭރުމުގެ ތުހުމަތެވެ. ބަންދު އަމުރުން އެނގޭ ގޮތުގައި ކޯޓުން ވަނީ ޒާހިރު 15 ދުވަހަށް ކަސްޓޯޑިއަލް ޖަލެއްގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
ތަޙުޤީޤީ އޮފިސަރު (އައިއޯ) ކޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ފޭރުމުގައި ޢަމަލީ ގޮތުން ބައިވެރިވި މީހުން ހާދިސާގެ ކުރިން ޒާހިރާ އެކު ހަރަކާތްތެރިވެފައިވެއެވެ. އަދި އެ ގެއަށް ވެސް ދިޔައީ ޒާހިރާ އެކުގައި ކަމަށާއި، ހާދިސާ ހިނގި ފަހުން ހައްޔަރުކުރެވެންދެން ޒާހިރު އެ ގެއަށް އެނބުރި ގޮސްފައި ނުވާ ކަމަށް އައިއޯ ބުނެފައިވެއެވެ. ޒާހިރު ހައްޔަރުކުރެވުނީ ފޭރުމުގައި ޢަމަލީ ގޮތުން ބައިވެރިވި މީހަކު ހައްޔަރުކުރުމުގެ އޮޕަރޭޝަނެއްގެ ތެރެއިން، އެ މީހާއާ އެކު ހުއްޓައެވެ.
ޒާހިރު ދިފާޢުގައި ބުނެފައިވަނީ ފޭރުން ހިންގި މީހާއަކީ ގޭމެއް ކުޅުމުގެ ތެރެއިން ދިމާވި މީހެއް ކަމަށާއި، "އެ މީހުން އޭނާ ވެސް ހިފެހެއްޓައި ގެއަށް ނުވަދެވޭ ގޮތް ހެދުމަށް ފަހު ތަޅުދަނޑި ހިފައިގެން ގޮސް ކުރިކަމެއް ކުރީ" ކަމަށެވެ. އެ ކަމާ އެއްވެސް ގުޅުމެއް ނެތް ކަމަށް އޭނާ ބުނެފައިވެއެވެ.
ސޯޝަލް މީޑިއާގެ ޕޯސްޓުތަކާ ހަވާލާދީ ބެލެވޭ ގޮތުގައި، މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގޭގައި ތިބި ތިން މީހަކު ރަހީނުކޮށް ތިން ލައްކައަށް ވުރެ ގިނަ ރުފިޔާ ގެންގޮސްފައިވެއެވެ. ފޭރުނު ތަކެތީގެ ތަފުސީލް ފުލުހުން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް